Roadha Mihaaru
ފުރަތަމަ މެޗު އަބަދުވެސް އުނދަގޫވާނެ: ސެގާޓް

ފުރަތަމަ މެޗު އަބަދުވެސް އުނދަގޫވާނެ: ސެގާޓް

03 ޑިސެމްބަރ 2019

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށާއި ކޮންމެ މުބާރާތެއްގެ ފުރަތަމަ މެޗު އަބަދުވެސް އުނދަގޫތަކެއް ހުންނާނެ ކަމަށް ގައުމީ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށާއި ކޮންމެ މުބާރާތެއްގެ ފުރަތަމަ މެޗު އަބަދުވެސް އުނދަގޫތަކެއް ހުންނާނެ ކަމަށް ގައުމީ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

ރާްއްޖޭން މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މި މެޗުގެ ފަހު ވަގުތު ލަންކާގެ ނިރޭޝަށް ރަތް ކާޑެއް ދެއްކުމުން ފަހުން އެ ޓީމު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު ވެސް ރާއްޖެ އަށް ފައިދާއެއް ނުނެގުނެވެ. މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ވެސް އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވުމުގެ މައްސަލަ އެވެ. އެކަމަކު އޭނާ ދެއްކި އަނެއް ވާހަކަ އަކީ މުބާރާތްތަަކުގެ ފުރަތަމަ މެޗުގައި ކުރިމަތިވާ އުނދަގޫތަކުގެ ވާހަކަ އެވެ.

"އަހަރެމެންނަށް ފެނިއްޖެ ބަންގްލަދޭޝް އަތުން ބޫޓާން 1-0 އިން މޮޅުވިތަން ވެސް. އެހެންވީމަ މިއީ ކޮންމެ ޓީމަކަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ މުބާރާތެއް. އަނެއްކޮޅުން ކޮންމެ މުބާރާތެއްގެ ވެސް ފުރަތަމަ މެޗުގައި އުނދަގޫތަކެއް ހުންނާނެ،" ސެގާޓް ބުންޏެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕްގެ ފުރަތަމަ މެޗުގައި ވެސް ރާއްޖެ ވަނީ ލަނޑެއް ނުޖެހި ލަންކާއާ އެއްވަރުވެފަ އެވެ. ރާއްޖޭން މިދިޔަ އަހަރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިންޑިއާ އަތުން 2-1 އިން ކުރިހޯދައިގެންނެވެ.

ފަހު ވަގުތު އިންޑިއާ މުބާރާތުން ވަކިވުމުން ޝެޑިއުލަށް ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން ރާއްޖެ އާއި ލަންކާ އަދި އިންޑިއާ އެއް ގްރޫޕެއްގައި އޮތްއިރު، އިންޑިއާ ނުކުޅޭތީ ފަހުން ވަނީ ލީގު ބުރަކަށް ބަދަލުކޮށްފަ އެވެ. އެކަމަކު މުބާރާތުގައި ކުޅޭ ގިނަ ޓީމުކުން ޝެޑިއުލާ މެދު އިންތިހާ އަށް ޝަކުވާކުރުން އިތުރުވުމުން އެންމެ ފަހުން އިއްޔެ ވަނީ ޝެޑިއުލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފަ އެވެ. ކުރިން ފަސް ދުވަހުގެ ތެރޭގައި ހަތަރު މެޗު ކުޅޭގޮތަށް އޮތްއިރު ރާއްޖެ އަށް ލިބެނީ ހުސްކޮށް އެންމެ ދުވަހެކެވެ. މިއަދު ގެނައި ބަދަލާ އެކު ރާއްޖެ އަށް އިތުރު ހުސް ދުވަހެއް ލިބޭނެ އެވެ. އެއީ ނޭޕާލާ ދެކޮޅަށް ކުރިން ހަ ވަނަ ދުވަހު ކުޅެން އޮތް މެޗު މިހާރު ވަނީ ހަތް ވަނަ ދުވަހަށް ބަދަލުކޮށްފަ އެވެ.

ޝެޑިއުލް ބަދަލުކުރި ގޮތާމެދު އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި ސެގާޓް ބުނީ މިހާރު ގެނެސްފައި އޮތް ބަދަލާ މެދު ހިތްހަމަޖެހޭ ކަމަށާއި އެކަމަކު އޮތް ނުތަނަވަސްކަމަކީ ކުރިން އޮތް ގޮތަށް މުބާރާތް ގެންދަން އުޅުމުން ނަފްސާނީ ގޮތުން ލިބުނު ގެއްލުންތައް ކަމަށެވެ. އަނެއްކޮޅުން މިހާރު ޝެޑިއުލް އޮތްގޮތަށް ބަލާއިރު ވެސް އޮތް އުނދަގުލަކީ އަނެއް މެޗަށް ނުކުންނައިރު ފަރިތަނުކޮށް ކުޅެން ޖެހުން ކަމަށް ބުންޏެވެ.

"ޝެޑިއުލް މިހާރު އޮތްގޮތުން ވެސް ބަންގްލަދޭޝްއާ ކުޅޭއިރު މި ޖެހެނީ މި މެޗުގައި ކުރެވުނު ގޯސް ކަންތައްތައް އަނގަބަހުން ކިޔައިދީގެން ރަނގަޅުކުރަން. ޕްރެކްޓިހެއް ކުރާނެ ވަގުތެއް ނެތް. އެކަމަކު އަހަރެމެން ބަންގްލަދޭޝާ ދެކޮޅަށް ކުޅެން ތައްޔާރު،" ސެގާޓް ބުންޏެވެ.

ކުރިން ރާއްޖޭގައި ކުޅުމުގެ އިތުރުން ކޯޗިންގައި ވެސް ގިނަ މަސައްކަތްތަކެއް ކުރި ލަންކާގެ ކޯޗު ޕަކީރު އަލީ ބުނީ ރާއްޖެ ފަދަ ވަރުގަދަ ކުޅުންތެރިންތަކެއް ހުރި ޓީމަކާ ދެކޮޅަށް ލަންކާ އިން އެއް ކުޅުންތެރިޔަކު މަދުކޮށް ކުރި ހިތްވަރު ފާހަގަކުރާ ކަމަށެވެ. އަދި ހާއްސަކޮށް އޭނާ ވަނީ ލަންކާ ގޯލުގައި ހުރި ރާއްޖޭގެ ގޯލްކީޕަރު ސުޖަން ޕެރޭރާގެ ނަން ފާހަގަކޮށްފަ އެވެ.

"ނަތީޖާ ގޯހެއް ނޫން. މި މެޗުގައި އަހަރެން ބޭނުންވި ވަރުގެ ކުޅުމެއް ނުދެއްކުނަސް ހަގީގަތުގައި ހިތްހަމަޖެހޭ ނަތީޖާއާ މެދު. ދެން ސުޖަން އަކީ މި ޓީމުގެ 60 ޕަސެންޓް ހިއްސާ. އޭނާ ވަރަށް މޮޅު ސޭވްތަކެއް ކުރި މި މެޗުގައި ވެސް،" ޕަކީރު ބުންޏެވެ.

މިއަދު ހަވީރު 16:15 ގައި ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަންހެން ފުޓްބޯޅަ އިވެންޓުގެ މެޗުތައް ވެސް މިއަދު ފަށާނެ އެވެ. ފުރަތަމަ މެޗުގައި އަންހެން ޓީމު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.