Roadha Mihaaru
ޒިންމާ ނަގާފައި ވެސް ސެގާޓް ދެއްކީ ބަހަނާ!

ބޫޓާން އަތުން ބަލިވުމުން ޒިންމާ ނަގާފައި ވެސް ސެގާޓް ދެއްކީ ބަހަނާ!

06 ޑިސެމްބަރ 2019

ފުޓްބޯޅައިން ދެކުނު އޭޝިއާގެ އެންމެ ބަލި ޓީމުގެ ގޮތުގައި ލޭބަލްކުރެވިފައިވާ ބޫޓާން އަތުން 2-1 އިން ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ އިއްޔެ ބަލިވުމުން އޭގެ ޒިންމާ ނަގާ ކަމަށް ރާއްޖޭގެ ކޯޗު ޕީޓަ ސެގާޓް ބުނި ނަމަވެސް އަނެއްކާ ވެސް ބަހަނާތަކެއް ދައްކައިފި އެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

ފުޓްބޯޅައިން ދެކުނު އޭޝިއާގެ އެންމެ ބަލި ޓީމުގެ ގޮތުގައި ލޭބަލްކުރެވިފައިވާ ބޫޓާން އަތުން 2-1 އިން ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ އިއްޔެ ބަލިވުމުން އޭގެ ޒިންމާ ނަގާ ކަމަށް ރާއްޖޭގެ ކޯޗު ޕީޓަ ސެގާޓް ބުނި ނަމަވެސް އަނެއްކާ ވެސް ބަހަނާތަކެއް ދައްކައިފި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ 40 އަހަރުވީ ތާރީހުގައި ސީނިއާ ލެވެލެއްގައި މިހާތަނަށް ބޫޓާން އަތުން ބަލިވެފައެއް ނުވެ އެވެ. ރާއްޖޭން އެންމެ ފުރަތަމަ ވާދަކުރި ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ 1984 ވަނަ އަހަރުގެ ސާފް ގޭމްސްގައި ވެސް ބޫޓާން 1-0 އިން ބަލިކޮށް ލޯ މެޑަލް ހޯދައިފަ އެވެ. މީގެ ކުރިން ބޫޓާން އަތުން ބަލިވީ ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމާއި 15 އަހަރުން ދަށުގެ ޓީމެވެ. އިއްޔެގެ މެޗުގައި ބޫޓާން އަތުން ބަލިވިއިރު ރާއްޖޭގެ 23 އަހަަރުން ދަށުގެ ޓީމުގައި ސީނިއާ ޓީމަށް ގިނަ މެޗުތަކެއް ކުޅެފައިވާ އަށް ކުޅުންތެރިން ކުޅުނެވެ.

"މީގައި އަހަރެމެން ޒިންމާ ނަގަން ޖެހޭ. އެއީ ލަނޑު ޖެހޭނެ ބައިވަރު ފުރުސަތު ލިބިފައި ނުކުރެވި މިދަނީ. މިއަދު (އިއްޔެ) ފުރަތަމަ ގޯލު ޖަހާ ޓީމަކަށް މޮޅުވުމުގެ ފުރުސަތު އޮތް. އެކަން ކުރީ ބޫޓާނުން. އަހަންނަކީ އަބަދުވެސް ކުޅުންތެރިން ސަލާމަަތްކޮށް ޒިންމާ ނަގާނެ މީހެއް. އެކަން ކުރާނަން،" އިއްޔެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުންޏެވެ.

މުބާރާތުގައި ރާއްޖެ ވާދަކުރަން ތައްޔާރުވިއިރު ފޯމެޓް އޮތްގޮތުން ރާއްޖެ އޮތީ ލަންކާ އާއި އިންޑިއާއާ އެކު އެއް ގްރޫޕެއްގަ އެވެ. އެކަމަކު އިންޑިއާ ވަކިވުމުން ލީގު ބުރަކަށް ބަދަލުކުރީ އެވެ. އެ ނިންމުމާ މެދު ހިތްހަމަނުޖެހި ސެގާޓް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ސެގާޓް ކުރިން ބުނީ އިންޑިއާ ވަކިވުމުން ފޯމެޓް ބަދަލުކުރަން ނުޖެހޭ ކަމަށާއި އެ އޮތްގޮތަށް ކުރިއަށް ގެންގޮސް ރާއްޖެ އާއި ލަންކާ އަށް ސެމީން ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

ފޯމެޓް ބަދަލުކޮށް ލީގު ބުރަކަށް ބަދަލުކުރިއިރު، ފަސް ދުވަހުގެ ތެރޭގައި ރާއްޖޭން ހަތަރު މެޗު ކުޅޭ ގޮތަށް ފުރަތަމަ އޮތުމުން ވެސް ސެގާޓް ފާޑުކިޔެވެ. އެކަމަކު ފަހުން ފޯމެޓަށް ބަދަލު ގެނެސް ރާއްޖެ އަށް ނޭޕާލު މެޗުގެ ކުރިން އަރާމްކުރަން ދުވަހެއް ލިބޭ ގޮތްވުމުން ހިތްހަމަޖެހޭ ކަމަށް ސެގާޓް ކުރިން ބުންޏެވެ. އެކަމަކު އިއްޔެގެ މެޗަށް ފަހު އަނެއްކާ ވެސް ސެގާޓް ވަނީ ޝެޑިއުލްގެ ޝަކުވާތައް އޮއްސާލައިފަ އެވެ.

މިދިޔަ އަހަރު ސެގާޓްގެ ކޯޗުކަމުގައި ރާއްޖޭން ވަނީ ބޫޓާން އަތުން 7-0 އިން މޮޅުވި ވާހަކަ އަކީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އޭނާ އެންމެ ތަކުރާރުކޮށް ދެއްކި ވާހަކަތަކެވެ. އެ މެޗުގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް ލައިގެން އިއްޔެ މެޗުގައި 2-1 އިން ބަލިވުމުން ސެގާޓް ބުނީ މިއީ އެއްވެސް ގޮތަކަށް އަޅާކިޔޭނެ ދެ މެޗެއް ނޫން ކަމަށެވެ.

"ރާއްޖޭގެ ސީނިއާ ގައުމީ ޓީމާއި މި ހާލަތާ އަޅައެއް ނުކިޔޭނެ. އަހަންނެއް ގަބޫލެއް ނުކުރަން ހަތަރު ދުވަސްތެރޭ ތިން މެޗު ކުޅެން ޖެހޭއިރު ސީރިއަސް ފުޓްބޯޅައެއް ކުޅެވޭނެ ކަމަށް. އެންމެން ވެސް ބޫޓާން މި މެޗުގެ ނަތީޖާގެ ވާހަކަ ދައްކާއިރު ގަބޫލުކުރަންޖެހޭ މި މުބާރާތް ފެށުނުއިރު ވެސް މި އޮތީ ބަދަލުވެފައި. ހަތަރު ދުވަސް ތެރޭ ތިން މެޗު ކުޅެން ޖެހުމަކީ އަހަންނަށް ސީރިއަސްކޮށް ބަލާއިރު ގަބޫލުކުރެވޭ ކަމެއް ނޫން،" ސެގާޓް ބުންޏެވެ.

މި ފަހަރުގެ ގޭމްސް އަށް ރާއްޖޭން ނުކުތީ ރަން މެޑަލެއްގެ އަމާޒުގަ އެވެ. މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅެއް ލިބިފައިނުވެ އެވެ. ފުރަތަަމަ ދެ މެޗުން ލަންކާ އާއި ބަންގްލަދޭޝްއާ އެއްވަރުވިއިރު، އިއްޔެ ބޫޓާން އަތުން ވީ ބައްޔެވެ.

އިއްޔެގެ މެޗުތަކަށް ފަހު ލީގު ބުރުގެ އެއް ވަނައިގައި މި ވަގުތު އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު ބޫޓާން އެވެ. ތާވަލުގެ ދެ ވަނައިގައި ނޭޕާލް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އިއްޔެ ސްރީ ލަންކާ އަތުން 1-0 އިން މޮޅުވެ ބަންގްލަދޭޝް އޮތީ ތިން ވަނައިގައި ހަތަރު ޕޮއިންޓާ އެކު އެވެ. ރާއްޖެ ހަތަރު ވަނައިގައި އޮތީ ތިން މެޗުން ދެ ޕޮއިންޓް ހޯދައިގެންނެވެ. ލަންކާ އެންމެ ފުލުގައި އޮތީ ދެ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުންނެވެ.

ރާއްޖެ ކުޅޭ ފަހު މެޗުގައި ހޮނިހިރު ދުވަހު ގޭމްސް ބާއްވާ ނޭޕާލާ ދެކޮޅަށް ނުކުންނައިރު، ފައިނަލަށް ދިއުމުގެ ވަރަށް ހަނި މެތަމެޓިކަލް ފުރުސަތެއް އެބައޮތެވެ. މި މުބާރާތަށް ފުރުމުގެ ކުރިން ސެގާޓް ވަނީ ރާއްޖޭން ދުވަހަކު ވެސް މި މުބާރާތުގެ ރަން މެޑަލް ހޯދާފައިނުވުމުން ތާރީހުގައި ލިޔެވޭފަދަ ކާމިޔާބެއް ހޯދަން ބޭނުންވާ ކަމަށެވެ. ފޯމެޓް ބަދަލުވުމުން މުބާރާތުގައި ކުޅޭނީ އެފްއޭއެމާ މަޝްވަރާކޮށްފައި ކަމަށް ސެގާޓް ތަކުރާރުކޮށް ފުރަތަމަ މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ. ސެގާޓް އިއްޔެ ބުނީ މިއީ ޔޫތު ފުޓްބޯޅަ މުބާރާތެއް ކަމަށާއި ރަން މެޑަލާއި ފައިނަލަށް ވުރެން އޭނާ އަށް މުހިއްމީ ޑިވެލޮޕްމަންޓް ކަމަށެވެ.

"އެބައޮތް ހަނި ފުރުސަތެއް (ފައިނަލަށް ދިއުމުގެ) އެއީ އަހަރެމެން ނޭޕާލާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެފައި ދެން އޮތް މެޗުތަކަށް ބަލަންވީ. އެކަމަކު މިއީ ޔޫތު ފުޓްބޯޅަ މުބާރާތެއް. އަހަރެންގެ ވިސްނުމަކީ ގޯލްޑް މެޑަލެއް ނޫނީ ފައިނަލެއް ނޫން. ޔޫތު ފުޓްބޯޅަ އަކީ ޑިވެލޮޕްމަންޓަށް ވިސްނާންވީ ކަމެއް. ތެދެއް އަހަރެމެން މެޑަލް ވެސް ބޭނުން،" މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ސެގާޓް ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅަ ފޯމެޓަށް ބޮޑު ބަދަލެއް ގެނެސް މި އަހަރު ޖޫން މަހު ކުޅެން ފެށި ފަހުން ސެގާޓް ބޭނުންވާތީ ގައުމީ ޓީމަށް ފުރުސަތުދޭން ގިނަ ފަހަރުތަކެއްގެ މަތިން ވަނީ ލީގު މެދުކަނޑާލައިފަ އެވެ. އެއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިން އަދި މި ފަހަރުގެ ގޭމްސް އަށެވެ. ސެގާޓްގެ ކޯޗުކަމުގައި ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު 11 މެޗުން މޮޅުވީ ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާ ދެކޮޅަށް ކުޅުނު ދެ މެޗުން އެކަންޏެެވެ.

ގައުމީ ޓީމުގެ ދަށް ނަތީޖާތަކުގެ ސަބަބުން ސެގާޓަށް އަންނަނީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.