Roadha Mihaaru
ޓެކްސްގެ 85 ޕަސެންޓް ހިއްސާކުރަނީ 60 ފަރާތް

ޓެކްސްގެ 85 ޕަސެންޓް ހިއްސާކުރަނީ 60 ފަރާތް

05 ޑިސެމްބަރ 2019

ރާއްޖޭގައި ޓެކްސް ދައްކައިގެން ލިބޭ އާމްދަނީގެ 85 ޕަސެންޓް ހިއްސާ ކުރަނީ 60 ފަރާތެއް ކަމަށް ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ޓެކްސް ދައްކައިގެން ލިބޭ އާމްދަނީގެ 85 ޕަސެންޓް ހިއްސާ ކުރަނީ 60 ފަރާތެއް ކަމަށް ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

އަރުޝަދު ވިދާޅުވީ އިންކަމް ޓެކްސްގެ ބިލަށް ގެނައި އިސްލާހާ އެކު އުނި ކުރި މީހުންގެ އަތުން ލިބޭ އާމްދަނީ ވަރަށް ކުޑަވާނެ ކަމަށާއި، އާމްދަނީ އަށް ބޮޑު ބަދަލެއް ގެންނަ އެންމެންގެ އަތުން މިހާރު ވެސް އިންކަމް ޓެކްސް ނެގޭނެ ކަމަށެވެ.

މި އަހަރު ނިމޭ އިރު ރާއްޖެ އަށް ލިބޭ ޓެކްސް އާމްދަނީ 16 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެހެންކަމުން ދައުލަތަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ ދައްކަނީ 60 ފަރާތެއްގެ ކުންފުނިންނާއި އާމްދަނީންނެވެ.

އަރުޝަދު ވިދާޅުވީ، އިންކަމް ޓެކްސްގެ ސީލިން ބޮޑު ކުރި ނަމަވެސް، ލިބޭ އާމްދަނީ އަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، އަދިވެސް އެންމެ ބޮޑެތި އަދަދުތައް ލިބޭ މީހުންގެ އަތުން މި ޓެކްސް ނެގޭތީ އެވެ.

"ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ. އެކަމަކު މާ ބޮޑު އިމްޕެކްޓެއް ނާންނާނެ. މިހާރު ވެސް ދައުލަތަށް ދައްކާ ޓެކްސްގެ 85 ދައްކަނީ 60 މީހުން،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން އިންކަމް ޓެކްސްގެ ނަގާ އެންމެ ކުޑަ ސީލިންގެ ގޮތުގައި 60،000ރ. ކަނޑައެޅުމުން އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ އަދަދު 3،245 އަށް ވަނީ ދަށްވެފަ އެވެ.

ކުރިން އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ އަދަދު 5،866 އަށް އަރަ އެވެ. އެ އަދަދު އެހާ ބޮޑަށް ދަށްވީ، ކުރިން އިންކަމް ޓެކްސް ދައްކަން ޖެހޭ 40،000ރ. އަށް ވުރެ މަތިން އާމްދަނީ ލިބޭ 2،600 މީހުން ޓެކްސް ދައްކާ މީހުންގެ ލިސްޓުން އުނިވުމުންނެވެ.

މި އަހަރުގެ ބަޖެޓުގައި އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 705 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑާއަޅާފައިވެ އެވެ. އެހެން ނަމަވެސް މީގެ ތެރެއިން އުނިވެގެންދާނީ 200 މިލިއަން ރުފިޔާ ވަރު މަދުވުން އެކަށީގެންވާ ކަމަށް އަރުޝަދު ވިދާޅުވި އެވެ.

އިންކަމް ޓެކްސްއާ ގުޅޭ ބިލް މަޖިލީހަށް ފޮނުވާފައިވަނީ 40،000ރ. އަށް ވުރެ ބޮޑު ކޮންމެ އާމްދަނީއަކުން ޓެކްސް ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅަ އެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ އެ އަދަދު 60،000ރ. އަށް ބޮޑުކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ "އެޖެންޑާ 19" ގައި ވެސް އިންކަމް ޓެކްސްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދެވެ.

ކުރިން ބިލްގައި އޮތީ މަހެއްގެ މައްޗަށް 40،000ރ. އިން ފެށިގެން 60،000ރ. އާ ހަމައަށް އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި ނަގަން ވާނީ އަށް ޕަސަންޓު ކަމަށެވެ. އަދި 60،000ރ. އާއި 100،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭ ނަމަ 10 ޕަސެންޓް އަދި 100،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން 15 ޕަސެންޓްގެ އިންކަމް ޓެކްސްއެއް ދައްކަން ޖެހޭނެ އެވެ.

މަޖިލީހުން މިހާރު ފާސްކޮށްފައި އޮތް ގޮތުން މަހެއްގެ މައްޗަށް 60،000ރ. އާއި 100،000ރ. ރުފިޔާއާ އާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގަންޖެހޭނީ އާމްދަަނީގެ 5.5 ޕަސެންޓު ކަމަށެވެ. މީގެ އިތުރުން 100،000ރ. އާއި 150،000ރ. އާ ދެމެދުގެ ވުރެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކުހުގެ ގޮތުގައި 8 ޕަސެންޓް ނަގަން ޖެހެ އެވެ. މީގެ އިތުރުން 150،000ރ. އާއި 200،000ރ. އާ ދެމެދުގެ އަމްދަނީއެއް ލިބޭ މީހުންގެ އަތުން 12 ޕަސެންޓުގެ ޓެކްސް ނެގުމަށެވެ. އަދި ދެ ލައްކަ ރުފިޔާއިން ބޮޑު އާމްދަނީއެއް ލިބޭ މީހުން 15 ޕަސެންޓް ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ.