Roadha Mihaaru
އިންކަމް ޓެކްސްގެ ބިލް މަޖިލީހަށް ހުށަހަޅައިފި

އިންކަމް ޓެކްސްގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 އޮކްޓޯބަރ 2019

ސަރުކާރުން އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ.

މި ބިލްގައި ވާ ގޮތުން އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް 40،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. ނުވަތަ އަހަރެއްގެ މައްޗަށް 480،000ރ. ގެ އާމްދަނީއެއް ލިބޭ ނަމަ އެ މީހެއްގެ އާމްދަނީން ޓެކްސް ނަގަން ފަށާނެ އެވެ. އާމްދަނީގެ ގޮތުގައި އުޖޫރަ އާއި ވިޔަފާރީގެ އާމްދަނީ އާއި އުފުލޭ މުދާ އަދި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި ޑިވިޑެންޑާއި އިންޓްރެސްޓާއި އެނުއިލިޓީ އާއި ޕެންޝަން އަދި ރިޓަޔަމެންޓް ބެނިފިޓާއި ބެނިޕިޝަރީންނަށް ލިބޭ އާމްދަނީ އާއި ޓެކްނިކަލް ސާވިސް ފީ އާއި ކޮމިޝަން އާއި ރޯޔަލްޓީ ވެސް ހިމެނެ އެވެ.

އިންކަމް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ލަފާކުރެވޭ މީހުންގެ އަދަދު

- 40،000ރ. އާއި 60،000ރ. އާ ދެމެދުގެ އާމްދަނީ: 2،621 މީހުން - 60،000ރ. އާއި 100،000ރ. އާ ދެމެދުގެ އާމްދަނީ: 2،285 މީހުން - 100،000ރ. އަށް ވުރެ ބޮޑު އާމްދަނީ: 960 މީހުން

މީގެ ތެރެއިން 40،000ރ. އާއި 60،000ރ. ގެ އާމްދަނީ ލިބޭ މީހުން އިންކަމް ޓެކްސްއަށް 8 ޕަސެންޓް ދައްކަން ޖެހެ އެވެ. އަދި 60،000ރ. އާއި 100،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭ ނަމަ 10 ޕަސެންޓް ދައްކަން ޖެހޭ އިރު 100،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އިންކަމް ޓެކްސް ރޭޓަކީ 15 ޕަސެންޓެވެ.

މީގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި ބޭންކްތަކުން ދައްކަންޖެހޭނީ އެ ބޭންކަކަށް ލިބޭ އާމްދަނީގެ 25 ޕަސެންޓެވެ. އަދި އާންމު ފަރުދުންގެ އިތުރުން އާމްދަނީ ލިބޭ އެހެނިހެން ފަރާތްތަކުން ފައިސާ ދައްކަން ޖެހޭނީ، ފަސް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއަކުން 15 ޕަސެންޓެވެ.

އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތުން ކަނޑައަޅާ އާމްދަނީގެ ގޮތުގައި ރާއްޖެއިން ލިބޭ އާމްދަނީ އާއި ރާއްޖެއިން ބޭރުން ލިބޭ އާމްދަނީ ވެސް ހިމެނޭނެ އެވެ.

އިންކަމް ޓެކްސްއާ އެކު އުވާލާ ޓެކްސްތައް

- ރެމިޓެންސް ޓެކްސް، ލޭންޑް ސޭލްސް ޓެކްސް، ބިޒްނަސް ޕްރޮފިޓް ޓެކްސް، ބޭންކް ޕްރޮފިޓް ޓެކްސް، ޕެޓްރޯލިއަމް ޓެކްސް މި ޓެކްސްތައް އުވާލަން ނިންމީ މިއީ އާމްދަނީތަކާ ގުޅޭ ޓެކްސްތަކަށް ވުމުން ކަަމަށެވެ. މީގެ އިތުރުން ރެމިޓެންސް ޓެކްސް ފަދަ ޓެކްސްތަކަކީ އެހާ އިންސާފުވެރި ޓެކްސްތަކެއް ނޫން ކަމުން އިންކަމް ޓެކްސް ނަގާ ހިސާބުން މި ޓެކްސް ވެސް އުވޭނެ އެވެ.

ބިލުން ފާހަގަކުރެވޭ އިތުރު ކަންތައް

- މުދަލު ޒަކާތް ދައްކާ ފަރާތްތަކުގެ އަދަދު ޓެކްސް ބިނާ ކުރާ އާމްދަނީން އުނިކުރާނެ

- ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ދައްކާ ފައިސާ، ޓެކްސް ބިނާ ކުރާ އާމްދަނީން އުނިކުރާނެ

- ވެލްފެއާ ހަރަދުތަކާއި ޑޮނޭޝަން އާއި އިންޓްރެސްޓްގެ ގޮތުގައި އަހަރަކު ހަ ޕަސެންޓް ޓެކްސް ބިނާ ކުރާ އާމްދަނީން އުނިކުރާނެ

އިންކަމް ޓެކްސް ދައްކަން ލާޒިމުވާ މީހުންގެ ތެރެއިން މީރާގައި މިހާރު ރަޖިސްޓާ ވެފައިވާ އެއްވެސް މީހެއް އަލުން ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެ އެވެ.

މިހާރު ކަނޑައަޅާ ގޮތަށް އިންކަމް ޓެކްސް ނަގާ ނަމަ އަހަރެއްގެ މައްޗަށް 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވެސް އިންކަމް ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް 600 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. އެހެން ކަމުން އަންނަ އަހަރުން ފެށިގެން އިންކަމް ޓެކްސް ނަގަން ފަށާނެ ކަމަށް ބެލެވެ އެވެ.