Roadha Mihaaru
ގާސިމަށް އެވަރުކޮށްލަން ޖެހޭ ސަބަބެެއް ނެތް: އެކުވެރިން

ގާސިމަށް އެވަރުކޮށްލަން ޖެހޭ ސަބަބެެއް ނެތް: ރަހުމަތްތެރިން

05 ޑިސެމްބަރ 2019

ހެންވޭރު ކޭމާޓް ހޮޓަލަށް ވަން އިރު ޓެކްސީ ޑްރައިވަރުންތަކެއް މާޔޫސްކަމާ އެކު ވާހަކަ ދައްކަން ތިއްބެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އެ ހޮޓަލުން ދިމާވެ މަޖާ ވާހަކަ ދެއްކި ގާސިމް ހަސަނަށް ހަމަލާދީ މަރާލުމުން އެކުވެރި ޑްރައިވަރުން ތިބި ޝޮކެއްގަ އެވެ. ގާސިމާ މެދު އެފަދަ އަނިޔާވެރި ކަމެއް ކުރަން ޖެހޭ ސަބަބެއް އޭނާ ދަންނަ އެއްވެސް މީހަކަށް ނުވިސްނެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހެންވޭރު ކޭމާޓް ހޮޓަލަށް ވަން އިރު ޓެކްސީ ޑްރައިވަރުންތަކެއް މާޔޫސްކަމާ އެކު ވާހަކަ ދައްކަން ތިއްބެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އެ ހޮޓަލުން ދިމާވެ މަޖާ ވާހަކަ ދެއްކި ގާސިމް ހަސަނަށް ހަމަލާދީ މަރާލުމުން އެކުވެރި ޑްރައިވަރުން ތިބި ޝޮކެއްގަ އެވެ. ގާސިމާ މެދު އެފަދަ އަނިޔާވެރި ކަމެއް ކުރަން ޖެހޭ ސަބަބެއް އޭނާ ދަންނަ އެއްވެސް މީހަކަށް ނުވިސްނެ އެވެ.

ގާސިމް، 59، އަށް ހަމަލާދީ ޒަޚަމްކޮށްލާފައި އޮއްވައި ރޭ 9:07 ގައި ފުލުހުންނަށް ބަޔަކު ރިޕޯޓްކުރުމުގެ އިރުކޮޅެއް ކުރިން ވެސް ގާސިމް އިނީ ކޭމާޓް ހޮޓަލުގަ އެވެ. އެންމެ ފަހުން ވާހަކަ ދެއްކި މީހުން ގާތު ވެސް، ކަމެއް ގޯސްވެގެން އުޅޭ ވާހަކައެއް ނުވަތަ މީހެއްގެ ފަރާތުން އިންޒާރެއް ލިބުނު ކަމުގެ ވާހަކައެއް ވެސް ނުދައްކަ އެވެ. އެހެންވެ އެކުވެރިން ގަބޫލުކުރަނީ ގާސިމަށް ހަމަލާދީ މަރާލީ ފޭރުމުގެ ބޭނުމުގައި ކަމަށް ވެދާނެ ކަމަށެވެ.

އެކުވެރިންނާ އެކު ރޭ އިޝާ ނަމާދަށް ފަހު އެ ހޮޓަލުގައި ގާސިމް އިނދެފައި ޓެކްސީ އަށް އެރީ 500ރ. ހަމަކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ގާސިމްގެ ޚަބަރެއް އެ އެކުވެރިންނަކަށް ނުވެ އެވެ. ރޭ 10 ޖަހަން އުޅެނިކޮށް އިވުނީ ގާސިމް މަރާލާފައި އޮއްވައި ފެނުނު ޚަބަރެވެ.

"މިހެން އިންނައިރު ވެސް ހީވަނީ ގާސިމް ވަންނަނީހެން. އަބަދުހެން މިތާ އަހަރެމެނާ އެކު އުޅެނީ،" ކޭމާޓް ހޮޓަލުގެ ދޮރަށް އިޝާރާތްކޮށް، އޭނާއާ އެކު އެންމެ ފަހު ކޮފީގައި އިން ޓެކްސީ ޑުރައިވަރު، ނަން ނުޖަހަން ޝަރުތުކޮށް، ބުންޏެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުގައި، ޒަހަމްތަކަކާ އެކު ގާސިމް އޮތްއިރު ކައިރީގައި އޮތީ ލޭގެ ކޯރެއް ހެދިފަ އެވެ. މާދުރު ނޫން ހިސާބެއްގައި ޕާކްކޮށްފައި އޮތް އޭނާގެ ކާރުގައި ވެސް ލޭ ހުއްޓެވެ. އެހެންވެ އޭނާގެ އެކުވެރިން ގަބޫލުކުރަނީ ފައިސާ ފޭރެން ގާސިމަށް ހަމަލާދިނީ ކާރުގެ ތެރޭގައި ކަމަށެވެ.

"ވޮލެޓެއް ނުގެންގުޅޭނެ. ފޮތެއް ކަހަލަ އެއްޗަކަށް ލާރި އަޅައިގެން އުޅޭނީ. އަބަދުވެސް ލާރިކޮޅެއް [ދެތިން ހާސް ރުފިޔާ] ގެންގުޅޭނެ އަތުގައި،" އެންމެ ފަހުން ހޮޓަލުން ގާސިމާ ދިމާވި ޑްރައިވަރު ކިޔައިދިނެވެ.

"ހީވަނީ އެލާރިތައް އަތުލަން އުޅެފަހެން މަރާލީ. ޓެކްސީގައި ހަމަލާދިނީމަތާ ޓެކްސީގައި ލޭ ހުންނާނީ. ކާރުގައި އިންދާ ހަމަލާ ދިނީމަ ނުކުމެގެން ދަނިކޮށް ވެއްޓިފަހެން ހީވަނީ."

އެހެން ޓެކްސީ ޑްރައިވަރަކު ބުނިގޮތުގައި އޭނާގެ އަތަށް އިއްޔެ ގާސިމް 200 ޑޮލަރު ބޮޑުކުރަން ދިނެވެ. އެއީ އޭނާގެ ޓެކްސީން ދަތުރުކުރާ މީހުން ދީފައި ހުންނަ ކުދި ޑޮލަރު ކަމަށް ބެލެވެ އެވެ. ދޭތެރެ ދޭތެރެއިން އެގޮތަށް ޑޮލަރު ބޮޑުކުރަން ދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ގާސިމް އޭނާގެ އެކުވެރިންނާ އެކު އާންމުކޮށް ވަގުތު ހޭދަކުރާ ކޭމާޓު ހޮޓާ

ގާސިމް އޭނާގެ އެކުވެރިންނާ އެކު އާންމުކޮށް ވަގުތު ހޭދަކުރާ ކޭމާޓު ހޮޓާ

ގާސިމް މަރާލާފައި އޮތީ އަނދިިރި މަގެއްގަ އެވެ. އާންމުކޮށް މީހުން ގޮސް އުޅޭ ހިސާބެއް ވެސް ނޫނެވެ. އެހެންވެ ފޭރެން އޭނާ އެ ސަރަހައްދަށް ގެންދިޔައީ ކަމަށް ވެސް ބައެއް އެކުވެރިން ބުނެ އެވެ.

އެކަމަކު ތަހުގީގު ކުރިޔަށް ދާތީ، އަސްލު ސަބަބާއި ކަން ވީ ގޮތް ވެސް، ފުލުހުން ހާމައެއްނުކުރެ އެވެ. މި ގަތުލާ ގުޅިގެން މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

ފޯރާ މީހެއް، ދަރަންޏެއް ނޯންނާނެ!

ބޮޑު ދެ ފިރިހެނުން ކުދިންނާއި އަންހެން ކުއްޖަކު ހުންނަ ގާސިމް ޓެކްސީކުރަން އުޅުނަސް އޭނާ މަސައްކަތް ކުރާ ލޯޔަލް ޓެކްސީ ސެންޓަރުގެ މުވައްޒަފަކު ބުނިގޮތުގައި މިހާރަކަށް އައިސް ވަރަށް މަދުން ނޫނީ ގާސިމް އެ ސެންޓަރުން ދަތުރުތަކެއް ނުކުރެ އެވެ. އޭނާ ގިނައިން އުޅެނީ ވެހިކަލްގެ ސްޕެއާ ޕާޓްސް ވިއްކުމާއި ކުންފުނިތަކުން ގެންނަ ކާރު ވިއްކުމުގައި ކަމަށް އޭނާ ބުންޏެވެ.

ގާސިމަކީ ވަރަށް ފޯރާ މީހެއް ކަމަށް ރަހުމަތްތެރިން ބުނެ އެވެ. އަދި އޭނާއަށް ނުދެއްކޭ ވަރުގެ ލޯނެއް މީހެއްގެ އަތުން ނަގާފައި އޮވެދާނެ ކަމަކަށް އެ މީހުން ގަބޫލެއްނުކުރެ އެވެ. އޭނާ އަބަދުވެސް ދުއްވަމުން އައީ އަމިއްލަ ކާރެވެ.

"ވަރަށް ފޯރާ މީހެއް އެއީ. ޓެކްސީގެ އިތުރުން އަމިއްލަ ކަންކަން ވެސް ކުރާތީ. އެހެންވެ މީހެއްގެ އަތުން ފައިސާ ނަގާފާނެ ކަމަކަށް ނުބެލެވޭ،" ޓެކްސީ ސެންޓަރުގެ ޑިއުޓީގައި އިން މީހާ، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

ގާސިމާ އެކު އުޅޭތާ 15 އަހަރު ވެފައިވާ ޓެކްސީ ޑްރައިވަރަކު ބުނިގޮތުގައި އިއްޔެ އިރުއޮއްސުނު ވަގުތު ހޮޓަލުގައި އިނދެ ގާސިމް ދެއްކީ މާލެ އަށް ޕެސެންޖާ ލައިންތައް އަންނަ ދުވަސްދުވަހުގެ ވާހަކަ އެވެ. ޓޫރިސްޓުންގެ ދަތުރުތައް ކޮށްދިނުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކި އެވެ. އެކަމަކު މީހެއްގެ ފަރާތުން ނުރައްކަލެއް އޮތް ކަމުގެ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

އެކަމަކު މިދިޔަ މަހު ގާސިމް އެއާޕޯޓަށް ކުރި ދަތުރެއްގައި ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ވި ކަމަށް އޭނާގެ އެކުވެރިން ބުންޏެވެ. އެ މީހުން ބުނި ގޮތުގައި އެ އެކްސިޑެންޓް ހިނގީ ސައިކަލް ދުއްވި މީހާގެ ކުށުން ކަމަށް ނިންމައި ފުލުހުން އެންގީ ސައިކަލް ދުއްވި މީހާ ގާސިމަށް ބަދަލުދޭށެވެ. ބަދަލު ލިބުނުކަމެއް ނުވަތަ ނޫން ކަމެއް ރައްޓެހިންނަކަށް ނޭނގެ އެވެ.

"މީހަކު ބާރަށް އަނގައިން ބުންޏަސް ގާސިމް ބުނޭ އަޅުގަނޑު ކައިރީ. ރޭ ވެސް މިތާ ތިބެ ސަކަރާތް ޖަހާ ހެދި. އެކަހަލަ އެއްވެސް ކަމެއް ނުބުނޭ. ކަމެއް އުޅޭ ނަމަ ބުނާނެ،" ޓެކްސީ ކުރާތާ 20 އަހަރަށް ވުރެ ދުވަސް ވެފައިވާ ގާސިމްގެ އެކުވެރިޔަކު ބުންޏެވެ.

ދިވެހި ޓެކްސީ ޑްރައިވަރުންގެ ތެރެއިން އެންމެ ރީއްޗަށް ކާރު ބަލަހައްޓާ އެކަކަށް ވާނީ ގާސިމް ކަމަށް އެހެން ޑުރައިވަރުން ބުނެ އެވެ. އާންމުކޮށް ކަލާފާނު ސްކޫލު ކައިރީގައި ކާރު ބާއްވާ ގާސިމް ކޮންމެ ދުވަހަކުހެން ކާރު ފޮހެނީ އަމިއްލައަށެވެ. ކާރުގައި ކޫރުން އެޅި ހަލާކުވާތީ މާލެތެރޭގައި ދަތުރުކުރުމުގެ ބަދަލުގައި ގިނައިން ދަތުރުކުރަނީ ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ކަމަށް ވެސް އެކުވެރިން ބުނެ އެވެ.

ގާސިމްގެ އެކުވެރިން ބުނާގޮތުގައި އޭނާ އަކީ ވަރަށް މަޖާ މީހެކެވެ. އަބަދުހެން އުޅޭނީ ސަކަރާތް ޖެހުމުގަ އެވެ. އެކަމަކު މީހުންނާ ޒުވާބުކޮށް އަރައިރުންވެ ނޫޅޭ ކަމަށް އެކުވެރިން ބުނެ އެވެ. މީހަކު ޖަދަލުކުރާ ނަމަ، ގާސިމްގެ މިޒާޖު ހުންނަ ގޮތުން، ރައްދު ދޭނެ ކަމަށް ވެސް އެކުވެރިން ބުންޏެވެ.

އެކަމަކު ބަޔަކު ހަމަލާދީ ގާސިމް މަރާލަން ޖެހޭ ވަރުގެ ސަބަބެއް އެކުވެރިންނަކަށް ނުވިސްނެ އެވެ.