Roadha Mihaaru
ދިރާގު ރޯޑް ރޭހަށް ފަޚުރުވެރި އެވޯޑެއް

ދިރާގު ރޯޑް ރޭހަށް ފަޚުރުވެރި އެވޯޑެއް

05 ޑިސެމްބަރ 2019

އޭޝިއާގެ ކުޅިވަރު އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑް "އެސްޕީއައިއޭ އޭޝިއާ 2019" ދިރާގު ރޯޑް ރޭހަށް ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޭޝިއާގެ ކުޅިވަރު އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑް "އެސްޕީއައިއޭ އޭޝިއާ 2019" ދިރާގު ރޯޑް ރޭހަށް ލިބިއްޖެ އެވެ.

ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވެގެން ބާއްވާ ދިރާގު ރޯޑް ރޭހަށް ލިބުނީ އެސްޕީއައިއޭ އޭޝިއާ އެވޯސްޑްގެ "ބެސްޓް ޔޫސް އޮފް ޓެކްނޮލޮޖީ އިން ސްޕޯރޓްސް" ކެޓަގަރީގެ ބްރޯންޒް އެވޯޑެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުމުގެ ހަރަކާތް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް އެވޯޑު ދިނީ ފިލިޕީންސްގެ ވެރިރަށް މެނީލާގެ ގްރޭންޑް ހަޔާޓް މެނީލާ ހޮޓެލްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ހަފްލާގައި، ދުވުމުގެ ތަޖުރިބާކާރުންނާއި ދުނިޔޭގެ މަޝްހޫރު ދުވުންތެރިން ހިމެނޭ ގޮތަށް 600 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

އޭޝިއާގެ ލީޑިން ސްޕޯޓްސް ބިޒްނަސް ކޮންފަރެންސް އަދި އެވޯޑް ޕްލެޓްފޯމްގެ މި ޝަރަފްވެރި އެވޯޑްގެ އެކި ކެޓަގަރީތަކަށް ދިރާގުގެ އިތުރުން އޭޝިއާގެ 47 ގައުމަކުން 500 އެއްހާ ފަރާތް ނޮމިނޭޓް ވި އެވެ. މި ވާދަވެރި އެވޯޑްތަކަށް ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބައިނަލްއަގްވާމީ ބޮޑެތި ދުވުންތަކާ އެކު ވަނީ ވާދަކޮށްފަ އެވެ. ހުރިހާ ކެޓަގަރީއެއްގެ ދުވުންތައް ވެސް އިންސާފު ކުރީ ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރު ފަނޑިޔާރުންގެ ޕެނަލަކުން ބައިނަލްއަގްވާމީ ކުޅިވަރު އެވޯޑް ތަކުގެ މިންގަޑުތަކަށް ފެތޭ ގޮތަށެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވަނީ އިތުރު ހަތަރު ކެޓަގަރީ އަކުން ނޮމިނޭޓް ވެފަ އެވެ. އޭގެ ތެރޭގައި ބެސްޓް ސްޕޯޓްސް ފޭން އެންގޭޖްމަންޓް ކެމްޕެއިން އޮފް ދަ އިޔާ އާއި ބެސްޓް އިންޓަގްރޭޓެޑް މާކެޓިން ކެމްޕެއިން ފޮ އަ ސްޕޯޓިން އިވެންޓް އާއި ބެސްޓް ސްޕޯޓްސް ސީއެސްއާރް އިނީޝިއޭޓިވް އޮފް ދަ އިޔާ އާއި ބެސްޓް ސްޕޯޓްސް ޓޫރިޒަމް ޑެސްޓިނޭޝަން ކެމްޕެއިން އޮފް ދަ އިޔާ ހިމެނެ އެވެ.

"ދިރާގު މޯލްޑިވްސް ރޯޑް ރޭސް" އަކީ އައިއޯޓީ ބޭނުންކޮށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ބާއްވާ އެންމެ ބޮޑު އަދި ރާއްޖޭގައި އޮންނަ ހަމައެކަނި ބައިނަލްއަގްވާމީ ރޭހެވެ.

ރޭހުގައި ބައިވެރިވާން ރަޖިސްޓަރީ ކުރާ ހިސާބުން ފެށިގެން ރޭސް ނިންމުމާ ހަމައަށް ދުވުންތެރިންނަށް ޑިޖިޓަލް ވަސީލަތްތަކުގެ ލުއި ފަސޭހަތަށް ދިރާގުން ފޯރުކޮށްދެ އެވެ. އެގޮތުން، މި ރޭހަށް ހާއްސަ ކޮށްގެން މޮބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފު ކޮށްފައިވެ އެވެ. މި އެޕްގެ ޒަރިއްޔާ އިން ދުވުންތެރިންގެ ބިބުގައި ހަރުކޮށްފައިވާ ޗިޕް މެދުވެރިކޮށް ނަގާ ޑޭޓާތައް ދުވުންތެރިއާ ހަމައަށް ގެނެސްދޭނެ އެވެ.

މި އަހަރުގެ ރޭހުގައި ދިރާގުން ވަނީ ސައުތު އޭޝިއާ ގައި ވެސް އަލަށް 5ޖީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓީވީ އަދި ސޯޝަލް މީޑިއާ އިން ލައިވް ކޮށްފަ އެވެ.

ދިރާގުގެ ޗީފް މާކެޓިން އޮފިސާ މަހުމޫދް ދައްސާ ވިދާޅުވީ، އެސްޕީއައީއޭ ފަދަ މި ސަރަހައްދުގެ ކުޅިވަރު އިވެންޓްތަކުގެ އެވޯޑް ޕްލެޓްފޯމެއްގައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މިފަދަ ކާބިޔާބީއެއް ލިބުމަކީ އެ ކުންފުންޏާއި ރާއްޖެ އަށް ވެސް ލިބުނު ޝަރަފެއް ކަމަށެވެ. އަދި އޭޝިއާގައި އެންމެ ފާހަގަކޮށްލެވޭ ކުޅިވަރަކުން ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މިފަދަ ކާމިޔާބީއެއް ލިބުމަކީ ރޭހަށް ހާސިލް ކުރެވުނު ވަރަށް ވެސް ބޮޑު އަދި މުހިންމު ލަނޑުދަޑިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު މި ހާސިލް ކުރެވުނު އެވޯޑަކީ މި އިވެންޓުގައި ހަރަކާތްތެރިވާ ދިރާގުގެ ޓީމްތަކުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރޭސް އިތުރަށް ފުރިހަމަ ކުރަން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ ނަތީޖާ. އަދި އަންނަ އަހަރުގެ އިވެންޓް އިތުރަށް ފުރިހަމަ ކުރުމަށް ޓީމްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް،" މަހްމޫދު ވިދާޅުވި އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދުނިޔޭގެ ފެންވަރުގައި ވިދާލަމުން އަންނަ ދުވުމެކެވެ. އެގޮތުން 2018 ވަނަ އަހަރު އިޖުތިމާއީ ހަރަކާތްތަކަށް ބިނާކޮށް، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓެންސް (އެއިމްސް) އިން ދޭ ބައިނަލްއަގްވާމީ ސޯޝަލް އެވޯޑްގެ ގަދަ ތިނެއްގައި ވެސް މި ރޭސް ވަނީ ހިމެނިފަ އެވެ.