ސައުތު އޭޝިއަން ގޭމްސްގެ ބާސްކެޓްބޯޅަ އިވެންޓުގައި މިއަދު ރާއްޖޭގެ ގައުމީ ފިރިހެން އަދި އަންހެން ޓީމު ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ.
06 ޑިސެމްބަރ 2019
ސައުތު އޭޝިއަން ގޭމްސްގެ ބާސްކެޓްބޯޅަ އިވެންޓުގައި މިއަދު ރާއްޖޭގެ ގައުމީ ފިރިހެން އަދި އަންހެން ޓީމު ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ.
ބާސްކެޓް ފިރިހެން ޓީމު ބަލިވީ ފޯރިގަދަ މެޗަކަށް ފަހު ބަންގްލަދޭޝްއާ ވާދަކޮށް 67-78 އިންނެވެ. އަންހެން ޓީމު ބަލިވީ ގްރޫޕްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އިންޑިއާއާ ދެކޮޅަށް ކުޅެ 156-33 އިންނެވެ. މި މެޗުތަކުން ބަލިވެ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ބާސްކެޓް ދެ ޓީމަށް ވެސް ވަނީ ހަނިވެފަ އެވެ. ސެމީ އަށް ދިއުމަށް ކުރިއަށް އޮތް މެޗުން މޮޅުވާން ޖެހެ އެވެ. ފިރިހެން ޓީމު ކުޅޭނީ އާދިއްތަ ދުވަހު ނޭޕާލާ ދެކޮޅަށެވެ. އަދި އަންހެން ޓީމު ހަމަ އެ ދުވަހު ބައްދަލުކުރާނީ ލަންކާއާ އެވެ.
ނޭޕާލުގެ ތުރީޕުރޭޝްވޯރު ހޯލުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ރާއްޖޭގެ ފިރިހެން ބާސްކެޓް ޓީމު ވަނީ މެޗުގެ ބޮޑުބައިގައި ލީޑު ހިފަހައްޓައިފަ އެވެ. ފުރަތަމަ ކުއާޓަރުގައި ރާއްޖެ ކުރީގައި އޮތީ 19-09 ގަ އެވެ. ދެ ވަނަ ކުއާޓަރުގައި ބަންގްލަދޭޝް އިން ކުޅުން ރަނގަޅުކޮށް މި ކުއާޓަރުގެ ފަހު ކޮޅުގައި ރަނގަޅު ވަގުތުގައި ޕޮއިންޓް ސްކޯކޮށް މި ކުއާޓަރު ނިންމާލިއިރު، 33-34 އިން އެއް ޕޮއިންޓުން ކުރީގައި އޮތެވެ. ޖެހިގެން އައި ކުއާޓަރުގައި ރާއްޖެ އަށް މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދައިދިން މުހައްމަދު ޒިލާލް (ޒިލާ) އާއި އަހުމަދު ޒަބީރުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އެވެ. މި ކުއާޓަރު ރާއްޖޭން ނިންމާލީ 56-50 އިން ކުރީގައި އޮވެގެންނެވެ.
ހަތަރު ވަނަ ކުއާޓަރުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފައުލުތަކެއް ފެނިގެންދިޔައިރު، ބަންގްލަދޭޝް އިން ކުޅެމުން ދިޔަ ގޭމުގެ ސަބަބުން ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. އަދި މި ކުއާޓަރުގެ ފަހު ވަގުތު އެއްކުރި ޕޮއިންޓްތަކާ އެކު ބަންގްލަދޭޝް އިން ވަނީ 67-67 އިން އެއްވަރުކޮށްފަ އެވެ. ރާއްޖެ އަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ބަންގްލަދޭޝްގެ ކެޕްޓަން ޝަމްްޒުއްޒަމާން ހުއްޓުވުމުގަ އެވެ.. އޭނާ ވަނީ މި މެޗުގައި 30 ޕޮއިންޓް އެއްކޮށްފަ އެވެ.
ހަތަރު ކުއާޓަރު ނިމުނުއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު ކުއާޓަރުގައި ކޮންޓްރޯލްކޮށްގެން ކުޅެ ބަންގްލަދޭޝް އިން ވަނީ މެޗުން މޮޅުވެފަ އެވެ. ބަންގްލަދޭޝް އިން މޮޅުވީ 67-78 އިންނެވެ.
ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ގައުމީ ސަލާމަށްހުއްޓިގެން. -- ފޮޓޯ: އަބްދުﷲ އަބީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މިއަދު ހަވީރު ރާއްޖޭގެ އަންހެން ޓީމު ކުޅުނު މެޗުން ވަރުގަދަ އިންޑިއާ އިން ވަނީ ރާއްޖެ އަށް މާ ބޮޑު ފުރުސަތުތަކެއް ނުދީ މެޗުން މޮޅުވެފަ އެވެ. އިންޑިއާގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިއީ ރާއްޖެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާ އަކަށްވާނެ އެވެ.
ރާއްޖެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 11 ޕޮއިންޓް އެއްކުރި ފާތިމަތު ރިޝްމާ އެވެ. ޓީމުގެ ކެޕްޓަން އައިމިނަތު ޝިއުރާ ވަނީ ފަސް ޕޮއިންޓް އެއްކޮށްފަ އެވެ.
މި ފަހަރުގެ ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ބާސްކެޓްބޯލް އެސޯސިއޭޝަނުން ވަނީ ޗައިނާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. ފިރިހެން ޓީމުގެ ކޯޗަކީ ކޯރީ އަލެކްސަންޑަ ބެލްސަ އެވެ. އަންހެން ޓީމަށް އިރުޝާދުދެނީ ސުޕުން ވިމާލް އެވެ.
މިއީ ރިހި މެޑަލް ލިބެންވީ ފަހަރެއް: ސުޕުން
އަންހެން ބާސްކެޓްބޯޅަ ޓީމުންް ލޯ މެޑަލް ހޯދައިފި
އަންހެން ބާސްކެޓް ޓީމު ތިން ވަނަ ހޮވާ މެޗަށް
ޒުވާން ކުޅުންތެރިންނާ މެދު ޒިލާގެ އުއްމީދު ބޮޑު!
ހުނަރާއި ފެންވަރު އެބަހުރި، ބޭނުންވަނީ ވަސީލަތް: ގުރޭ
ކޮލިފައިންގައި ޒުވާން ބާސްކެޓް ޓީމަށް ތިން ވަނަ
18 އަހަރުން ދަށުގެ ބާސްކެޓްބޯޅަ ޓީމަށް ތާރީހީ މޮޅެއް
ބަންގްލަދޭޝްއިން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފި
ޔަގީންކަން އެބައޮތް، ބޭނުމީ މެޗުތަކުން ނަތީޖާ ދައްްކަން
ޒިލާ އާއެކު ބާސްކެޓްބޯޅަ ޓީމް އިންޑިއާގައި ފަރިތަކުރަނީ