Roadha Mihaaru
ޔަގީންކަން އެބައޮތް، ބޭނުމީ މެޗުތަކުން ނަތީޖާ ދައްްކަން

ޔަގީންކަން އެބަ އޮތް، ބޭނުމީ މެޗުތަކުން ނަތީޖާ ދައްކަން: ކެޕްޓަން ޒަބީ

14 ޖޫން 2023

ރާއްޖޭގައި މިއަދު ފަށާ ފައިބް ނޭޝަންސް ކަޕް ބާސްކެޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުން އިންޑިއާގައި ފުރުހަމަކުރި ތަމްރީނުތަކާ އެކު ކުޅުންތެރިންނަށް ކުރިއެރުން ލިބިފައި ވާކަމަށާއި ބޭނުމީ ކޯޓުމަތީގައި ދައްކާ ކުޅުމުން ނަތީޖާ ނެރެން ކަމަށް ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަން އަހުމަދު ޒަބީރު (ޒަބީ) ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭގައި މިއަދު ފަށާ ފައިބް ނޭޝަންސް ކަޕް ބާސްކެޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުން އިންޑިއާގައި ފުރުހަމަކުރި ތަމްރީނުތަކާ އެކު ކުޅުންތެރިންނަށް ކުރިއެރުން ލިބިފައި ވާކަމަށާއި ބޭނުމީ ކޯޓުމަތީގައި ދައްކާ ކުޅުމުން ނަތީޖާ ނެރެން ކަމަށް ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަން އަހުމަދު ޒަބީރު (ޒަބީ) ބުނެފި އެވެ.

މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުން ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި ދެ ހަފްތާގެ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ޒަބީ ބުނީ މި ޓެރޭނިން ކޭމްޕަށް ފަހު ކާމިޔާބު ހޯދޭނެ ކަމުގެ ބޮޑު ޔަގީންކަމެއް ލިބިފައި ވާކަމަށެވެ.

"ބެންގަލޫރު ވާނީ މި ސަރަަަހައްދެއް ނޫން، އަޅުގަނޑު ޗައިނާ އަށް ވެސް ދިޔައިން. ޓްރެއިނިން ކޭމްޕަކަށް ވުރެ ފެސިލިޓީސް ވަރަށް ރަނގަޅު ކޮމްޕްލީޓް ބާސްކެޓްބޯލް އަށް ސްޕެޝަލައިޒް ޓްރެއިނިން ސެންޓަރެއް އެއީ. ރިކަވަރީ އާއި ރިހެބް ބަޔާ އެއްކޮށް ލިބުނީމަ ހުރިހާ ކުދިންގެ ވެސް ހުރިހާ އެއްޗެއް އިމްޕްރޫވްވެއްޖެ، ގޭމް ވައިސް ކޮށް އަދި އިންޑިވިޖުއަލް ވައިސްކޮށް ވެސް،" ކުރިން ދުނިޔޭގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ޕްރަކާޝް ޕަޑްކޯން އާއި ކުރީގެ އެންމެ މޮޅު ބެޓްސްމަން ރާހުލް ޑްރަވިޑް ގުޅިގެން އުފައްދާފައިވާ ޕަޑްކޯން ޑްރަވިޑް ސްޕޯޓްސް އެކަޑަމީގައި ކުރިއަށް ގެންދިޔަ ޓްރޭނިންތަކާ ބެހޭގޮތުން ޒަބީ ބުންޏެވެ.

"އިރާދަކުރެއްވިއްޔާ މިދިޔަ ކޭމްޕަށް ފަހު ވަރަށް ފުރިހަމަ ޔަގީންކަމެއް އެބައޮތް. ދެން ހެޑް ކޯޗު (ބިދޭސީ ކޯޗު ނިމާންޏާ) ބުނިގޮތަށް އަޅުގަނޑުމެން މާގިނަ ވާހަކައެއް ނުދައްކައި އިރާދަކުރެއްވިއްޔާ ކޯޓުން ދައްކަން ބޭނުމީ."

ޒަބީ ބުނީ ރާއްޖެއަކީ ހުރިހާ ކުޅިވަރެއްގައި ވެސް ހުނަރުގެ ގޮތުން މޮޅު ގައުމެއް ކަމަށާއި، ބާސްކެޓްގައި ހުނަރުގެ އިތުރަށް ފިޒިކަލީ ވެސް ރަނގަޅު ކުދިން މިހާރު ލިބުމަކީ ހެޔޮ ބަދަލެއް ކަމަށެވެ.

"މިހާރު ވަރަށް ޔަންގް ކުދިން އެބައާދޭ އިމްޕްރޫވްވަމުން. ކޮންމެ ކުޅިވަރެއްގައި ވެސް ރާއްޖެ ވާނެ ޓެލެންޓް ވައިސް ކޮށް ކުދިން އަންނަ މޮޅު ބަޔަކަށް އެކަމަކު މިހާރު ބާސްކެޓަށް ބަލާއިރު ފިޒީކް ވައިސްކޮށް ވެސް ބޮޑު ބިޔަ ބާސްކެޓަށް ރަނގަޅު ކުދިން އެބަ ލިބޭ. އެހެންވީމަ މި ކޭމްޕުން (ބެންގަލޫރު ކޭމްޕުން) ވެސް އަޅުގަނޑު ފާހަގަކުރާނީ މި ރިވޮލިއުޝަން ރަނގަޅު އެއްޗަކަށް ވާނެއޭ،" ޒިލާ ބުންޏެވެ.

މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖެ އާއެކު ވާދަ ކުރާނީ ބަންގްލަދޭޝް އާއި ނޭޕާލާއިި ބޫޓާން އަދި ޕާކިސްތާނެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި މިރޭ ބަންގްލަދޭޝް އާ ދެކޮޅަށް ނުކުންނާނެ އެވެ. އެއަށް ފަހު ބޫޓާން އަދި ޕާކިސްތާނާ ދެކޮޅަށް ކުޅުމަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުމަށް ފަހު އެންމެ ރަނގަޅު ހަތަރު ޓީމެއް ސެމީ ފައިނަލަށް ހޮވޭނެ އެވެ. ފައިނަލް ކުޅޭީ ސެމީ ފައިނަލްގެ ދެ މެޗުން މޮޅުވާ ޓީމެކެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ގުރޫޕް ސްޓޭޖުގެ މެޗް ޝެޑިއުލް:

◂ 14 ޖޫން - 20:30 : ދިވެހިރާއްޖެ - ބަންގްލަދޭޝް

◂ 15 ޖޫން - 20:30 : ދިވެހިރާއްޖެ - ބޫޓާން

◂ 16 ޖޫން - 20:30 : ދިވެހިރާއްޖެ - ޕާކިސްތާން

◂ 18 ޖޫން - 20:30 : ދިވެހިރާއްޖެ - ނޭޕާލް