Roadha Mihaaru
އަޅުގަނޑު ޖޭއެސްސީން ދުރުވެގެން ލިބޭނީ ބޮނޑި: ނަޝީދު

އަޅުގަނޑު ޖޭއެސްސީން ދުރުވުމަކީ ރާއްޖެ އަށް ލިބޭނެ އެންމެ ބޮޑު ބޮނޑި: ނަޝީދު

07 ޑިސެމްބަރ 2019

އެމަނިކުފާނު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ދުރަށް ޖެހިވަޑައިގަތުމަކީ ރާއްޖެ އަށް ލިބޭނެ އެންމެ ބޮޑު ބޮނޑި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމަނިކުފާނު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ދުރަށް ޖެހިވަޑައިގަތުމަކީ ރާއްޖެ އަށް ލިބޭނެ އެންމެ ބޮޑު ބޮނޑި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާގައި ނަޝީދު އެގޮތަށް ވިދާޅުވީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން ލަސްވާތީ، މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މަޖިލިހުގައި ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެންނެވެ.

އޭރު މަޖިލިހުގައި ކުރިއަށް ދިޔައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނު ސުއޫދު އައްޔަންކުރުމާ ގުޅޭ ގޮތުން މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓަށް ބަހުސް ކުރުމެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން މިހާރު އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތް ކަމަށެވެ. ޖޭއެސްސީގެ ނުފޫޒު ޝަރުއީ ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުންނަށް އަމާޒުވަމުން އަންނާތީ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ނުރުހިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ޝަރުއީ ނިޒާމު ރަނގަޅުކުރާ ކަމަށްވާ ނަމަ، ކުރަން އޮތް އެންމެ މުހިންމު ކަމަކީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުން، އެ ތަނުން މަނިކުފާނު ދުރަށް ވަޑައިގަތުމަކީ މި ގައުމުގެ ޝަރުއީ ނިޒާމަށް ކުރެވޭނެ އެންމެ ރަނގަޅު ކަންތައް،" މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ޖޭއެސްސީގައި އިންނަވާތީ އެކަމަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ނަޝީދަކީ ސިޔާސީ ބޭފުޅެކެވެ. އަދި ސިޔާސީ ގޮތުން އެމަނިކުފާނަކީ ރަނގަޅު މުސްތަގުބަލެއް އޮތް ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، ސިޔާސީ މަސައްކަތް ކުރައްވަމުން ޝަރުއީ ނިޒާމު އިސްލާހު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފްގެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ މިވަގުތު ޖޭއެސްސީގައި އެމަނިކުފާނު އިންނެވި މަގާމުން ދުރަށް ޖެހިވަޑައިގަތުމަކީ ރާއްޖެ އަށް މިވަގުތަށް ލިބޭނެ އެންމެ ބޮޑު ބޮނޑި ކަމަށެވެ.

"އަޅުގަނޑު އެތަނުގައި އިނދެގެން ރާއްޖޭގެ ރައްޔިތުން ތި އެދިވަޑައިގަންނަވާ ގޮތަށް މިކަން ކޮށް ނިންމައިދޭނަން،" ކުރީގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީއާ މެދު ގިނަ ބަޔަކު ކުރާ އެންމެ ބޮޑު އެއް ތުހުމަތަކީ އޭރުގައި އޮންނަ ސަރުކާރެއްގެ ބާރުގެ ދަށުގައި ކޮމިޝަން އޮތުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފަހުން، ޖޭއެސްސީގައި ތިއްބެވި މެމްބަރުން ބަދަލުވި އިރު، ސަރުކާރު ކޯލިޝަންގެ ގިނަ ބޭފުޅުން އިއްތިފާގުވެވަޑައިގަންނަވާ އެއް ކަމަކީ ފަނޑިޔާރުގެ އިސްލާހު ކުރެވެން އޮތީ ޖޭއެސްސީގެ ތެރެއަށް އެބޭފުޅުން ވަނުމުގެ ފުރުސަތު ލިބިގެން ކަމެވެ. އަދި ޖޭއެސްސީ ސިޔާސީ ބޭފުޅުންގެ ނުފޫޒުން ސަލާމަތް ކުރުމަކީ ވެސް އެ ބޭފުޅުންގެ އަމާޒެވެ. އެކަމަކު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ މި ސަރުކާރުން ކުރިން ދެއްކި ވާހަކައެކެވެ.

ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލައި، ފިޔަވަޅު އެޅުމާއި ފަނޑިޔާރުން ރެގިއުލޭޓް ކުރުން ގާނޫނު އަސާސީން ހަވާލުކުރީ ޖޭއެސްސީއާ އެވެ. އެހެންވެ، ޝަރުއީ ނިޒާމާ ގުޅޭ އެންމެ މުހިންމު އަދި އެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ ވެސް ގާނޫނު އަސާސީން ހަވާލު ކޮށްފައި އޮތީ އެ ކޮމިޝަނާ އެވެ.

ޖޭއެސްސީގައި ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުން އިންތިހާބުކުރާ މެމްބަރަކާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ އިތުރުން ރައީސް ކަނޑައަޅުއްވާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން ހޮވާ މެމްބަރެކެވެ.