Roadha Mihaaru
ގާޒީ ބާރީ އާއި މެޖިސްޓްރޭޓަކު މިއަދު ވަކިކުރަނީ

ގާޒީ ބާރީ އާއި މެޖިސްޓްރޭޓަކު މިއަދު ވަކިކުރަނީ

30 ނޮވެމްބަރ 2020

ޖުވެނައިލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފާއި ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލައިގައި ވޯޓަށް އަހަން މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖުވެނައިލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފާއި ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލައިގައި ވޯޓަށް އަހަން މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

ގާޒީ ބާރީ ސަސްޕެންޑް ކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އެންގުމުންނެވެ. އޭނާ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ގަ އެވެ.

ބާރީ ވަކިކުރަން މަޖިލީހަށް ހުށަޙެޅުމަށް ފަހު، ޖޭއެސްސީން އޭރު ނެރުނު ބަޔާނުގައި ބުނީ އޭނާއާ ގުޅޭގޮތުން ބަލާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން މާލީ މަންފާ ހޯއްދަވާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ އާއި މެއި، 2014 އިން ފެބްރުއަރީ، 2018 އާ ހަމައަށް އަމަލީ ގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވުމާއި އެ މުއްދަތުގެ ތެރޭގައި މާލީ ބަޔާނުގައި ވިޔަފާރިން ލިބުނު އާމްދަނީ ހާމަކުރައްވާފައިވާ ނުވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ކަމަށެވެ. ގާޒީކަމުން ބާރީ ވަކިކުރަން ހުށަހެޅީ މި މަހު އެވެ.

އެ މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާޒީ ބާރީއާ ދެމެދު ގާތް ގުޅުން އޮތް ކަމާއި ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އިތުރު ފަނޑިޔާރުންތަކަކާ އެކު، އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އޭނާއާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ވެސް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ބުންޏެވެ.

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގައި މާޗު 13، 2015ގައި 13 އަހަރުގެ ޖަލު ހުކުމް އިއްވުމުގެ ކުރިން، އެ ހުކުމުގެ ކޮޕީއެއް އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބަށް ޚާއްސަކޮށް ބާރީ ހުކުމުގެ ކޮޕީއެއް ދެއްވާފައިވާ ކަމަށް ވެސް ބުންޏެވެ.

ބާރީ ވަކިކުރަން ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައި އޮތީ އޭނާ ވަކިކުރަން ޖޭއެސްސީން ނިންމީ ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ރަނގަށް ކަމަށެވެ.

ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު ވަކިކުރަން ޖޭއެސްސީން ނިންމީ ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ދެ މައްސަލައެއްގައި ދައުވާ ލިބުނު މީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް މައްސަލަ ހިންގާފައި ވާތީ އެވެ. މި ދެ މައްސަލަ ހިންގާފައި ވަނީ ކުރިން މި މައްސަލައިގައި ހުކުމް ކޮށްފައިވާކަން އަބްދުލްރައްޒާގަށް އެނގިވަޑައިގެން ހުންނަވައިގެން ކަމަށް ޖޭއެސްސީން ބުނެ އެވެ. އަދި މި މައްސަލަ ޖޭއެސްސީން ތަހުގީގުކުރި އިރު އަބްދުލްރައްޒާގު އޮޅުވާލައިގެން މައުލޫމާތު ދެއްވާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ދ. ކުޑަހުވަދޫ ކޯޓަށް ހުށަހެޅި މައްސަލައެއް ބަލަން ހަވާލުކުރި މެޖިސްޓްރޭޓަކާ މެދު ހިތްހަމަޖެހިވަޑައިނުގެން، އެ މައްސަލަ ބެލުމުގެ އިހްތިސާސް ނެތް ދ. އެނބޫދޫ މެޖިސްޓްރޭޓަކާ މައްސަލަ ހަވާލުކުރި މައްސަލައެއް ވެސް ބެލި އެވެ. ކުޑަހުވަދޫ ކޯޓުގައި ހިންގި މައްސަލައަކަށް އަބްދުލްރައްޒާގު ހުށަހެޅުއްވި އެއްބަސްވުމެއްގައި ފޯޖްކޮށްފައިވާ ސޮއެއް އޮތް މައްސަލައެއް ވެސް އަންނަނީ ބަލަމުންނެވެ. ފޯޖް ސޮއިގެ މައްސަލަ ޖެނުއަރީ މަހު ފުލުހުން ބަލަމުން ފެށުމާ އެކު އަބްދުއްރައްޒާގު ވަނީ ސަސްޕެންޑްކޮށްފަ އެވެ.