Roadha Mihaaru
"ގަލީ ބޯއި" އަށް އޮސްކާގެ އުންމީދު ބޮޑު: ޕްރޮޑިއުސަރު

"ގަލީ ބޯއި" އަށް އޮސްކާ އެވޯޑް ލިބުމުގެ އުންމީދު ވަރަށް ބޮޑު: ޕްރޮޑިއުސަރު

12 ޑިސެމްބަރ 2019

އަންނަ އަހަރުގެ އޮސްކާ އެވޯޑްސްގެ ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން މި އަހަރު ފޮނުވި ފިލްމު "ގަލީ ބޯއިި" އަށް އޮސްކާ އެވޯޑް މި ފަހަރު ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އެ ފިލްމުގެ އެއް ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރުގެ އޮސްކާ އެވޯޑްސްގެ ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން މި އަހަރު ފޮނުވި ފިލްމު "ގަލީ ބޯއިި" އަށް އޮސްކާ އެވޯޑް މި ފަހަރު ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އެ ފިލްމުގެ އެއް ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ބުނެފި އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި އެ ފިލްމަކީ ރިތޭޝް އާއި ފަރްހާން އަޚްތަރުގެ އެކްސެލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް، ފަރްހާންގެ ދައްތަ ޒޯޔާ އަހްތަރު ޑައިރެކްޓްކުރި ފިލްމެކެވެ. ރަންވީރު ސިންގް އާއި އާލިއާ ބަޓް އަދި ސިދާންތު ޗަތުރެވެތީ މުހިއްމު ރޯލްތައް ކުޅުނު "ގަލީ ބޯއި" އަކީ އިންޑިއާގެ މަގުމަތިން އުފަންވި ހުނަރުވެރި ދެ ރެޕުން ކަމަށްވާ ޑިވައިން އާއި ނައޭޒީގެ ވާހަކަ އަށް ބިނާކޮށް ހެދި ފިލްމެކެވެ.

މި ފިލްމު އަންނަ އަހަރުގެ އޮސްކާ އަށް ހުށަހަޅާނެ ފިލްމަކަށް ހޮވުމުން ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑުކިޔާފައިވެ އެވެ. އަދި "ގަލީ ބޯއި" އަކީ އެ ފުރުސަތު ހައްގުނުވާ ފިލްމެއް ކަމަށް ބުނެ ބޮލީވުޑްގެ ނުފޫޒު ގަދަ ބައެއް މީހުން ވެސް ވާހަކަ ދައްކާފައިވެ އެވެ. މި ފިލްމުގެ ރިލީޒްކުރުމުގެ ކުރިން މިއީ 2002 ގައި ރިލީޒްކުރި އެމެރިކާގެ ރެޕާގެ އެމިނެމްގެ "8 މައިލް" ގެ ކޮޕީއެއް ކަމަށް ވެސް ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ. އެކަމަކު ފިލްމު ބަލާފައި ކްރިޓިކުން ވަނީ "ގަލީ ބޯއި" އަކީ އެމިނެމްގެ ފިލްމުގެ ކޮޕީއެއް ކަމަށް ބުނާނެ އެއްވެސް ޖާގައެއް ނެތް ކަމަށް ބުނެފަ އެވެ.

މި ފިލްމާ ބެހޭ ގޮތުން ރިތޭޝް ބުނީ މިހާރު އިންތިޒާރުކުރަމުން އަންނަނީ މި މަހުގެ 15 އަށް ކަމަށެވެ. އެ ދުވަހަކީ އޮސްކާގެ ކެޓަގަރީތަކަށް ޝޯޓްލިސްޓްވާ ފިލްމުތައް އިއުލާންކުރާ ދުވަހެވެ.

"އަހަރެމެންނަށް ވަރަށް ޔަގީންކަން އެބައޮތް ޝޯޓްލިސްޓްކުރާ ފިލްމުތަކުގެ ތެރޭގައި ވެސް ގަލީ ބޯއި ހިމެނޭނެކަން. ފިލްމަށް އޮސްކާ ހޯދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މީގެ ޓީމުން އަންނަނީ ކުރަމުން،" އޭނާ ބުންޏެވެ. "އެހެންވެ މި ފަހަރަކީ އިންޑިއާ އަށް އޮސްކާ ގެނެވޭނެ ފަހަރަކަށްވާނެ ކަމުގެ އުންމީދުތައް ވަރަށް ބޮޑު."

އިންޑިއާގެ ފިލްމަކަށް އޮސްކާގެ އެންމެ މޮޅު ބޭރު ފިލްމުގެ ކެޓަގަރީ އަށް އެންމެ ފަހުން ނޮމިނޭޝަނެއް ލިބުނު ފިލްމަކީ 2001 ގައި ރިލީޒްކުރި އާމިރު ޚާންގެ "ލަގާން" އެވެ. އޭގެ އިތުރުން ދެން ނޮމިނޭޓްވި ފިލްމުތަކަކީ 1988 ގެ "ސަލާމް ބޮމްބޭ" އާއި 1957 ގެ "މަދަ އިންޑިއާ" އެވެ.

އެކަމަކު މިހާތަނަށް އިންޑިއާގެ އެއްވެސް ފިލްމަކަށް އޮސްކާ ލިބިފައެއްނުވެ އެވެ.

"ނަމަވެސް މި ފަހަރަކީ އިންޑިއާ އިން އަލަށް އޮސްކާ ގެންނާނެ ފަހަރަކަށްވާނެ ކަމުގެ އުންމީދު ވަރަށް ވެސް ބޮޑު،" ރިތޭޝް ބުންޏެވެ.

މި ހަފުތާގައި ބޭއްވި ސްޓާ ސްކްރީން އެވޯޑްގައި ވެސް 11 އެވޯޑް ހިއްލައިލި "ގަލީ ބޯއި" އަކީ ބޭރުގެ ބައެއް ފެސްޓިވަލްތަކުގައި ވެސް ދައްކައިގެން ބޮޑު ތަރުހީބެއް ހޯދައި ރަން ވަނަތަކެއް ހޯދާފައިވާ ފިލްމެކެވެ. އޭގެ ތެރޭގައި މި އަހަރު ބޭއްވި 69 ވަނަ ބާލިން އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ބީއައިއެފްއެފް) އާއި އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފްއެމް) ބުޗޯން އިންޓަނެޝަނަލް ފެންޓާސްޓިކް ފިލްމު ފެސްޓިވަލް (ބީއައިއެފްއެފްއެފް) ގެ އިތުރުން އޭޝިއަން އެކެޑެމީ އޮފް ކްރިއޭޓިވް އާޓްސް އެވޯޑްސް (އޭއޭއޭއޭ) ހިމެނެ އެވެ.