Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

12 ފެބުރުއަރީ 2019

ކަރަން ޖޯހަރު މި އަހަރު ބޮލީވުޑަށް ތައާރަފުކުރާ ފުރަތަމަ ދެ ބަތަލާއިންގެ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ރިލީޒް ކުރާ ތާރީހު ކައިރިވަމުން އަންނަނިކޮށް، އެ ފިލްމުގެ ދެ ބަތަލާއިން ރަސްމީކޮށް ދޭ ފުރަތަމަ އިންޓަވިއު، ކަރަން މިހާރު ގެނެސްދޭ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަނުގައި ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރު މި އަހަރު ބޮލީވުޑަށް ތައާރަފުކުރާ ފުރަތަމަ ދެ ބަތަލާއިންގެ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ރިލީޒް ކުރާ ތާރީހު ކައިރިވަމުން އަންނަނިކޮށް، އެ ފިލްމުގެ ދެ ބަތަލާއިން ރަސްމީކޮށް ދޭ ފުރަތަމަ އިންޓަވިއު، ކަރަން މިހާރު ގެނެސްދޭ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަނުގައި ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.

ސްޓާ ވޯލްޑުން ދައްކާ އެ ޝޯގެ އެޕިސޯޑުން ތާރާ ސުތާރިއާ އާއި އަނަންޔާ ޕާންޑޭ ތައާރަފުކޮށްދޭ އިރު، ފިލްމުގެ ލީޑް އެކްޓަރު ޓައިގާ ޝްރޮފް ވެސް ފެނިގެން ދާނެ އެވެ، އަންނަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ ގެނެސްދޭ މި އެޕިސޯޑްގެ ޕްރޮމޯއެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

"ސްޓޫޑަންޓް އޮފް ދި އިޔާ 2" ސިނަމާތަކަށް އަންނާނީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހު އެވެ.

މި ފިލްމަކީ ކަރަން 2012 ވަނަ އަހަރު އާލިއާ ބަޓާއި ވަރުން ދަވަން އަދި ސިދާތު މަލްއުތުރާ ބޮލީވުޑަށް ތައާރަފު ކުރި "ސްޓޫޑަންޓް އޮފް ދި އިޔާ" ފްރެންޗައިޒްގެ ދެވަނަ ބައެވެ. މި ފަހަރު ފިލްމު ޑައިރެކްޓްކޮށްފައި ވަނީ 2010 ގައި "އައި ހޭޓް ލަވް ސްޓޯރީޒް" ގެނެސް ދިން ޕުނީތު މަލްއުތުރާ އެވެ.

ކަރަން ޑައިރެކްޓް ކުރި ފިލްމާ އެއްގޮތަށް "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގައި ވެސް ކިޔައި ދޭނީ ކޮލެޖް ޒުވާނުންތަކެއްގެ ލޯބީގެ ވާހަކައެކެވެ. މި ފިލްމުން އަނަންޔާ އާއި ތާރާ ބޮލީވުޑަށް ތައާރަފު އިރު، ދެ ތަރިން މިހާރު އަންނަނީ އިތުރު ދެ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

އަނަންޔާ ކުޅޭ ފިލްމަކީ ކާތިކް އާރިޔަންއާ އެކު ކުޅޭ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކެވެ. ތާރާގެ ދެވަނަ ފިލްމަކީ ސިދާތުއާ އާ އެކު ކުޅޭ "މަރްޖާވާ" އެވެ. މި ދެ ފިލްމު ވެސް މި އަހަރު ރިލީޒް ކުރާނެ އެވެ.

"މޭރާ ޕިޔާރޭ ޕްރައިމް މިނިސްޓަރު" ގެ ޓްރެއިލާ ދައްކާލައިފި

އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ ފިލްމު "މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓަރު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާ މި ފިލްމަކީ ހާމަ ތަންތަނަށް ބޮޑުކަމުދާ މައްސަލަ އަށް ބިނާކޮށް ހަދާފައިވާ އިޖުތިމާއީ ފިލްމެކެވެ.

ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ވެސް ފެނިގެންދާ ފިލްމުގެ އެންމެ މުހިއްމު އެކަކީ މީގެ ބަތަލާ ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ އަންޖަލީ ޕަޓިލް އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މަކަރަންދް ދޭޝްޕާންޑޭ، ރާސިކާ އަގާޝޭ، ސޯނިއާ އަލްބިޒޫރީ އަދި ނިޝިކެތު ޕުރްނަަތުރޭ ހިމެނެ އެވެ. "މޭރޭ ޕްރައިމް މިނިސްޓަރު" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މަނޯޖް މައިތުރާ އާއި ހުސައިން ދަލާލެވެ.

"ބާގް މިލްކާ ބާގް" އާއި "ރަންގް ދެ ބަސަންތީ" ފަދަ ފިލްމުތައް ގެނެސް ދިން މެހެރާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2016 ގެ "މިރްޒިޔާ" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ފަރްހާން އަހްތަރާ އެކު އަންނަ އަހަރު ގެނެސްދޭ ބޮކްސިން ފިލްމު "ތޫފާން" އެވެ.

"ގަލީ ބޯއި" ބާލިންގައި ދައްކާލައިފި

މި މަހުގެ 7-17 އަށް ޖަރުމަނުގައި ކުރިއަށްދާ 69 ވަނަ ބާލިން އިންޓަނެޝަނަލް ފިލްމު ފެސްޓިވަލްގައި ބޮލީވުޑްގެ ފިލްމު "ގަލީ ބޯއި" ޕްރިމިއާކޮށް، ގިނަ ބައެއްގެ ތައުރީފު ހޯދައިފި އެވެ.

ފިލްމު ފެސްޓިވަލްގައި ޕްރިމިއާ ކުރީ ޑައިރެކްޓަރު ޒޯޔާ އަހްތަރާއި ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ އާއި ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ރަންވީރް ސިންގް އާއި އާލިއާ ބަޓާ އެކީގަ އެވެ. އަދި ފިލްމު ޕްރިމިއާ ކުރަން ބޭއްވި ހަފުލާގައި ރަންވީރު ވަނީ "ގަލީ ބޯއި" ހައި ހިމެނޭ އޭނާގެ ރެޕް ލަވަ "އަޕްނާ ޓައިމް އާގަޔާ" ވެސް އޯޑިއަންސް ކުރިމަތީގައި ހުށަހަޅައި އެތައް ބައެެއްގެ ލޯބި ހޯދައި ފިލްމެވެ.

މި ފިލްމަށް ފާޑުކީ ގިނަ ކްރިޓިކުން ބުނި ގޮތުގައި "ގަލީ ބޯއި" އަކީ ވަރަށް ޝައުގުވެރި، އެހާމެ ފުރިހަމަ ޑައިރެކްޝަނެއް ފެނިގެންދާ ފިލްމެކެވެ.

ބައެއް ކްރިޓިކުން ބުނި ގޮތުގައި މިއީ ރަންވީރުގެ ފަރާތުން މިހާތަނަށް އެންމެ މޮޅު އެކްޓިންއެއް ވެސް ފެނިގެން ދިޔަ ފިލްމެވެ. "ގަލީ ބޯއި" އިންތިޒާރުގައި އާންމު އޯޑިއަންސް އިންތިޒާރުގައި ތިބި އިރު، ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ހިސާބުން އިންޑިއާގެ ކްރިޓިކުން މި ފިލްމާ ބެހޭ ގޮތުން ބުނާ އެއްޗެއް ވެސް އެނގި ދާނެ އެވެ.

"ގަލީ ބޯއި" އަކީ މަގުމަތިން އުފަންވާ ރެޕުންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ބާދްޝާ ވެސް އެކްޓިން އަށް

ރެޕާއެއްގެ ގޮތުގައި މަޝްހޫރުވި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބާދްޝާ ވެސް ފިލްމަކަށް ސޮއިކޮށްފި އެވެ.

އޭނާ އެކްޓަރެއްގެ ގޮތުގައި ފެނިގެން ދާނީ ދާދި ފަހުން ޕަންޖާބްގައި ވެސް މަންޒަރުތަކެއް ނެގި، ޑައިރެކްޓަރު ޝިޕީ ދާސް ގުޕްތާގެ އާއިލީ ކޮމެޑީ ފިލްމުންނެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސޮނާކްޝީ ސިންހާ، ވަރުން ޝަރުމާ އަދި އައްނޫ ކަޕޫރް ހިމެނެ އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ މި ފިލްމުގެ ޝޫޓިން މިހާރު މުމްބާއީގައި ކުރިއަށްދާ އިރު، ބާދްޝްހާ ވެސް ވަނީ ކާސްޓާ މިހާރު ގުޅިގަ އެވެ.

އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމު ރިލީޒް ކުރާނެ ތާރީހެއް ވެސް އިއުލާނެއް ނުކުރެ އެވެ.