Roadha Mihaaru
"ގަލީ ބޯއި" އޮސްކާ ރޭހުން ކަޓައިފި

"ގަލީ ބޯއި" އޮސްކާ ރޭހުން ކަޓައިފި

18 ޑިސެމްބަރ 2019

އިންޑިއާ އިން އަންނަ އަހަރުގެ އޮސްކާ އެވޯޑްސްގެ އިންޓަނެޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް ފޮނުވި ފިލްމު "ގަލީ ބޯއި" އެ ކެޓެގަރީ އަށް ޝޯޓްލިސްޓް ވެސް ނުވެ، އޮސްކާ ރޭހުން ކަޓައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާ އިން އަންނަ އަހަރުގެ އޮސްކާ އެވޯޑްސްގެ އިންޓަނެޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް ފޮނުވި ފިލްމު "ގަލީ ބޯއި" އެ ކެޓެގަރީ އަށް ޝޯޓްލިސްޓް ވެސް ނުވެ، އޮސްކާ ރޭހުން ކަޓައިފި އެވެ.

ޒޯހާ އަހްތަރު ޑައިރެކްޓްކޮށް، ރަންވީރު ސިންގް އާއި އާލިއާ ބަޓް އަދި ސިދާންތު ޗަތުރަވެތީ މުހިއްމު ރޯލްތައް ކުޅުނު ފިލްމު މި އަހަރުގެ އޮސްކާ އަށް ނޮމިނޭޓްވާނެ ކަމަށް އެ ފިލްމުގެ ޓީމުން ވަރަށް ބޮޑަށް އުންމީދުކޮށް، އެ ވާހަކަ މީޑިއާތަކުގައި ވެސް ހިއްސާކޮށްފައިވެ އެވެ.

ނަމަވެސް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބުމުގެ އިތުރުން އެކިއެކި ފެސްޓިވަލްތަކުގައި ވެސް ދައްކައިގެން ވަނަތައް ހޯދުމުގެ އިތުރަށް ކްރިޓިކުންގެ ލޯބި ވެސް ލިބުނު "ގަލީ ބޯއި" އަށް އޮސްކާގެ އުންމީދު ގެއްލިގެން ދިޔަ އިރު، މިއީ އިންޑިއާ އޮސްކާއަކަށް ކުރާ އުންމީދު އަނެއްކާ ވެސް ފެނަށް ވެގެން ދިޔަ ކަމެކެވެ.

އަންނަ އަހަރުގެ އޮސްކާ އެވޯޑްސްގެ އިންޓަނެޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް 92 ފިލްމު ވާދަކުރި އިރު، ޝޯޓް ލިސްޓްކުރީ 10 ފިލްމެކެވެ. އޭގެ ތެރޭގައި ހިމެނެނީ ދަ ޕެއިންޑެޓް ބާޑް (ޗެކް ރިބަޕްލިކް)، ޓުރުތު އެންޑް ޖަސްޓިސް (އެސްޓޯނިއާ)، ލެޒް މިސެރެބަލް (ފްރާންސް)، ދޯޒް ހޫ ރިމެއިންޑް (ހަންގޭރީ)، ހަނީލޭންޑް (ނޯތު މެސެޑޯނިއާ)، ކޯޕަސް ކްރިސްޓީ (ޕޮލެންޑް)، ބީންޕޯލް (ރަޝިއާ)، އެޓްލާންޓިކްސް (ސެނެގާލް)، ޕެރަސައިޓް (ދެކުނު ކޮރެއާ) އަދި ޕެއިން އެންޑް ގްލޯރީ (ސްޕެއިން) އެވެ.

މި ފިލްމުތަކުގެ ތެރެއިން އެވޯޑަށް ނޮމިނޭޓްކުރާނީ އެންމެ މޮޅު ފަސް ފިލްމެވެ.

އިންޑިއާގެ ފިލްމަކަށް އޮސްކާއެއް ލިބޭތޯ ކުރަން ޖެހޭ މަސައްކަތްތައް އަނެއްކާ ވެސް ދިގުދެމިގެން ދިޔަ އިރު، މިހާތަނަށް އެ ގައުމުގެ ފިލްމުތަކަށް އޮސްކާ ނޮމިނޭޝަންގައި ލައްވައިލީ އެންމެ ތިން ފަހަރު އެވެ. އެއީ 2001 ގައި ރިލީޒްކުރި އާމިރު ޚާންގެ "ލަގާން" އާއި 1988 ގެ "ސަލާމް ބޮމްބޭ" ގެ އިތުރުން 1957 ގެ "މަދަ އިންޑިއާ" އެވެ.

އިންޓަނެޝަނަލް ބެސްޓް ފީޗާ ފިލްމު ކެޓަގަރީގެ އިތުރުން އަންނަ އަހަރުގެ އޮސްކާގެ އިތުރު ނުވަ ކެޓަގަރީއަކަށް ޝޯޓް ލިސްޓްވި ނަންތައް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ޑޮކިއުމަންޓަރީ ފީޗާ، ޑޮކިއުމަންޓަރީ ޝޯޑް ސަބްޖެކްޓް، މޭކަޕް އެންޑް ހެއާ ސްޓައިލިން، އޮރިޖިނަލް ސްކޯ، އޮރިޖިނަލް ސޯންގް، އެނިމޭޓެޑް ޝޯޓް ފިލްމު، ލައިވް-އެކްޝަން ޝޯޓް ފިލްމު އަދި ވިޝުއަލް އިފެކްޓްސް އެވެ.

ހުރިހާ ކެޓަގަރީއެއްގެ ނޮމިނޭޝަންތައް އިއުލާންކުރުން އޮންނާނީ އަންނަ މަހުގެ 13 ގަ އެވެ.

އަންނަ އަހަރު ބާއްވާ 92 ވަނަ އޮސްކާ އެވޯޑްސް ހަފުލާ އޮންނާނީ ފެބްރުއަރީ މަހުގެ 10 ގަ އެވެ.