Roadha Mihaaru
"ގަލީ ބޯއި" އަކީ "8 މައިލް" ގެ ކޮޕީއެއް ނޫން: ޒޯޔާ

"ގަލީ ބޯއި" އަކީ އެމިނެމްގެ "8 މައިލް" ގެ ކޮޕީއެއް ނޫން: ޒޯޔާ އަހްތަރު

14 ފެބުރުއަރީ 2019

ބުރާސްފަތި ދުވަހު ރިލީޒްކުރާ ރަންވީރު ސިންގްގެ ފިލްމު "ގަލީ ބޯއި" އަކީ އެމެރިކާގެ މަޝްހޫރު ރެޕާ އެމިނެމް 2002 ގައި ކުޅުނު ފިލްމު "8 މައިލް" ގެ ކޮޕީއެއް ކަމަށް ބުނާ ވާހަކަ ޑައިރެކްޓަރު ޒޯޔާ އަހްތަރު ދޮގުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބުރާސްފަތި ދުވަހު ރިލީޒްކުރާ ރަންވީރު ސިންގްގެ ފިލްމު "ގަލީ ބޯއި" އަކީ އެމެރިކާގެ މަޝްހޫރު ރެޕާ އެމިނެމް 2002 ގައި ކުޅުނު ފިލްމު "8 މައިލް" ގެ ކޮޕީއެއް ކަމަށް ބުނާ ވާހަކަ ޑައިރެކްޓަރު ޒޯޔާ އަހްތަރު ދޮގުކޮށްފި އެވެ.

"ގަލީ ބޯއި" ގެ ފުރަތަމަ ޕޯސްޓަރު ދައްކައިލި އިރު، އޭގައި "8 މައިލް" ގެ ޕޯސްޓަރުގައި އެމިނެމް އިންނަ ގޮތަށް ރަންވީރު ވެސް ހުޑީއެއް އަޅައިގެން ހުންނށާތީ ވެސް ބައެއް މީހުން ވަނީ މިއީ އެ ފިލްމުގެ ކޮޕީއެއް ކަމަށް ބުނެފަ އެވެ.

އެކަމަކު މި ދެ ފިލްމުގައި ހުރި އެތްގޮތް ކަމަކީ ހަމައެކަނި ފިލްމުގެ މައިގަނޑު ވާހަކަ ރެޕަކަށް ބިނާވުން ކަމަށް ޒޯޔާ ބުންޏެވެ.

ބާލިން ފިލްމު ފެސްޓިވަލްގައި މި މަހުގެ 9 ވަނަ ދުވަހު ޕްރިމިއާކޮށްގެން ގިނަ ބައެއްގެ ތައުރީފު ވެސް އޮހުނު "ގަލީ ބޯއި" އަކީ އިންޑިއާގެ މަގުމަތިން އުފަންވި ކާމިޔާބު ދެ ރެޕުން ކަމަށްވާ ނައޭޒީ އާއި ޑިވައިންގެ ވާހަކައިން އިންސްޕަޔާވެގެން ހަދާފައިވާ ފިލްމެކެވެ.

ޒޯޔާ ބުނީ "ގަލީ ބޯއި" ހަދަން ރިފަރެންޒެއްގެ ގޮތުގައި "8 މެއިލް" އަށް ބެލި ކަމަށެވެ.

"އެކަމަކު މިއީ އެއިޓް މައިލްގެ ކޮޕީއެކޭ ބުނެވޭނެ ޖާގައެއް ހަގީގަތުގައި ނޯންނާނެ. ދެ ފިލްމުގެ ވާހަކައިގައި ވެސް ރެޕުންގެ ވާހަކަ ކިޔައި ދިނަސް އަހަރެމެންގެ ފިލްމުގެ ސްޓޯރީ ލައިން މުޅިން ތަފާތު ވާނެ،" ރީމާ ކަތުގިއާ ގުޅިގެން ސްކްރީންޕްލޭ ލިޔުނު ފިލްމާ ބެހޭ ގޮތުން ޒޯޔާ ބުންޏެވެ. "ފިލްމު ބަލާލީމަ ބެކުންތެރިންނަށް އެނގިގެން ދާނެ މި ފިލްމަކީ އެއިޓް މައިލްގެ ކޮފީއެއް ނޫންކަން."

އިންޑިއާގެ ރަށްފުށުގެ ފަގީރު އާއިލާއެއްގެ ޒުވާނަކު (ރަންވީރު/މުރާދު ޝެއިހް) ކާމިޔާބު ރެޕާއަކަށް ބަދަލުވެގެންދާ ގޮތް ކިޔައިދޭ "ގަލީ ބޯއި" ގެ ބަތަލާއިންނަކީ އާލިއާ ބަޓާއި ކަލްކީ ކޮއެޗްލިން އެވެ.