Roadha Mihaaru
ސައުތު އޭޝިއަން ގޭމްސް ދެން އޮންނާނީ ޕާކިސްތާނުގައި

ސައުތު އޭޝިއަން ގޭމްސް ދެން އޮންނާނީ ޕާކިސްތާނުގައި

11 ޑިސެމްބަރ 2019

ސައުތު އޭޝިއަން ގޭމްސް 2021 ވަނަ އަހަރު ބޭއްވުމުގެ ފުރުސަތު ޕާކިސްތާނަށް ދީފި އެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

ސައުތު އޭޝިއަން ގޭމްސް 2021 ވަނަ އަހަރު ބޭއްވުމުގެ ފުރުސަތު ޕާކިސްތާނަށް ދީފި އެވެ.

އެ ފުރުސަތު ހޯދަން ދެން މަސައްކަތްކުރީ ސްރީ ލަންކާ އިންނެވެ. އަދި ރާއްޖޭން އައީ ލަންކާއާ ގުޅިގެން ބައެއް އިވެންޓްތައް ރާއްޖޭގައި ބޭއްވޭނެ މަގެއް ފެނޭތޯ ބަލަމުންނެވެ. އެކަމަކު ޕާކިސްތާނުގައި ބާއްވާ ގޮތަށް ހަމަޖެހުމުން ރާއްޖެ އަށް ވަނީ އެ ފުރުސަތު ގެއްލިފަ އެވެ.

ގޭމްސް ބޭއްވުމުގެ ފުރުސަތު ޕާކިސްތާނަށް ދިންކަން އިއުލާންކުރީ ނޭޕާލުގެ ކަތުމަންޑޫ އާއި ޕޮކަހާރާގައި މި މަހު އެއް ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭއްވި މި އަހަރުގެ ގޭމްސްގެ ނިމުމުގެ ރަސްމިއްޔާތުގައި ރޭގަ އެވެ. ޕާކިސްތާނުން މީގެ ކުރިން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ.

ޕާކިސްތާނުގައި ގޭމްސް ބޭއްވުމުގެ ފުރުސަތު ދިނުމުން އިންޑިއާ އިން ގޭމްސްގެ ގިނަ އިވެންޓްތަކުގައި ބައިވެރިވާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. އެ ގައުމުގައި މީގެ ކުރިން ބޭއްވި ގޭމްސްތަކުގައި ވެސް އިންޑިއާ އިން ވަނީ ގިނަ އިވެންޓްތަކުގައި ބައިވެރިނުވެފަ އެވެ. މި ފަހަރުގެ ގޭމްސްގެ ގިނަ އިވެންޓްތަކުގައި ވެސް ޕާކިސްތާން ބައިވެރިނުވެ އެވެ. އަންހެން އަދި ފިރިހެން ފުޓްބޯޅަ އިވެންޓުގައި ޕާކިސްތާން ނުކުޅެ އެވެ.

ސައުތު އޭޝިއަން ގޭމްސް 1984 ވަނަ އަހަރު ބާއްވަން ފެށީ އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށެވެ. ފަހުން ވަނީ ދެ އަހަރުން އެއް އަހަރަށް ބަދަލުކޮށްފަ އެވެ. އެކަމަކު ފަހަކަށް އައިސް ކަނޑައަޅާ ތާރީހުގައި ބޭއްވޭ ގޮތެއް ނުވެ އެވެ. މި އަހަރުގެ ގޭމްސް ބޭއްވީ ވެސް ތިން ފަހަރެއްގެ މަތިން ލަސްކުރުމަށް ފަހު އެވެ.