Roadha Mihaaru
ބެޓެރިން ދުއްވާ ސީޕްލޭންގެ ފުރަތަމަ ދަތުރު ކާމިޔާބު

ބެޓެރިން ދުއްވާ ސީޕްލޭންގެ ފުރަތަމަ ދަތުރު ކާމިޔާބު

13 ޑިސެމްބަރ 2019

ބެޓެރީގެ ކަރަންޓުން އުދުހޭ މަތިންދާބޯޓެއްގެ ފުރަތަމަ ކޮމާޝަލް ދަތުރު ކެނެޑާގައި ޓެސްޓްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެޓެރީގެ ކަރަންޓުން އުދުހޭ މަތިންދާބޯޓެއްގެ ފުރަތަމަ ކޮމާޝަލް ދަތުރު ކެނެޑާގައި ޓެސްޓްކޮށްފި އެވެ.

ކަނޑަށް ޖައްސާ މި ބޯޓް އުފައްދާފައި ވަނީ ކެނެޑާގެ ސީޕްލޭން އޮޕަރޭޓްކުރާ ހާބާ އެއާ ސީޕްލޭނާއި މެގްނިކްސް ގުޅިގެންނެވެ. ކޮމާޝަލް ދަތުރުތަކަށް ބޭނުންކުރާނެ މި އިލެކްޓްރިކް މަތިންދާބޯޓް ޓެސްޓްކޮށްފައި ވަނީ ވެންކޫވާގެ ފްރޭޝާ ކޯރުގަ އެވެ.

މިކަމާ ބެހޭ ގޮތުން ހާބާ އެއާ އާއި މެގްނިކްސް އިން ބުނީ މިއީ ވައިގެ ދަތުރުފަތުރުގެ ދާއިރާ އަށް އިންގިބާލެއް ގެނުވާނެ އުފެއްދުމެއް ކަމަށެވެ. އެގޮތުން ތިމާވެއްޓަށް ގެއްލުން ހުރި ހަކަތައިގެ ބަދަލުގައި ކަރަންޓުން އުދުހޭ ބޯޓެއް ވުޖޫދަށް ގެނައުމަކީ ގޮންޖެހުން ބޮޑު އެކަމަކު އުންމީދުން ފުރިގެންވާ މަސައްކަތެއް ކަމަށް ބުންޏެވެ.

"މިއީ އޭވިއޭޝަންގެ ދާއިރާ އިން މުޅިން އާ ޖީލަކަށް މިސްރާބު ޖަހާނެ އުންމީދީ މަސައްކަތެއް،" ހާބާ އެއާ އާއި މެގްނިފިކްސް އިން ބުންޏެވެ.

އެ ޓީމުން ބުނިގޮތުގައި އިލެކްޓްރިކް ކާރާއި ރޭލު ފަދަ އެއްޗެހި އުފައްދައި، އޮޕަރޭޓްކުރަން ގޮންޖެހުންތައް ނިސްބަތުން ކުޑަ ނަމަވެސް ވައިގެ ތެރޭގައި އުދުހޭ ކަރަންޓް މަތިންދާބޯޓެއް އުފައްދައި، އޮޕަރޭޓްކުރުމަކީ ގޮންޖެނުންތައް ވަރަށް ބޮޑު މަސައްކަތެކެވެ.

އެ ގޮތުން އެތައް ގަޑިއިރަކު ކަރަންޓްގެ އެހީގައި އުދުހޭނެ ބޯޓެއް އުފެއްދުމަކީ ހަކަތަ ވަރުގަދަ ބެޓެރީގެ އެހީގައި ކުރާ ކަމެކެވެ. އަލަށް ޓެސްޓްކުރި ބޯޓަށް ދަތުރުކުރެވެނީ 100 ކިލޯމީޓަރުގެ ރާސްތާއަކަށެވެ. ނަމަވެސް އަމާޒަކީ ބެޓެރީ ޗާޖްކޮށްލައިގެން، ދަތުރުކުރެވޭ ރާސްތާ މައްޗަށް ޖެއްސުމެވެ.

"ޓެސްޓްކުރި ބޯޓްގެ ރާސްތާ ސަތޭކަ ކިލޯމީޓަރަށް ލިމިޓްވެފައި އޮތަސް މިއީ 15 މިނިޓްގެ ދަތުރަކަށް އެކަށީގެންވާނެ ވަރެއް ކަމަށް އަހަރެމެން މި ބަލަނީ،" މެގްނިކްސްގެ ޗީފް އެކްޒެކެޓިވް ރޮއީ ގަންޒާސްކީ ވިދާޅުވި އެވެ.

ހާބާ އެއާ އިން ބުނިގޮތުގައި މިހާރު އަމާޒަކީ އެ ކުންފުނީގެ މުޅި ފްލީޓް އިލެކްޓިކް ޕްލޭނަށް ބަދަލުކުރުން ނުވަތަ 40 އަށް ވުރެ ގިނަ އެފަދަ ބޯޓް ފްލީޓަށް އިތުރުކުރުމެވެ. އަދި މި އެއްޗެހި ކޮމާޝަލް ދަތުރުތަކަށް ބޭނުންކުރަން ފަށަން އަދި އެ ދެ އަހަރެއް ވަރު ނަގާނެ އެވެ.