Roadha Mihaaru
ގޯއާގެ ދަތުރަކަށް ވުރެ މުހިންމީ ފިޔާ!

ގޯއާގެ ދަތުރަކަށް ވުރެ މުހިންމީ ފިޔާ!

14 ޑިސެމްބަރ 2019

އިންޑިއާގެ އެންމެ ރީތި އެއް މަންޒިލް، ގޯއާގައި ޗުއްޓީ ހޭދަ ކުރުމަށް ވުރެ ތިން ކިލޯ ފިޔާ ބޭނުންވާ ކަމަށް ބުނާ މީހުންގެ އަދަދު އިތުރު ކަމަށް އެ ގައުމުގެ ވެބްސައިޓަކުން ހިންގި މުބާރާތަކުން ހާމަވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިންޑިއާގެ އެންމެ ރީތި އެއް މަންޒިލް، ގޯއާގައި ޗުއްޓީ ހޭދަ ކުރުމަށް ވުރެ ތިން ކިލޯ ފިޔާ ބޭނުންވާ ކަމަށް ބުނާ މީހުންގެ އަދަދު އިތުރު ކަމަށް އެ ގައުމުގެ ވެބްސައިޓަކުން ހިންގި މުބާރާތަކުން ހާމަވެއްޖެ އެވެ.

މިދިޔަ އޮގަސްޓް މަހު އިންޑިއާ އަށް ކުރި ވިއްސާރައިގައި ގިނަ އަދަދެއްގެ ފިޔާ ދަނޑުތައް ހަލާކުވުމުގެ ސަބަބުން މި ސީޒަނަށް ފިޔާ އުފެއްދުނު މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެހެންވެ، ފިޔާގެ އަގު މިހާރު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

އޮންލައިންކޮށް ބަސް ޓިކެޓު ވިއްކާ "އަބިބަސް" ވެބްސައިޓުން، ބޭނުންވާ އިނާމަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުމުން 54 ޕަސެންޓް މީހުން ބޭނުންވީ ތިން ކިލޯ ފިޔާ އެވެ. މި ވެބްސައިޓުގައި ދެން އިއުލާން ކޮށްފައިވާ އިތުރު އިނާމު ތަކުގެ ތެރޭގައި ގޯއާގައި ޗުއްޓީ ހޭދަކުރުމާއި އައިފޯނަކާއި އީ-ބައިކެއް ހިމެނެ އެވެ.

އެ ކޮންޓެސްޓުގެ ނަތީޖާ އަށް ބެލުމަށް ފަހު، އެ ވެބްސައިޓުން މިހާރު ވަނީ މާކެޓިން ޓޫލެއްގެ ގޮތުގައި ފިޔާ ބޭނުން ކުރަން ފަށައިފަ އެވެ. މަޖަލެއްގެ ގޮތުގައި ފިޔާ އިނާމެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް ގިނަ ބަޔަކު ކުރިމަތިލުމުން ކޮންމެ ހަފްތާއަކު ނަސީބުވެރި 20 މީހަކަށް ތިން ކިލޯ ފިޔާ ދިނުމަށް އެ ވެބްސައިޓުން މިހާރު ވަނީ ނިންމައިފަ އެވެ.

"އަބިބަސް" އިން ބުނީ މިއީ ގޯއާގެ ދަތުރު ދެވަނަ އަށް ވެއްޓުނު ފުރަތަމަ ފަހަރު ކަމަށެވެ. މީގެ ކުރިން އެންމެ ގިނަ ބަޔަކު ބޭނުންވަނީ ގޯއާގައި ޗުއްޓީ ހޭދަ ކުރުން ކަމަށާއި މި ފަހަރުގެ ކޮންޓެސްޓުގެ ނަތީޖާ ފެނުމުން ހައިރާންވި ކަމަށް އެ ވެބްސައިޓުން ބުންޏެވެ.

އިންޑިއާގައި ފިޔާގެ އަގު ބޮޑުވުމުގެ ސަބަބުން "އަބިބަސް" ފަދަ ގިނަ ތަންތަނުން އަންނަނީ ފިޔާ ބޭނުން ކޮށްގެން ވިޔަފާރި އިޝްތިހާރު ކުރަމުންނެވެ. ބައެއް ފިހާރަތަކުން ގަންނަ ކޮންމެ ފޯނަކާ އެކު ފިޔާ ކިލޯއެއް ހިލޭ ދޭއިރު އަނެއްބައި ފިހާރަތަކުން ލަކީޑްރޯގެ ގޮތުގައި ފިޔާ ބަހަ އެވެ.

އިންޑިއާގައި ފިޔާ ކިލޯއެއްގެ އަގު ވަނީ 160-200 ރުޕީސް އަށް އަރައިފަ އެވެ. މީގެ އަސަރު ރާއްޖެ އާއި ދެކުނު އޭޝިއާގެ ގިނަ ގައުމުތަކަށް ވަނީ ކޮށްފަ އެވެ. އެގޮތުން، ދެކުނު އޭޝިއާގެ މާކެޓުގައި ފިޔާ އަގު ވަނީ ރެކޯޑު އަދަދަކަށް އުފުލިފަ އެވެ.