Roadha Mihaaru
އިންޑިއާގެ ފެންބޮޑުވުމުގައި 136 މީހުން މަރު

އިންޑިއާގެ ފެންބޮޑުވުމުގައި 136 މީހުން މަރު

25 ޖުލައި 2021

އިންޑިއާގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ ވިއްސާރައިގައި، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، މަދުވެގެން 136 މީހަކު މަރުވެ އެތައް ބަޔަކު ގެއްލިއްޖެ އެވެ.

އިންޑިއާގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ ވިއްސާރައިގައި، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، މަދުވެގެން 136 މީހަކު މަރުވެ އެތައް ބަޔަކު ގެއްލިއްޖެ އެވެ.

އެންމެ ބޮޑު ގެއްލުމެއް ލިބުނުކަން މިހާތަނަށް އެނގިފައިވަނީ، ހުޅަނގު އައްސޭރިފަށުގައި އޮންނަ ގޯއާ އާއި މަހާރާޝްތުރާ ސްޓޭޓަށެވެ. އެ ދެ ސްޓޭޓުން ގިނަ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މަރުވެފައިވާ ކަމަށް ޔަގީންވި 136 މީހުންނަކީ ވެސް މަހާރާޝްތުރާ ސްޓޭޓްގެ މީހުންނެވެ. އަދި ގޯއާ އިން ވަނީ، މީހުންނަށް ދިރިނުއުޅެވޭ ވަރަށް އެތައް ސަތޭކަ ގެއެއް ހަލާކުވެފަ އެވެ. މި ދެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރެކޯޑް މިންވަރަކަށް ވާރޭ ވެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ބައެއް އުސް ސަރަހައްދުތަކުން ވެއްޔާއި ކިސަޑު ފޭބުމުގެ ސަބަބުން ބައެއް މަގުތަކާއި ހައިވޭތައް ވަނީ ބަންދުވެފަ އެވެ. އެ ގޮތުން ގޯއާ އާއި މުމްބާއީ ގުޅުވައިދޭ މަގުވެސް ބަންދުވެފައި ވުމުގެ ސަބަބުން، އެ ސަރަހައްދުގައި ތިބި މީހުން ސަލާމަތް ކުރުމަށް، ހެލިކޮޕްޓަރުތަކާއި ޑައިވްކުރާ ޓީމުތައް ވަނީ އެ ސަރަހައްދުތަކަށް ފޮނުވައިފަ އެވެ.

މަހާރާޝްތުރާ ސްޓޭޓްގެ ތެރެއިން ދަތުރުކުރާ ގިނަ ކޯރުތައް ފުރިގެން ބަންޑުން ދިޔުމުގެ ނުރައްކާ ބޮޑުވެފައިވާތީ، ކޯރުތަކާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ 90 ހާހަށް ވުރެ ގިނަ މީހުން މިހާރު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފަ އެވެ.

ގޯއާގެ ޗީފް މިނިސްޓަރު ޕްރަމޯދު ސާވަންތު ވިދާޅުވި ގޮތުގައި އެ ސްޓޭޓަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމަކީ، މިދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި ވެސް ކުރިމަތިނުވާ ވަރުގެ ގުދުރަތީ ކާރިސާއެކެވެ. މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި އެ ސަރަހައްދަށް ކުރަމުންދާ ވިއްސާރ، ކުރިއަށް އޮތް ދެތިން ދުވަހަށް ދެމިގެންދާނެ އެވެ.