Roadha Mihaaru
އާ ހޮސްޕިޓަލް ހުޅުވައި ރީޖަނަލް ހޮސްޕިޓަލް އުވާލަނީ

އައްޑޫ އާ ހޮސްޕިޓަލް ހުޅުވައި ރީޖަނަލް ހޮސްޕިޓަލް އުވާލަނީ

30 ޑިސެމްބަރ 2019

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ހުޅުވުމުން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ސަރުކާރުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ހުޅުވުމުން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ހިތަދޫ ހޮސްޕިޓަލްގެ މަސައްކަތްތައް އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށް، މިހާރު ހިތަދޫގައި ހިންގާ ބާ ހޮސްޕިޓަލް އުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އާ ހޮސްޕިޓަލް ހުޅުވާނެ ވަކި ތާރީހެއް ސިޓީގައި ނެތެވެ.

"މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެ ހޮސްޕިޓަލުގެ މުދަލާއި އެހެނިހެން ވަސީލަތްތައް، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމުގެ އެންމެހާ ކަންކަން ކަމާބެހޭ އިދާރާތަކާ އެކު މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ،" ޝައުނާ އިއްޔެ ފޮނުއްވި ސިޓީގައި ވެ އެވެ.

ހިތަދޫ ހޮސްޕިޓަލް އުވާލަން ނިންމި ނިންމުމަކީ އިދާރީގޮތުން އެޅި ފިޔަވަޅެކެވެ. އެ ހޮސްޕިޓަލްގައި ހިދުމަތް ދޭކަމުގައިވާ ނަމަ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ވެސް، ހިތަދޫ ހޮސްޕިޓަލް ހިންގުމަށް ވަކި އަދަދެއް ކަނޑައަޅަންޖެހޭނެ އެވެ. އެހެންވެ، އައްޑޫ ބާ ހޮސްޕިޓަލް ބަންދުކުރަން ސަރުކާރުން ނިންމީ ކަމަށް އެނގިފައި ވެ އެވެ.

ސަރުކާރުގެ ޕްލޭނަކީ، އައްޑޫގައި ހަދާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ވީހާ ވެސް އަވަހަކަށް ހުޅުވައި ފަރުވާ ދޭން ފެށުމެވެ.

ހެލްތު މިނިސްޓްރީން މިއަދު ވާހަކަ ދެއްކެވި އިސް އޮފިޝަލަކު ވިދާޅުވީ، އިކުއަޓޯރިއަލް ހޮސްޕިޓަލްގައި އެމްއާރުއައި މެޝިން ފިޔަވައި އެހެން ހުރިހާ މެޝިނެއް އިންސްޓޯލް ކޮށްފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ، އޭނާ ވިދާޅުވި ގޮތުގައި، އިންސްޓޯލް ކުރުމުގެ ތެރޭގައި ފާހަގަވި ކަންތައްތައް ރަނގަޅު ކުރުމުގެ މަސައްކަތެވެ.

"މުވައްޒަފުން ހޯޯދުމާއި ތަމްރީނު ކުރުން ފަދަ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަނީ. ހިތަދޫ ހޮސްޕިޓަލުން، އިކުއަޓޯރިއަލް ހޮސްޕިޓަލަށް އެންމެ ފަހުން ބަދަލުކުރާނީ އެޑްމިޓްކޮށްފައި ތިބި ބަލި މީހުން. އޭރުން އާ ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށުނީ،" އޮފިޝަލް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އައްޑޫގައި މަތީ ފެންވަރުގެ ހޮސްޕިޓަލެއް ހެދީ ޖުމްލަ 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ ލޯނެއްގެ އެހީގަ އެވެ. އޭގެ ތެރެއިން ހޮސްޕިޓަލަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް ވަނީ ހޯދައިފަ އެވެ.

ހިތަދޫ ހޮސްޕިޓަލް ބަންދުކުރާއިރު، އެތަނުގައި ހުރި މެޝިންތަައް ބޭނުންކުރުމާ މެދު ސަރުކާރުން އަދި ގޮތެއް ނުނިންމަ އެވެ.