Roadha Mihaaru
ރައީސްގެ ދައުވަތަކަށް ކައުންސިލްތައް އެއް މޭޒަކަށް

ރައީސްގެ ދައުވަތަކަށް ކައުންސިލްތައް އެއް މޭޒަކަށް

15 ޑިސެމްބަރ 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުން ބައިވެރިވާ މަހާސިންތާއެއް މިއަދު މެންދުރުފަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުން ބައިވެރިވާ މަހާސިންތާއެއް މިއަދު މެންދުރުފަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ކްރޮސް ރޯޑްސްގައި ބާއްވާ ދެ ދުވަހުގެ މަޝްވަރާ ބައްދަލުވުމުގައި 200 އަށް ވުރެ ގިނަ ކައުންސިލަރުން ބައިވެރިވާނެ އެވެ. ރައީސް، ދައުވަތު ދެއްވީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލަތަކުގެ ރައީސުންނަށެވެ. ސިޓީ ކައުންސިލްތަކުން ބައިވެރިވެވަޑައިގަންނަވާނީ މޭޔަރުންނެވެ.

ރައީސް އޮފީހުގެ އިސް ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ ކައުންސިލަރުންނާ ރައީސް ބައްދަލުކުރައްވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި އަންނަ އަހަރުގެ ބަޖެޓާ ގުޅޭ މަޝްވަރާ ކުރައްވައި ކަންކަން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން ހިޔާލު ހޯއްދެވުމަށެވެ.

"ބޭނުމަކީ، ގާނޫނަށް ގެނައި އިސްލާހުތަކާ އެކު އަންނަ އަހަރު ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ގޮތްތަކެއް ރޭވުން،" އޭނާ ވިދާޅުވި އެވެ.

މި ސެޝަންތަކުގައި، ގުޅުން ހުރި ދާއިރާތަކުން ބައިވެރިވާނެ އެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަމުން އައި ނަމަވެސް މިހާތަނަށް އޮތީ، ގާނޫނުން ކަނޑައަޅާފައިވާ ބާރުތައް ހިފަހައްޓައި ކައުންސިލްތަކުން މައި ސަރުކާރަށް ބަރޯސާވާ ގޮތަށް މަޖުބޫރުކޮށްފަ އެވެ. މިކަން ބަދަލުކުރަން، މި ސަރުކާރުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. އެންމެ ބޮޑު އެއް ބަދަލަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމެވެ. އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ކައުންސިލްތަކުގެ ތިން އަހަރުގެ ދައުރު ވެސް ވަނީ ފަސް އަހަރަށް ބަދަލު ކޮށްފަ އެވެ. އެއާއެކު، ކައުންސިލްތަކުގެ 33 ޕަސެންޓަކީ އަންހެނުން ކަމުގައި ކަނޑައަޅައި ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. ފަސް މިލިއަނަށް ވުރެ ކުޑަ މަޝްރޫއުތައް ހިންގުމުގައި ބަޖެޓާއި މަޝްރޫއުގެ ޕްލޭންތައް ވެސް ކައުންސިލްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން، ވެސް ކައުންސިލްތަކުން ވަކިކުރި ބާރުތައް އަލުން އިޔާދަކޮށްދީ ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާ އެކު ކައުންސިލްތައް ހިންގޭނެ މަގުފަހިކޮށްދޭން ގިނަ އިސްލާހުތަކެއް ވަނީ ގެނެސްފަ އެވެ.