Roadha Mihaaru
އަންހެނުންނަށް 33 ޕަސެންޓް، މައްސަލައަކީ ކޮބާ؟

އަންހެނުންނަށް 33 ޕަސެންޓް ދޭން އޮތީ ކޮން ބިރެއް؟

05 ޑިސެމްބަރ 2019

ކައުންސިލްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރަން ދައްކާ ބަހަނާތަކަށް އުނގޫފާރު ދާއިރާގެ މެމްބަރު، މުހައްމަދު ވަހީދު (ވައްޑެ) ޖައްސަވާ މިސާލު ރަނގަޅެވެ. އަންހެނުން ތިބެންވީ ރަށުތެރެ ސާފުކޮށް، މައި ސަރުކާރުގެ ވަފުދުތައް ރަށަށް އެރުމުން، މާފަތި އަޅުވައި ކެއުން ތައްޔާރުކުރަން އެކަންޏެއް ނޫނެވެ. ރަށްރަށުގައި، ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންގެ ދައުރު ބޮޑުވާން ޖެހެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކައުންސިލްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރަން ދައްކާ ބަހަނާތަކަށް އުނގޫފާރު ދާއިރާގެ މެމްބަރު، މުހައްމަދު ވަހީދު (ވައްޑެ) ޖައްސަވާ މިސާލު ރަނގަޅެވެ. އަންހެނުން ތިބެންވީ ރަށުތެރެ ސާފުކޮށް، މައި ސަރުކާރުގެ ވަފުދުތައް ރަށަށް އެރުމުން، މާފަތި އަޅުވައި ކެއުން ތައްޔާރުކުރަން އެކަންޏެއް ނޫނެވެ. ރަށްރަށުގައި، ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންގެ ދައުރު ބޮޑުވާން ޖެހެ އެވެ.

އެކަމަކު، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކުގެ ތިން ދައުރު ނިމިދާއިރު، އަންހެނުންގެ ބައިވެރިވުން ކުޑަ އެވެ. ބަދަލެއް ބޭނުންވެ އެވެ.

ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމް ހިންގަން، ގާނޫނަށް ސަރުކާރުން ހުށަހެޅި ގިނަ އިސްލާހުތަކުގެ ތެރޭގައި، ކައުންސިލްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރަން ޚާއްސަ ބާބެއް ހިމެނީ މި ސަބަބާ ހެދި އެވެ.

އެ ބާބުގައިވާ ގޮތުން، ރަށްރަށާއި ސިޓީ ކައުންސިލްތައް ހިނގަނީ އަންހެނުންގެ ދައުރު ރައްކާތެރި ކުރެވި އަންހެންގެ ބައިވެރިވުމާއި އެކުގައި ކަން ކަށަވަރު ކުރުމަށްޓަކައި ކައުންސިލްތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަން ވާނެ އެވެ. މި މަގުސަދު ހާސިލްކުރަން ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރަން ޖެހޭ ކަމަށް އެ ބާބުގައިވެ އެވެ.

މިއީ ރާއްޖޭގައި އިންތިޚާބީ މަގާމުތަކެއް އަންހެނުންނަށް ޚާއްސަ ކުރާ ފުރަތަމަ ފަހަރެވެ.

މިގޮތަށް ފާސްވެއްޖެ ނަމަ، ފަސް ކައުންސިލަރުން ތިބޭ ރަށްރަށުގައި ދޭއް، އަދި ތިން ކައުންސިލަރުން ތިބޭ ކައުންސިލްތަކުގައި އަންހެން އެއް ކައުންސިލަރަކު ހުންނާނެ އެވެ.

މއީ ކައުންސިލްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރަން މުހިއްމު ނިންމުމެކެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނުގައި ލިއެގެން އަންހެނުންނަށް މި ފުރުސަތު މިގޮތަށް ފަހިކޮށްދިނުން ގޯހެވެ. ގާނޫނުއަސާސީގެ 17 ވަނަ މާއްދާއާ ވެސް ޚިލާފެވެ.

އެ މާއްދާގެ (ހ) ގައި އޮންނަނީ، "ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެ މީހެއްގެ ނަސްލަށް، ނުވަަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ، ޖިންސަށް، ނުވަތަ، އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަނަ އެ ނޫން ވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަށް ނުވަތަ ނިސްބަތްވާ އާއލާ އަށް ނުވަތަ އުފަން ރަށަށް ނުވަތަ މި ނޫން ވެސް ކަންކަމަށް ބަލައި ތަފާތުކޮށްގެން ނުވާނެ" ކަމަށެވެ.

އަންހެނުންނަށް ފުރުސަތު ފުޅާނުކުރަން މި މާއްދާ އިން ބަހަނާ ދައްކާ އިރު، މިއާ ވިިދިގެން ވެސް ގާނޫނުއަސާސީގައި މާއްދާއެއް ހިމަނާފައިވެ އެވެ.

ގާނޫނުއަސާސީ ލިއުއްވުމުގައި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން މަސައްކަތް ކުރެއްވި ކުރީގެ މިނިސްޓަރު އަނީސާ އަހްމަދު ވިދާޅުވީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ ށ. އަކީ އަންހެނުން ބާރުވެރި ކުރުވުމަށް ކޯޓާ ކަނޑައެޅުން ފަދަ ކަންކަމަށް މަގުފަހިކުރުމަށް ޚާއްސަކޮށް ލިއުނު މާއްދާއެއް ކަމަށެވެ.

އަނީސާ: ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރުމަކީ ތަފާތުކުރުމެއް ކަމަށް އޭނާ ދެކެވަޑައެއް ނުގަންނަވާ.

އަނީސާ: ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރުމަކީ ތަފާތުކުރުމެއް ކަމަށް އޭނާ ދެކެވަޑައެއް ނުގަންނަވާ.

އަނީސާ ވިދާޅުވި މާއްދާގައިވާ ގޮތުން، "މުޖުތަމައުގެ އާއްމު ހާލަތަށް ވުރެ ނިކަމެތި ކަމެއް ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް ނުވަތަ އިޖުތިމާއީ ގޮތުން ޚާއްސަ ރައްކާތެރިކަމެއް ލިބިދޭން ޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތުކުރުމެއް ކަމުގައި ނުވާނެ" އެވެ.

ކައުންސިލްތަކަށް މި ބަދަލު ގެންނަން މި ސަރުކާރުން ހުށަހެޅުމުގެ މާ ކުރިން، އަންހެނުންނަށް ރައްޔިތުންގެ މަޖިލީހުގައި ވެސް ކޯޓާއެއް ކަނޑައަޅުއްވަން އޭނާ މަސައްކަތް ކުރެއްވި އެވެ. ދެ ފަހަރަކަށް މަޖިލީހަށް ހުށަހެޅުއްވި އެވެ. ފުރަތަމަ އެދިވަޑައިގަތީ މަޖިލީހުގެ 15 ޕަސެންޓްގެ ގޮނޑި އަންހެނުންނަށް ޚާއްސަ ކުރާށެވެ. އޭގެ ފަހުން ހުށަހެޅުއްވީ، 10 ގޮނޑި އަންހެނުންނަށް ހަމަޖައްސާށެވެ. އެ ހުށަހެޅުން، އޭރުގެ ޚާއްސަ މަޖިލީހުގެ ރައީސް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެޖެންޑާއެއް ނުކުރެއްވި އެވެ. ކައުންސިލްތަކުން އަންހެނުންނަށް ކޯޓާ ކަނޑައެޅުމާ ވެސް ފާޅުގައި މިިހާރު ދެކޮޅުހައްދަވާ އެއް ބޭފުޅަކީ ގާސިމެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނަށް ބާބެއް އިތުރުނުކުރިއަސް އަންހެނުންނަށް ހަމަހަމަ ފުރުސަތު އެބަ އޮތެވެ. އެ މާއްދާ އިތުރުކޮށްފި ނަމަ އެ ވާނީ ތަފާތުކުރުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަންހެނުންނަށް ކޯޓާ ކަނޑައެޅުމާ ދެކޮޅަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި އަނީސާ ކުރެއްވި ޓުވީޓް

ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްއާރުއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވެސް ވިދާޅުވީ މިހާރު ގެންނަން އުޅޭ އިސްލާހަކީ ތަފާތުކުރުމެއް ނޫން ކަމަށް ގާނޫނުއަސާސީގައި އޮތީ ކަނޑައަޅާފައި ކަމަށެވެ.

"ފިރިހެން ބޭފުޅުން ވިސްނަވަންވީ އެ ބޭފުޅުންނާ އެކު އަންހެން ބޭފުޅުން މަސައްކަތް ކުރުމުން ކަން މުޖުތަމައުގެ އެންމެންގެ ހިއްސާ އޮވެ ކުރެވޭ މަސައްކަތް ކާމިޔާބުވެފައި ފުރިހަމަވާނީ. މިއުޅެނީ ފިރިހެނުންނަށް ފުރުސަތު ހަނިކުރަން ނޫން ކަން ވެސް ވިސްނަން ޖެހޭ،" ނާދިރާ ވިދާޅުވި އެވެ.

އަންހެނުންނަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ކަން ފާހަގަކުރެއްވި ގޮތުގައި، މުޖުތަމައުގެ ހަމަޖެހުން އޮންނާނީ އެންމެންގެ ބައިވެރިވުމާ އެކުގައި ނިންމޭ ނިންމުންތަކުގައި ކަމަށް ވިދާޅުވި އެވެ.

މި ހަގީގަތް މިހެން އޮތް އިރު ވެސް ތަފާތުކުރުންތަކުގެ ތެރެއިން އަންހެނުންނަށް ފުރުސަތު ހަނިކޮށްފައިވާ މިންވަރު ތަފާސްހިސާބުތަކަށް ބަލާލުމުން ސާފެވެ.

ތަފާސްހިސާބުން ހާލަތު!

ތަފާސްހިސާބުން ރާއްޖޭގެ ހާލަތު ނުވަތަ އިޖުތިމާއީ ގޮތުން އަންހެނުންނަށް ޚާއްސަ ރައްކާތެރިކަމަކާއި އެހީއެއް ފޯރުކޮށްދޭން ޖެހިފައިވާ ކަން ކިޔައިދެއްވާ އެއް ބޭފުޅަކީ އުނގޫފާރު ދާއިރާގެ މެމްބަރު ވައްޑެ އެވެ.

ވައްޑެގެ ޓުވީޓެއް.

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތައް ދިރާސާކުރެއްވި ކޮމިޓީގައި ވެސް ހިމެނިވަޑައިގެންނެވި ވައްޑެ ވިދާޅުވި ގޮތުގައި ރާއްޖޭގެ 634 ކައުންސިލަރުންގެ ތެރޭގައި ތިއްބެވީ އަންހެން އެންމެ 38 ކައުންސިލަރުންނެވެ. ބިޔަ، ބޮޑު ރައްޔިތުންގެ މަޖިލީހުގެ 87 މެމްބަރުންގެ ތެރޭގައި ތިއްބެވީ އެންމެ ހަތަރު އަންހެން މެމްބަރުންނެވެ. މި ހާލަތަށް ބަލާއިރު، ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ ށ. ގައިވާ ހާލަތަށް އަމަލުކޮށް، ގާނޫނުގައި ލިއެގެން ނަމަވެސް އަންހެނުންނަށް ފުރުސަތު ހޯދައިދޭން ޖެހިފައިވާ ކަން ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ ކަންކަން ނިންމުމުގައި، އާބާދީގެ ދެބައިކުޅަ އެއްބައިގެ ތަމްސީލްވުން ބޮޑުކުރުމަށް ޖާގަ ހޯދައިދިނުން ވަރަށް މުހިއްމު. --ވައްޑެ

ރަށްރަށުގައި ދިރިއުޅޭ އާބާދީގެ ބޮޑު ޕަސެންޓަކީ އަންހެނުން ކަމަށް ވާ އިރު ވެސް ރައްޔިތުންނާ ގުޅޭ މުހިއްމު ޚިދުމަތްތައް ދިނުމާއި ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ކުޑަ އެވެ. ސިޔާސީ މައިދާނަށް ނުވަތަ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން ނުވަތަ ނުކުންނަން ފަސްޖެހޭ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. ނިމިގެންދިޔަ ރިޔާސީ އިންތިޚާބާއި އޭގެ ކުރިން އެމްޑީޕީން އެކުލަވާލި ސިޔާސަތުގައި ވެސް އަންހެނުންނަށް ފުރުސަތު ހޯދައިދީ ބާރުވެރިކުރުވަން މަސައްކަތް ކުރުން ހިމަނާފައި ވަނީ އެހެންވެ ކަމަށް ވައްޑެ ވިދާޅުވި އެވެ.

"ރަށްރަށުގައި ރައްޔިތުންގެ ނަމުގައި ނިންމުންތައް އެބަ ނިންމާ ހަމައެކަނި ފިރިހެނުން އައިސް. މިކަން ބަދަލުކުރުމަށްޓަކައި، އަދި އަންހެނުންނަށް ހައްގު މަގާމް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން ލާމަރުކަޒީ ގާނޫނަށް ލީ އިސްލާހެއް. އެއީ ރިޔާސީ އިންތިޚާބަށް އަދި އޭގެ ކުރިން ވެސް އެމްޑީޕީން ވަކާލާތު ކުރަމުން އައި ކަމެއް،" ވައްޑެ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން އެއީކީ ގާނޫނުއަސާސީއާ އަދި ގާނޫނަކާ ވެސް އަދި ބުއްދީގެ އެއްވެސް ހަމައަކާ ވެސް ޚިލާފު ކަމެއް ކަމަށް. އެއީ، ވަރަށް ރަނގަޅު ބަދަލެއް."

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތައް ދިރާސާކުރާ ކޮމިޓީގެ މެމްބަރުން: ލާމަރުކަޒީ ގާނޫނަށް އިތުރުކުރަން ހުށަހެޅި ބާބުގައި ބުނެފައި ވަނީ ކައުންސިލްތަކުން 33 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރަންވާނެ ކަމަށް. --ފޮޓޯ/ މަޖިލީސް

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތައް ދިރާސާކުރާ ކޮމިޓީގެ މެމްބަރުން: ލާމަރުކަޒީ ގާނޫނަށް އިތުރުކުރަން ހުށަހެޅި ބާބުގައި ބުނެފައި ވަނީ ކައުންސިލްތަކުން 33 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރަންވާނެ ކަމަށް. --ފޮޓޯ/ މަޖިލީސް

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ކުރިން ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި އަންހެނަކަށް ކުރިއެރެނީ ފިރިހެނަކު ކުރަން ޖެހޭ ވަރަށް ވުރެ 100 ގުނަ އިތުރަށް މަސައްކަތްކޮށްގެންނެވެ. ބާރުގަދަ އާއިލާއަކަށް ނިސްބަތް ނުވެ، ނުވަތަ ވިޔަފާރިއެއްގެ ބެކިން ނެތި، ރާއްޖޭގައި ކުރިއަށް ދެވިފައި ހުރީ ވަރަށް މަދު އަންހެނަކަށް ކަން ފާހަގަކުރެއްވި އެވެ.

"ސިޔާސީ ރޭސް އަޅުގަނޑުމެން މި ފަށަނީ، ފިރިހެނުން މާ ކުރީގައި، އަންހެނުން މާ ފަހަތުގައި ތިބެގެން. އެހެންވީމާ ރޭސް ނިމޭ އިރު ވެސް އަންހެނުން ތިބޭނީ ފަހަތުގައިކަން އެބަ އެނގޭ. ކޯޓާ ކަހަލަ އެފަމެޓިވް އެކްޝަންސް މި އަންނަން ޖެހެނީ އެ ތަފާތު ކުޑަކުރަން،" ޝިދާތާ "މިހާރު" އަށް ވިދާޅުވެފައިވެ އެވެ.

އަންހެނުންނަށް ކޯޓާ ކަނޑައަޅަން މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ފެއިލްވެފައި ވަނީ އެ ހަގީގަތް ގިނަ ބަޔަކު ގަބޫލުނުކުރާތީ އެވެ.

ކައުންސިލްތަކުގައި އަންހެނުންގެ ދައުރާ ގުޅޭ ގޮތުން ޓްރާންސްޕޭރެންސީގެ ކަންބޮޑުވުންތަކާ އެކު ހުށަހެޅީ ވެސް ކައުންސިލްތަކުގައި ވަކި އަދަދަކަށް އަންހެނުންނަށް ގޮނޑި ހާއްސަކުރުމެވެ. އެއީ، ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް އެ ނިޒާމަކީ ހުރިހާ އެންމެންގެ ބައިވެރިވުން އޮތް ނިޒާމަކަށް ހެދުމަށެވެ.

އަންހެނުންނަށް ރައްޔިތުންގެ މަޖިލީހުގެ ވަކި އަދަދެއްގެ ގޮނޑި ހާއްސަކުރަން މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ވެސް ފެއިލްވެފައި ވަނީ އަންހެނުންނަށް ހުރަސްތަކެއް ހުރި ކަން ގަބޫލުނުކުރާތީ އެވެ. ކައުންސިލްތަކާއި މަޖިލީހުން ވެސް ކޯޓާ ކަނޑައެޅުމާ ދެކޮޅަށް ތާއަބަދު ބަހަނާ ދައްކަނީ އެހެންވެ އެވެ.

ކައުންސިލްތަކުން އެކަންޏެއް ނޫނެވެ. ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކުރަން، ޕާޓީތަކުގެ ލީޑަޝިޕާއި ކައުންސިލުން ވެސް އަންހެނުންނަށް ވަކި ޕަސެންޓެއް ހާއްސަކުރުން މައްސަލައެއް ނޫނެވެ. އެއާއެކު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އަންހެނުންނަށް ކޯޓާ ކަނޑައެޅުމާ މެދު އާ ވިސްނުންތަކެއް ކުރިއަށް ނެރެން ޖެހެ އެވެ.