Roadha Mihaaru
ރާއްޖޭގައި ބޮން ހަދައި ވައިގެ މަގުން ގޮއްވާލަން އުޅުނު

ރާއްޖޭގައި ބޮން ހަދައިގެން ވައިގެ މަގުން ގޮއްވާލަން ރޭވި!

16 ޑިސެމްބަރ 2019

އަނިޔާވެރި އަމަލުތަކުގައި ހައްދުފަހަނާޅަފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަޝިޕުން ވާގިވެރިވެ، ސީރިއާގައި ހުރި ދިވެއްސަކު އިސްވެ 2017 ގައި ރާއްޖޭގައި ވައިގެ މަގުން ބޮން ގޮއްވާލަން އުޅުނު ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަނިޔާވެރި އަމަލުތަކުގައި ހައްދުފަހަނާޅަފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަޝިޕުން ވާގިވެރިވެ، ސީރިއާގައި ހުރި ދިވެއްސަކު އިސްވެ 2017 ގައި ރާއްޖޭގައި ވައިގެ މަގުން ބޮން ގޮއްވާލަން އުޅުނު ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލަރުންނާ އެކު، ކްރޮސްރޯޑްސްގައި ބާއްވާ މަހާސިންތާގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުުވީ އެ އައިއީޑީ ހެދީ އައިއެސްގެ އިރުޝާދާ އެކު މާލޭގައި ތިބި ދިވެހިންތަކެއް ކަމަށެވެ. އެކަން ފްލޮޕްކުރީ ދިވެހި ފުލުހުންނާއި ސިފައިންގެ އިތުރުން ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު ގުޅިގެންމަށް އޭނާ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ އެ އޮޕަރޭޝަންގައި ދުނިޔޭގެ ވަރުގަދަ ފަސް ގައުމަކުން ވެސް ބައިވެރިވި ކަމަށެވެ.

"އެއީ، 2017 ގައި މުޅި ދުނިޔޭގައި ހިންގުނު އެންމެ ބޮޑު ކައުންޓަ ޓެރަރިޒަމް، އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަންގެ އޮޕަރޭޝަން،" ހަމީދު ވިދާޅުވި އެވެ.

އެކަމަކު އޭގެ އިތުރު ތަފްސީލެއް ކޮމިޝަނަރު ނުދެއްވަ އެވެ.

މި ހާދިސާ ހިއްސާކޮށްދެއްވީ، ދީނީ ގޮތުން ހައްދުފަހަނާޅައި ދިއުމާއި ޓެރަރިޒަމް ހުއްޓުވުމުގައި އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ކުރީ ސަފުގައި ރާއްޖެ އޮތް ކަމުގެ ޔަގީންކަން، ކައުންސިލަރުންނަށް ދެއްވުމުގެ ގޮތުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރަން ކަމާގުޅޭ އިދާރާތަކުން އޮތީ ތައްޔާރަށެވެ. ޓެރަރިޒަމްގެ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހަކީ ވެސް އޭގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ ދީނީ ގޮތުން އެ ފަތުރާ ހަރުކަށި ފިކުރުގައި ރާއްޖެ އޮތް ހާލަތާއި އޭގައި ބައިވެރިވުން އޮތް އަދަދުތައް ވެސް ކަމާބެހޭ ފަރާތްތަކަށް އެނގެ އެވެ. މިހާރު ކުރަމުން އަންނަ މަސައްކަތަކީ ގާނޫނީ އިމުގެ ތެރެއިން އެ ފަރާތްތަކަށް ފިޔަވަޅު އެޅުން ކަމަށް ވިދާޅުވި އެވެ.