Roadha Mihaaru
ތިން އަހަރު ތެރޭ ދީނާ ދެކޮޅު 21 މައްސަލަ ބެލި

ތިން އަހަރު ތެރޭ ދީނާ ދެކޮޅު 21 މައްސަލަ ބެލި: ސީޕީ

21 ނޮވެމްބަރ 2021

ދީނާ ދެކޮޅު ކަންކަން ކުރާ މީހުންނަށް ފިޔަވަޅު ނާޅާ ކަމަށް ބުނެ ފާޑުކިޔަސް ފާއިތުވި ތިން އަހަރުގެ ތެރޭގައި އެފަދަ 21 މައްސަލައެއްގެ ތަހުގީގު ކުރި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ދީނާ ދެކޮޅު ކަންކަން ކުރާ މީހުންނަށް ފިޔަވަޅު ނާޅާ ކަމަށް ބުނެ ފާޑުކިޔަސް ފާއިތުވި ތިން އަހަރުގެ ތެރޭގައި އެފަދަ 21 މައްސަލައެއްގެ ތަހުގީގު ކުރި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ފާހަގަކުރެއްވީ ފުލުހުން އަބަދު ހަރުކަށި ފިކުރުގެ މީހުން ކަމަށް ބުނާ މީހުން ފަހާ ދުވާ ކަމަށާއި ދީނާ ދެކޮޅު މައްސަލަތަކުގައި ފިޔަވަޅު ނާޅާ ކަމަށް ބުނެ އާންމުން ފާޑުކިޔާ ކަމަށެވެ.

އެހެން ނަމަވެސް، އޭނާ ވިދާޅުވީ، މިދިޔަ ތިން އަހަރުގެ ތެރޭގައި ދީނާ ދެކޮޅު 21 މައްސަލައެއް ބަލައި އޭގެ ތެރެއިން ތިން މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ޓެރަރިޒަމްއާ ގުޅުންހުރި 33 މައްސަލައެއް ފުލުހުން ބަލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން ދައުވާ ކުރަން ފޮނުވީ ކިތައް މައްސަލައިގައި ކަމެއް ވިދާޅެއް ނުވެ އެވެ.

ދެބާވަތުގެ މައްސަލައަށް ވެސް ފުލުހުން އަހައްމިއްޔަތުކަން ދެނީ އެއްވަރަކަށް ކަމަށް ވިދާޅުވިޔަސް، އޭނާ ފާހަގަ ކުރެއްވީ ޓެރަރިޒަމް އަކީ ސީދާ އިންސާނާގެ ފުރާނައަށް ނުރައްކާ ކުރިމަތިވާ މައްސަލަތައް ކަމެވެ.

ރައްޔިތުންގެ ކަންބޮޑުވުން ހުރި ރައްޔިތުންގެ ރައްކާތެރިކަމަށް ހުރަސްތައް އެޅިގެންދާ ފަދަ މިފަދަ ބޮޑެތި މައްސަލަތަކުގައި ވަކި ކަމަކަށް ނުބަލާ ހުރިހާ ކަމަކަށް ވެސް އެއް ލެވެލް އެއްގައި ސީރިއަސްކަން ދެން: ސީޕީ

"އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެންނަށް ވަކި ބަޔެއްގެ ފަހަތުން ވަކި ކަމަކާ ގުޅުވައިގެން ދެވެނީކީއެއް ނޫން،" ސީޕީ ވިދާޅުވި އެވެ.

"ރައްޔިތުންގެ ކަންބޮޑުވުން ހުރި ރައްޔިތުންގެ ރައްކާތެރިކަމަށް ހުރަސްތައް އެޅިގެންދާ ފަދަ މިފަދަ ބޮޑެތި މައްސަލަތަކުގައި ވަކި ކަމަކަށް ނުބަލާ ހުރިހާ ކަމަކަށް ވެސް އެއް ލެވެލް އެއްގައި ސީރިއަސްކަން ދެން."

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މިހާތަނަށް ބަންދު ކުރީ 48 މީހުން ކަމަށެވެ. ބަންދުގައި ތިބި މީހުން ގާނޫނުގައި ބުނާ ގޮތަށް ރިހެބިލިޓޭޓު ކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.