Roadha Mihaaru
ހަރުކަށި ފިކުރަށް ފުރުސަތެއް ނުދޭނަން: ޝަމާލް

ހަރުކަށި މީހުންނަށް ސަލާމަތީ ބާރުތަކުން ފުރުސަތެއް ނުދޭނަން: ޝަމާލް

17 ޑިސެމްބަރ 2019

ހަރުކަށި ފިކުރު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖޭގެ ދިފާއީ ބާރުގައި މަސައްކަތްކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހަރުކަށި ފިކުރު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖޭގެ ދިފާއީ ބާރުގައި މަސައްކަތްކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ވިދާޅުވެއްޖެ އެވެ.

ކްރޮސް ރޯޑްސްގައި އޮތް ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކުން ބައިވެރިވި "ވިއަވަތި" މަހާސިންތާގައި ފުލުހުންނާއި ސިފައިންގެ އިތުރުން ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ވަނީ ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ މީހުންނާ ގުޅޭ ތަފްސީލީ މައުލޫމާތުތައް، ފުރަތަމަ ފަހަރަށް، ހިއްސާކޮށްފަ އެވެ.

އެ މައުލޫމާތުތަކާ ގުޅިގެން ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފުލުސް އޮފީހާއި ސިފައިންގެ ތެރޭގައި ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން ފާހަގަކުރަން ގެންގުޅޭ މިންގަނޑާއި ސޯޝަލް މީޑިއާގައި އައިއެސްގެ ލޯގޯ ޖަހައިގެން، އޭގެ ތެރެއިން ބައެއް މީހުން އުޅޭއިރު، އެއީ ހަރުކަށި ފިކުރުގެ މީހުން ކަން ސާފުނުވޭތޯ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަމާލް ވިދާޅުވީ ސަލާމަތީ ބާރުތަކުގެ ތެރޭގައި އެ ފިކުރުގެ މީހުން ތިބި ނަމަ އެފަދަ މީހުންނަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"ފުރުސަތެއް ނުދޭނަން [އެ ފިކުރުގެ] މީހަކު ސަލާމަތީ އެއްވެސް ބާރެއްގެ ތެރޭގައި މަސައްކަތް ކުރާކަށް،" ޕެނަލް ޑިސްކަޝަންގައި ޝަމާލް ވިދާޅުވި އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރަން ސަރުކާރުގެ ފަރާތުން އަޅަމުން އަންނަ ފިޔަވަޅުތަކާ އެކު ގައުމީ ސަލާމަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަމެއް ދިމާވެއްޖެ ނަމަ ގައުމީ ދިފާއީ ބާރުން ހަރަކާތްތެރިވާންވީ ގޮތާއި އެކަމަށް ބޭނުންވާ ތަމްރީންތައް ވެސް އަންނަނީ ހަދަމުންނެވެ.