Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

17 ނޮވެމްބަރ 2019

އަޔޫޝްމަން ކުރާނާގެ "ޝުބް މަންގަލް ޒާދާ ސާވްދާން" ރިލީޒްކުރާ ތާރީހު އަވަސްކޮށް، ފިލްމުގެ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަޔޫޝްމަން ކުރާނާގެ "ޝުބް މަންގަލް ޒާދާ ސާވްދާން" ރިލީޒްކުރާ ތާރީހު އަވަސްކޮށް، ފިލްމުގެ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.

ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ފިލްމު ކުންފުނި ކަލަ ޔެލޯ ޕްރޮޑަކްޝަނުން ގެނެސްދޭ ފިިލްމު މިހާރު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ގަ އެވެ. "ޝުބް މަންގަލް ސާވްދާން" ރިލީޒްކުރާ ގޮތަށް ކުރިން ނިންމާފައި އޮތީ އަންނަ އަހަރުގެ މާޗް މަހުގެ 13 ގަ އެވެ.

ފިލްމުގެ ތާރީހަށް މި ގެނައި ބަދަލާ އެކު އެ ފިލްމު މިހާރު ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހޭނީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ވިކީ ކޯޝަލް ލީޑް ރޯލް ކުޅެފައިވާ ބިރުވެރި ފިލްމު "ބޫތު: ޕާޓް ވަން-ހޯންޓެޑް ޝިޕް" އާ އެވެ.

"ޝުބް މަންގަލް ޒާދާ ސާވްދާން" އަކީ 2017 ގައި އަޔޫޝްމަން އާއި ބޫމީ ޕެޑްނޭކަރު ކުޅުނު ފިލްމު "ޝުބް މަންގަލް ސާވްދާން" ގެ ސްޕިން-އޮފެކެވެ. އާރް އެސް ޕްރަސައްނާ ޑައިރެކްޓްކުރި އެ ފިލްމުގައި ކިޔައިދެނީ ޖިންސީ ބަލިކަށިކަން ހުންނަ ފިރިހެނަކަށް ދިމާވާ ހާދިސާތަކެވެ.

"ޝުމް މަންގަލް ޒާދާ ސާވްދާން" ގައި ވެސް ކިޔައިދޭނީ ފިރިހެނަކަށް ދިމާވާ އެހެން މައްސަލައެއްގެ ވާހަކަ އެވެ. މި ފަހަރު ހިތޭޝް ކެވަލިޔާ ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖިތެންދުރަ ކުމާރު، ނީނާ ގުޕްތާ އަދި ގަޖްރާޖް ރާއޯ ހިމެނެ އެވެ.

ރާނޫގެ އަޑުން "އާޝިގީ މޭ ތެރީ"

އައްބާސް-މަސްތާން 2006 ގައި ގެނެސްދިން "36 ޗައިނާ ޓައުން" ގައި ހިމެނުނު މަގުބޫލު ލަވަ "އާޝިގީ މޭ ތެރީ" ގެ އާ ވާޝަނެއް އެ ލަވައިގެ މިއުޒިކް ހެދި ހިމޭޝް ރޭޝަމިއާގެ އާ ފިލްމު "ހެޕީ، ހާޑީ އެންޑް ހީރް" ގައި ހިމަނައި އޭގެ ވީޑިއޯ ދައްކާލައިފި އެވެ.

ހިމޭޝް އާއި ރާނޫ މޮންޑާލްގެ އަޑުން ކިޔާފައިވާ ލަވައިގެ ނަމަކީ "އާޝިގީ މޭ ތެރީ 2.0" އެވެ.

ރޭލު ސްޓޭޝަނެއްގައި ކީ ލަވައަކުން އާންމުންގެ ސަމާލުކަން ހުއްޓުނު ރާނޫ ވަނީ ހިމޭޝްގެ ފިލްމަށް ތިން ލަވަ ރިކޯޑްކޮށްފަ އެވެ.

"ހެޕީ، ހާޑީ އެންޑް ހީރް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު އެވެ.

"ގުޑް ނިއުޒް" ގެ ޓްރެއިލާ މާދަމާ

މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ އިންތިޒާކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ "ގުޑް ނިއުޒް" ގެ ޓްރެއިލާ މާދަމާ ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފި އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް ރާޖް މެހެތާ ޑައިރެކްޓްކޮށްފައިވާ ކޮމެޑީ-ޑްރާމާގެ ލީޑް ތަރިންނަކީ މީގެ ކުރިން ވެސް އެކީގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރްގެ އިތުރުން ދިލްޖީތު ދޮސަންޖާއި ކިއާރާ އަދުވާނީ އެވެ.

މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޓިސްކާ ޗޯޕްޅާ، ގުލްޝަން ގްރޯވާ، އަންޖަނާ ސުޚާނީ، ކުރީގެ ރީތީގެ ރާނީ ޔުކްތާ މުކީ އަދި އައުރިތުރާ ގޯޝް ހިމެނެ އެވެ.

އަންނަ މަހުގެ 27 ގައި ރިލީޒްކުރާ "ގުޑް ނިއުޒް" ގައި ކިޔައިދޭނީ އައިވީއެފްގެ އެހީގައި ދަރިން ހޯދާ އާއިލާއެއްގެ ވާހަކަ އެވެ.

"ދަބަންގް 3" ގެ "ހުޅު ހުޅު ދަބަންގް" ދައްކާލައިފި

އަންނަ މަހުގެ 20 ގައި ރިލީޒްކުރާ ސަލްމާން ޚާންގެ "ދަބަންގް 3" ގެ ހުރިހާ ލަވަތަކެއްގެ އޯޑިއޯ އާންމުކުރުމަށް ފަހު، އޭގެ ތެރެއިން އެއް ލަވައިގެ ވީޑިއޯ ދައްކާލައިފި އެވެ.

ވީޑިއޯ ދައްލައިލި ފުރަތަމަ ލަވައަކީ "ހުޅު ހުޅު ދަބަންގް" އެވެ. ގިނަ އަދަދެއްގެ ބެކްޑާންސަރުންނާ އެކު ސަލްމާން ފެނިގެންދާ ލަވަ ކިޔާފައި ވަނީ ލަވައިގެ މިއުޒިކްގައި ވެސް ހިއްސާވާ ސާޖިދުގެ އިތުރުން ޝަބާބް ސަބްރީ އާއި ދިވްޔާ ކުމާރެވެ.

ސާޖިދު-ވާޖިދުގެ މިއުޒިކަށް ލަވައިގެ ޅެން ހެދީ ޖަލީސް ޝެރްވާނީ އާއި ދާނިޝް ސަބްރީ އެވެ.

ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ "ދަބަންގް 3" ގެ ބަތަލާއިންނަކީ ސޮނާކްޝީ ސިންހާ އާއި އަލަށް ތައާރަފުވާ ސާއީ މުކަރްޖީ އެވެ. މި ފިލްމަކީ ސަލްމާން "ދަބަންގް" ސީރީޒްގެ ތިން ވަނަ ފިލްމެވެ.