22 ޑިސެމްބަރ 2019
ހުޅުލޭގައި އެމްއޭސީއެލުން ހަދަމުން އަންނަ އާ ސީ ޕްލޭން ޓާމިނަލް ހިންގަން ރާއްޖޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރު، ޓީއެމްއޭއަށް ދީފި ނަމަ، އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) އެމްއޭސީއެލް އަށް ގެއްލޭނެ ކަމަށް، ހާއްސަ އޮޑިޓުން ހާމަވެއްޖެ އެވެ.
ހުޅުލޭގައި އެމްއޭސީއެލުން ހަދަމުން އަންނަ އާ ސީ ޕްލޭން ޓާމިނަލް ހިންގަން ރާއްޖޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރު، ޓީއެމްއޭއަށް ދީފި ނަމަ، އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) އެމްއޭސީއެލް އަށް ގެއްލޭނެ ކަމަށް، ހާއްސަ އޮޑިޓުން ހާމަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ އެދުމަކަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި އޮޑިޓް ރިޕޯޓް އަދި އާންމު ނުކުރިޔަސް، ނަން ސިއްރުކުރަން އެދޭ ފަރާތަކުން ވަނީ، އޭގައި ހުރި ބައެއް މައުލޫމާތުތައް "މިހާރު"އާ ހިއްސާކޮށްފަ އެވެ.
މި އޮޑިޓްގައި ތިން ގޮތަކަށް އާ ސީ ޕްލޭން ޓާމިނަލް ހިންގައިގެން އެމްއޭސީއެލް އަށް ލިބޭނެ އާމްދަނީ ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން އެމްއޭސީއެލް އިން މުޅި ޓާމިނަލް އޮޕަރޭޓްކޮށްފި ނަމަ ނުވަތަ މާކެޓްގެ އަގުގައި ތަން ކުއްޔަށް ދޫކޮށްފި ނަމަ، އަހަރަކު 47 މިލިއަން ޑޮލަރު (729 މިލިއަން ރުފިޔާ) ލިބެ އެވެ.
ސީ ޕްލޭން ދުއްވާ އެކި ކުންފުނިތަކަށް ވަކިވަކިން ބިން ދޫކޮށްގެން މިހާރު އެމްއޭސީއެލަށް ލިބެނީ އަހަރަކު 2.7 މިލިއަން ޑޮލަރު (41 މިލިއަން ރުފިޔާ) އެވެ. (ތިރީގައި އޮތް ގްރެފިކްސްގައި ތަފްސީލުތައް ހިމެނޭނެ އެވެ.)
ހާއްސަ އޮޑިޓްގައި އޮޑިޓަ ޖެނެރަލް އޮފީހުގެ އޮޑިޓަރުން ބަލާފައި ވަނީ ޖުލައި 2020 އިން ޖޫން 2021 އަށް ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީގެ މިންވަރެވެ. އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކުރާ އާ ސީ ޕްލޭން ޓާމިނަލް ހަދަމުން އަންނަ ޗައިނާގެ ބީޔޫސީޖީން އެ ތަން ނިމި، ބޭނުންކުރެވޭނެ ކަމަށް ލަފާކުރަނީ އަންނަ އަހަރުގެ ޖުލައި މަހު އެވެ. އެކަމަކު އެމްއޭސީއެލްއިން ދާދި ފަހުން ބުނެފައި ވަނީ އަންނަ އަހަރުގެ މޭ މަހު، ޓާމިނަލް ބޭނުންކުރަން ފެށޭނެ ކަމަށެވެ.
ހަތަރު ބުރިއަށް އިމާރާތްކުރާ ޓާމިނަލްގައި 28،000 އަކަމީޓަރުގެ ޖާގަ ހިމެނެ އެވެ.
އޮޑިޓްގައި ހިމެނޭ ހިސާބުތައް ބިނާކޮށްފައި ވަނީ، މިހާރު ވެސް ޓީއެމްއޭ އާއި އެހެން އޮޕަރޭޓަރުން އެންމެ ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ ލައުންޖުތަކާއި އޮފީސް ހިންގަން ދޫކުރާ ބިންތަކުން ނަގަން އޮޕަރޭޓަރުންނާ އެކު މަޝްވަރާ ކުރާ އަގުތަކާއި އެމްއޭސީއެލުން ހުޅުލޭގެ ބިންތައް ވިޔަފާރީގެ އުސޫލުން އެހެން ފަރާތްތަކަށް ދޫކޮށްފައިވާ ރޭޓްތަކަށެވެ.
ޓީއެމްއޭއަށް: 10:35 ޑޮލަރު (އަކަމީޓަރަކަށް)
އިމާރަތްނުކުރާ ބިން: 6:90 ޑޮލަރު (އަކަމީޓަރަކަށް)
އައިއޭއެސްއަށް: 3 ޑޮލަރު (އަކަމީޓަރަކަށް)
އައިއޭއެސް އިން ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން: 2:50 ޑޮލަރު
- 23:44 ޑޮލަރު (އަކަމީޓަރަކަށް)
- 5 ޑޮލަރު (ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން)
ނޯޓު: ލައުންޖް އޭރިޔާއަށް ވަކި އަގެއް ކަނޑައަޅާފައެއް ނުވެ އެވެ.
ލައުންޖް: 250 ޑޮލަރު (އަކަމީޓަރަކަށް)
އޮފީސް: 41.50 ޑޮލަރު (އަކަމީޓަރަކަށް)
ހާއްސަ އޮޑިޓުން އެނގޭ ގޮތުގައި އެމްއޭސީއެލުން ވަކިވަކި އޮޕަރޭޓަރުންނާ އެކު މަޝްވަރާކޮށްފައިވާ އަގުތަކުގައި އެ ތަން ދޫކޮށްފި ނަމަ، ޖުލައި 2020 އިން ޖޫން 2021 އާ ދެމެދު އެމްއޭސީއެލަށް ލިބޭނީ އެންމެ 5.6 މިލިއަން ޑޮލަރު (86 މިލިއަން ރުފިޔާ) އެވެ. އެކަމަކު އެމްއޭސީއެލުން، އިންޓަނޭޝަނަލް ޓާމިނަލް ސަރަހައްދުން އޮފީސް ހިންގާށާއި ޓޫރިސްޓުންނަށް ލައުންޖް ހަދަން ބިން ދޫކޮށްފައިވާ ރޭޓަށް، އާ ސީ ޕްލޭން ޓާމިނަލުން ޖާގަ ދީފި ނަމަ، އެ މުއްދަތުގައި 47.3 މިލިއަން ޑޮލަރު (729 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. އެހެންކަމުން، މިހާރު މަޝްވަރާކުރަމުން ދާ ގޮތަށް ޓީއެމްއޭއަށް އެ ތަން ދިނުމަކީ، އެމްއޭސީއެލް އަށް 41.6 މިލިއަން ޑޮލަރު (641 މިލިއަން ރުފިޔާ) ގެއްލޭނެ ނިންމުމެއް ކަމަށް، އޮޑިޓްގައި ލަފާކޮށްފައިވެ އެވެ.
ހާއްސަ އޮޑިޓަށް އެމްއޭސީއެލުން ދިން މައުލޫމާތުތަކުން އެނގެނީ، ސީ ޕްލޭން ޓާމިނަލްގެ ލައުންޖްތައް، އަކަމީޓަރެއް 250 ޑޮލަރުގެ ރޭޓުން ނުދެވޭނެ ކަމެވެ. އެކަމަކު އޮޑިޓަރުން ވަނީ މިހާރު ވެސް ސީ ޕްލޭން އޮޕަރޭޓަރުން ރިސޯޓްތަކަށް ލައުންޖްތައް ދޫކޮށްފައިވާ އަގުތަކާއި، އިންޓަނޭޝަނަލް ޓާމިނަލް ސަރަހައްދުން ލައުންޖް ހަދަން ރިސޯޓްތަކަށް ދޫކޮށްފައިވާ އަގުތައް ބަލައިފަ އެވެ.
ހާއްސަ އޮޑިޓުން ލިބެން ހުރި ބައެއް މައުލޫމާތު ދައްކައިދޭ ގްރެފިކްސްއެއް
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އިންޓަނޭޝަނަލް ޓާމިނަލް ކައިރިން ލައުންޖް ހަދަން ރިސޯޓްތަކަށް ބިން ދޫކޮށްފައިވާ އެވްރެޖް ރޭޓަކީ އަކަމީޓަރެއް 252 ޑޮލަރެވެ. އަދި ޓީއެމްއޭ އާއި އައިއޭއެސް އިން އަމިއްލައަށް މިހާރު ހަދާފައިވާ ސީ ޕްލޭން ޓާމިނަލްތަކުގެ ލައުންޖްތައް، އަކަމީޓަރެއް 176 އާއި 240 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ރިސޯޓްތަކަށް ކުއްޔަށް ދޫކޮށްފައިވާކަން ވެސް، ރިޕޯޓްގައި ހިމަނާފައިވެ އެވެ.
އާ ޓާމިނަލްގައި އޮފީސް ހިންގަން ދޭ ޖާގައިގެ އަގުތައް ވެސް، އެއާޕޯޓްގައި އެހެން ފަރާތްތަކަށް ބިން ދޫކޮށްފައިވާ އަގަށް ވުރެ މާ ކުޑަ އެވެ. އެއާޕޯޓްގައި އޮފީސް ހިންގަން މިހާރު ބިން ކުއްޔަށް ދެނީ އަކަމީޓަރެއް 41.5 ޑޮލަރަށެވެ. އެކަމަކު މިހާރު މަޝްވަރާކުރާ ރޭޓަށް ދޫކޮށްފި ނަމަ، އެމްއޭސީއެލްގެ އަމިއްލަ އިންވެސްޓްމަންޓެއްގައި ޖާގަ ދޫކުރާ އެވްރެޖް ރޭޓް އުޅޭނީ، އޮޑިޓުން އެނގޭ ގޮތުގައި، އަކަމީޓަރެއް 23 ޑޮލަރުގަ އެވެ.
ދުނިޔޭގެ ވެސް އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރު، ޓީއެމްއޭ މިހާރު ބޭނުންކުރާ ޓާމިނަލް ހަދާ އަދި ހިންގަނީ އެ ކުންފުނިން އަމިއްލަ އަށެވެ. އާ ސީ ޕްލޭން ޓާމިނަލެއް ހަދަން އެމްއޭސީއެލް އަށް ޖެހުނީ، މިހާރު އަޅާފައިވާ އާ ރަންވޭ ބޭނުންކުރުމަށްޓަކައި ޓީއެމްއޭގެ ޓާމިނަލް ނަގަން ޖެހޭތީ އެވެ. އެހެންކަމުން އެމްއޭސީއެލްގެ ބޯޑުން ނިންމީ ރާއްޖޭގައި ސީ ޕްލޭން ދުއްވާ ހުރިހާ އޮޕަރޭޓަރުން ބޭނުންކުރެވޭ ގޮތަށް އެއް ޓާމިނަލެއް ހަދާށެވެ.
ޓީއެމްއޭގެ އަމިއްލަ ޓާމިނަލް ދޫކޮށް އެހެން ތަނަކަށް ބަދަލުވުމަކީ އެ ކުންފުނިން ކުރަން ޖެހޭނެ އިތުރު ހަރަދެއް ކަމަށް، އޮޑިޓްގައި ފާހަގަކުރި އެވެ. އެހެންކަމުން އޭގެ ބަދަލުގައި އެމްއޭސީއެލްއަށް ކަން ކުރެވިދާނެ މޮޑެލްއެއް ވެސް އޮޑިޓްގައި ހިމެނި އެވެ. އެ މޮޑެލްއަށް ލައުންޖްތަކާއި އޮފީސް ސަރަހައްދު ކުއްޔަށް ދޫކުރިޔަސް، އަހަރަކު 33 މިލިއަން ޑޮލަރު (508 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނި ގޮތުގައި ޓީއެމްއޭއިން މިހާރު ހިންގާ ލައުންޖްތަކަށް އާ ޓާމިނަލުން 5،382 އަކަމީޓަރުގެ ޖާގަ ދީ، އަދި މިހާރު މަޝްވަރާކުރާ ގޮތަށް އަކަމީޓަރަކަށް 23.44 ޑޮލަރު ނަގާ ގޮތަށް އެ ކުންފުންޏަށް ދެވިދާނެ އެވެ.
ޓީއެމްއޭއަށް ދީފައި، އާ ޓާމިނަލްގައި ލައުންޖްތައް ހަދަން ދެން ބާކީ އޮތް 9،860 އަކަމީޓަރު، އަކަމީޓަރެއް މިހާރުގެ މާކެޓް ރޭޓް ކަމަށް ވާ 252 ޑޮލަރަަށް އަދި އޮފީސް ހިންގާށާއި އެހެނިހެން ހިދުމަތްތަކަށް ހާއްސަ ސަރަހައްދު އަކަމީޓަރެއް 41.5 ޑޮލަރުގެ ރޭޓުން ދިނަސް، މަހަަކު 2.8 މިލިއަން ޑޮލަރު، އަދި އަހަރަކު 33.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެމްއޭސީއެލް އަށް ލިބޭނެ އެވެ.
އެކަމަކު އޮޑިޓުން އެނގޭ ގޮތުގައި، ޓީއެމްއޭއަށް އެގޮތަށް ޓާމިނަލް ދޫކުރުމަކީ (އެއްކޮށް، ނުވަތަ މިހާރު ވެސް ޓީއެމްއޭ އިން ހިންގާ ޖާގަ) އެހެން އޮޕަރޭޓަރުންނަށް އޮންނާނެ ވަރަށް ބޮޑު ހުރަހެކެވެ.
"މިގޮތަށް ޖާގަ ކަނޑައެޅުމުގެ ސަބަބުން ލައުންޖް ހިންގުމަށް ބޮޑު ޖާގަ ލިބޭ ފަރާތަށް ގިނަ ރިސޯޓްތަކަށް ފަސިންޖަރުން އުފުލުމުގެ ކޮންޓްރެކްޓްތައް ލިބުމަށް މަގުފަހިވެ، މާކެޓް ކޮންޓްރޯލްކުރުމުގެ ފުރުސަތު އެ ފަރާތަކަށް ލިބުމަށް މަގުފަހިވާނެ ކަމާއި ކުޑަ ޖާގަ ލިބޭ ފަރާތްތަކަށް ވިޔަފާރި ފުޅާކުރަން އޮންނަ ފުރުސަތު ހަނިވެގެން ދާނެ ކަމަށް ފާހަގަކުރެވެ އެވެ،" ހާއްސަ އޮޑިޓްގައި ފާހަގަކޮށްފައިވާ ކަމަށް "މިހާރު"އަށް ލިބުނު މައުލޫމާތުތަކުގައިވެ އެވެ.
އާ ޓާމިނަލްގެ ލައުންޖާއި އެހެނިހެން ތަންތަން ކުއްޔަށް ދިނުމާއި އޮޕަރޭޓްކުރުމާ ގުޅޭ ގޮތުން ޓީއެމްއޭއާ އެކު މަޝްވަރާކުރަން އެމްއޭސީއެލްގެ ކުރީގެ ބޯޑުން ނިންމާފައި ވަނީ، އޮޑިޓުން އެނގޭ ގޮތުގައި، ނޮވެމްބަރު 28، 2017 ގައި ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމަށް ފަހު އެންމެ ފުރަތަމަ އެ މަޝްވަރާތައް ކުރީ އެ ކުންފުންޏާ އެކުގަ އެވެ. އެކަން އަދިވެސް ދަނީ ކުރިއަށެވެ.
އެކަމަކު ޓީއެމްއޭގެ އަމިއްލަ ޓާމިނަލް ދޫކޮށް، އެމްއޭސީއެލްގެ ޓާމިނަލަށް ބަދަލުވާން ޖެހޭ ހާލަތެއްގައި، ބަދަލެއް ދޭ ގޮތަށް ވާހަކަ ނުދައްކައި، ފުރަތަމަ ވެސް މަޝްވަރާކޮށްފައި ވަނީ ޓީއެމްއޭއާ ތަން ހަވާލުކުރަން ކަމަށް، ލިބެން ހުރި މައުލޫމާތުތަކުން، ލަފާކުރެވެ އެވެ.
އެމްއޭސީއެލުން އިންވެސްޓްކުރާ 55 މިލިއަން ޑޮލަރު، އެންމެ ދެ އަހަރު ތެރޭގައި ކަވަރުކުރެވެން އޮތަސް އެ ގޮތަށް ކުންފުނިން ދީލައިލުމުގެ ބަދަލުގައި، ޓީއެމްއޭއާ މުޅި ތަން ހަވާލުކުރުމުގެ ވިސްނުން ގެންގުޅުނީ، އެމްއޭސީއެލްގައި އެ ގާބިލްކަން ނެތުމުން ކަމަށް، ހަމައެކަނި ބުނެވެން ނެތް ކަމަށް، ނަން ނުޖަހާ ގޮތަށް "މިހާރު"އާ ވާހަކަ ދެއްކެވި، އަޑީގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު، ވިދާޅުވި އެވެ.
"އެމްއޭސީއެލް އަށް ކެޕޭސިޓީ ބިލްޑްކުރެވޭނެ ލާރި ހުރިއްޔާ،" އޭނާ ވިދާޅުވި އެވެ.
އޭނާ ދެން މިސާލު ނެންގެވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުރީ ސަރުކާރުން ހިންގި ބޮޑު ކޮރަޕްޝަނާއި އާ ޓާމިނަލާ އަޅާބަލައިގެންނެވެ.
"އެއީ 72 މިލިއަން ޑޮލަރުގެ ކޮރަޕްޝަނެއް، މިއީ އަހަރުތަކަށް ބަލާ ނަމަ އެއަށް ވުރެ މާ ބޮޑު ކޮރަޕްޝަނެއް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ޗަމްޕާ ހުސެން އަފީފުގެ ބޮޑު ހިއްސާއެއް ކުރިން އޮތް ޓީއެމްއޭ ވަނީ ބޭރު ކުންފުންޏަކަށް ވިއްކާލައިފަ އެވެ. އެކަމަކު މިހާރު ވެސް ޓީއެމްއޭގެ ބޯޑުގައި އަފީފް އިންނަވަ އެވެ. އަދި އޭނާގެ ވިޔަފާރީގެ ބައިވެރިއެއް ކަމަށް ވާ އިބްރާހިމް ނޫރައްދީން، އެމްއޭސީއެލްގެ ބޯޑުގައި އިންނެވުމަކީ ވެސް، "މިހާރު" އާ ވާހަކަދެއްކި މީހުންގެ ކަންބޮޑުވުމެކެވެ.
"އެ ބޮޑު ކުންފުނީގެ ބޯޑުގައި ނެތޭ ސަރުކާރުގެ އެންމެ ޑިރެކްޓަރެއް ވެސް. ހުސް ވެސް ޓޫރިޒަމްގެ ބޮޑެތި މަހުޖަނުން،" މަސްލަހަތު ވަރަށް ބޮޑަށް ފުށުއަރާ ކަމުގެ މިސާލު ދައްކަވަމުން، ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ބައެއް މީހުން ބުނާ ގޮތުގައި ޗަމްޕާ އަފީފް ކޮންޓްރޯލް ކުރައްވާ ތިން މެމްބަރުން މިހާރުގެ ބޯޑުގައި ވެސް ތިއްބަވަ އެވެ. ބޯޑުގެ ޗެއާމަނަކީ ޔުނިވާސަލްގެ އިސް އެއް ހިއްސާދާރު މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ.
ޓީއެމްއޭއަށް ސަރުކާރުން ހުށަހެޅި ގޮތް ރަނގަޅު: ހަސަން
އޮޑިޓުގައި ލަފާކުރާ އަދަދު އަށް ގުނަ ބޮޑު:ޓީއެމްއޭ
ސީޕްލޭން ޓާމިނަލް ދޫކުރަން އޭސީސީގެ ލަފަޔަކަށް އެދިއްޖެ
ދިވެހިންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރަން: ސައީދު
ސީޕްލޭން ޓާމިނަލް މައްސަލަ: ސައީދަށް ބޮޑު ތުުހުމަތެއް!
އަޅުގަނޑަށް ރުފިޔާ ދޭކަށް ބަޔަކު ނޫޅޭނެ: ނަޝީދު
ޓީއެމްއޭ އުދުއްސަން އެމްއޭސީއެލްގެ ބޮޑެތި ގޯސްތައް!
އެމްޔޫ މަނިކު މަންޓާއަށް ފޭވާކުރައްވާފައެއް ނެތް
ޓާމިނަލް ދޭން އުޅުނީ ގެއްލުމުގައި، ޖިނާއީ ތަހުގީގެއް
ޓީއެމްއޭގެ ރިޕޯޓްގެ ސައްހަކަމާ ދޭތެރޭ ސުވާލެއް!