Roadha Mihaaru
އޮޑިޓުގައި ލަފާކުރާ އަދަދު އަށް ގުނަ ބޮޑު:ޓީއެމްއޭ

އެމްއޭސީއެލަށް ލިބޭނެ ކަމަށް އޮޑިޓުގައި ލަފާކޮށްފައިވާ އަދަދު އަށް ގުނަ ބޮޑު: ޓީއެމްއޭ

21 ޖެނުއަރީ 2020

އާ ސީ ޕްލޭން ޓާމިނަލް، ކުއްޔަށް ދީގެން އެމްއޭސީއެލް އަށް 47 މިލިއަން ޑޮލަރު (726 މިލިއަން ރުފިޔާ) ލިބޭނެ ކަަމަށް އޮޑިޓަ ޖެނެރަލްގެ ހާއްސަ ރިޕޯޓުގައިވާ އަދަދު ސައްހަ ނޫން ކަމަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އާ ސީ ޕްލޭން ޓާމިނަލް، ކުއްޔަށް ދީގެން އެމްއޭސީއެލް އަށް 47 މިލިއަން ޑޮލަރު (726 މިލިއަން ރުފިޔާ) ލިބޭނެ ކަަމަށް އޮޑިޓަ ޖެނެރަލްގެ ހާއްސަ ރިޕޯޓުގައިވާ އަދަދު ސައްހަ ނޫން ކަމަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހެދި ސީޕްލޭން ޓާމިނަލްގެ ވަރަށް ބޮޑު ބައެއް މާކެޓްގެ އަގަށް ވުރެ މާ ކުޑަ އަގެއްގައި ޓީއެމްއޭއަށް ދޭން މަޝްވަރާކޮށް، ޑްރާފްޓް އެގްރިމެންޓެއް ވެސް ފޮނުވާފައިވާކަން ފަޅާއެރުމުން، މައްސަލަ ވަނީ ހޫނުވެފަ އެވެ.

އެގޮތަށް ކަންތައް ކޮށްފި ނަމަ، އެމްއޭސީއެލްއަށް ލިބެން އޮތް ބޮޑު އާމްދަނީއެއް ދޫކޮށްލުމުގެ އިތުރުން އެއީ ވާދަވެރި އެހެން ކުންފުނިތަކުގެ ވިޔަފާރި ފުޅާކުރަން ވެސް ކުރިމަތިވާނެ ހުރަހެއްގެ ގޮތުގައި، އިންޑަސްޓްރީގެ ތަޖުރިބާކާރުން ދެކެ އެވެ.

މައްސަލަ ބޮޑުވުމުން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ އެދުމަކަށް އޮޑިޓަ ޖެނެރަލް ތައްޔާރުކުރެއްވި ހާއްސަ ރިޕޯޓްގައި ލަފާކޮށްފައި ވަނީ އާ ޓާމިނަލްގެ ޖާގަ، މިހާރުގެ މާކެޓް ރޭޓްގައި ދޫކޮށްފި ނަމަ ގާތްގަނޑަކަށް 47 މިލިއަން ޑޮލަރުގެ އާމްދަނީއެއް އަހަރަކު ލިބޭނެ ކަމަށެވެ.

އެކަމަކު ޓީއެމްއޭއިން މިހާތަނަށް ނެރުނު ފުރަތަމަ ނޫސްބަޔާނުގައި އެ އަދަދާ މެދު ވަނީ ސުވާލު އުފައްދައިފަ އެވެ. އެ އެއާލައިނުން ބުނީ 47 މިލިއަން ޑޮލަރަކީ އަސްލު ލިބިދާނެ އާމްދަނީއަށް ވުރެ އަށް ގުނަ ބޮޑު އަދަދެއް ކަމަށެވެ.

ޓީއެމްއޭގެ އެ ލަފާކުރުމަށް ބިނާކުރާ ނަމަ އޭގެ މާނައަކީ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދީގެން އެންމެ ބޮޑުވެގެން ވެސް މި ވަގުތު ލިބޭނީ ގާތްގަނޑަކަށް 6 މިލިއަން ޑޮލަރު (92 މިލިއަން ރުފިޔާ) ކަމެވެ.

ޓީއެމްއޭ އިން ބުނި ގޮތުގައި ހަގީގީ މައުލޫމާތުގެ ބަދަލުގައި އޮޑިޓް ރިޕޯޓުގައި ބޭނުންކޮށްފައިވާ ލަފާކުރުންތަކަކީ އަސްލެއް ނޫނެވެ. އަދި ޓާމިނަލް އޮޕަރޭޓްކޮށްގެން އެމްއޭސީއެލްއަށް ބޮޑު އާމްދަނީއެއް ލިިބޭނެ ކަމަށް ބަޔާންކުރުމަކީ "ކުށް ހީއެއް"ގެ ގޮތުގައި، ޓީއެމްއޭ އިން ސިފަކުރި އެވެ.

ޓީއެމްއޭގެ ބަޔާނުގައި އެ ކުންފުންޏާއި އެމްއޭސީއެލްއާ ދެމެދު ކުރި މަޝްވަރާތައް، ނުސީދާކޮށް ދިފާއު ވެސް ކުރި އެވެ. އަދި އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ވެފައިވާ އެއްބަސްވުން، މިހާރު އުފެދިފައި އޮތް ހިޔާލު ތަފާތުވުމުގައި، އުވާލައިފި ނަމަ ޓުއަރިޒަމް ދާއިރާއަށް ބުރޫއަރާނެކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުގެ ބަޔާނުން އެނގެނީ ކުރީގެ ސަރުކާރުގައި، 2017 ވަނަ އަހަރު، އެމްއޭސީއެލްއާ އެކު ފެށި މަޝްވަރާތަކުގައި އެދުނީ މިހާރު ވެސް އެ ކުންފުނިން ބޭނުންކުރާ ޓާމިނަލްއާ އެއްވަރުގެ ޖާގައެއް ދޭން ކަމެވެ.

"ޓީއެމްއޭ އިން އެދިފައި ވާނީ އަޅުގަނޑުމެން މިހާރު ވެސް 80 ރިސޯޓަށް ޚިދުމަތް ދެމުންދާ ސީ ޕްލޭން އޮޕަރޭޝަން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޖާގަ ލިބިދިނުމަށެވެ،" އެ ބަޔާނުގައި ބުންޏެވެ.

އަނެއްކޮޅުން ޓީއެމްއޭ އިން ބުނީ ރާއްޖޭގައި ސީ ޕްލޭން އޮޕަރޭޓްކުރާ އެހެން އެއާލައިންތަކުން ވެސް އާ ޓާމިނަލް ބޭނުންކުރާނެ ކަމަށެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ދިގު މުއްދަތުގެ އެއްބަސްވުމެއް ހަދާފައެއް ނެތެވެ. އާ ޓާމިނަލް އަޅަން ފެށި ފަހުން، އެއްބަސްވުން އާކުރަމުން އަންނަނީ އެއް އަހަރަށެވެ.

އަމިއްލަ ޓާމިނަލްގެ އަގު 18 މިލިއަން ޑޮލަރު

ޓީއެމްއޭ އިން ބުނި ގޮތުގައި އަމިއްލައަށް ހަދައިގެން މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްގެ އަގަކީ 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) އެވެ. އެހެންކަމުން އާ ޓާމިނަލަށް ބަދަލުވުމަކީ އެ ބޮޑު އިންވެސްޓްމަންޓް ދޫކޮށްލަން މަޖުބޫރުވުން ކަމަށް، އޮޑިޓް ރިޕޯޓާ ހަވާލާދީ، ޓީއެމްއޭއިން ބުނެ އެވެ.

ޓީއެމްއޭގެ ޓާމިނަލްގައި އެކި ރިސޯޓްތަކަށް ކުއްޔަށް ދީގެން ލައުންޖްތައް ހިންގަނީ ޓީއެމްއޭއަކުން ނޫނެވެ. އެއީ އެ ލައުންޖްތައް ނިސްބަތްވާ ރިސޯޓްތަކުން އަމިއްލައަށް ހަދައިގެން، މުވައްޒަަފުން ލައިގެން ހިންގާ ތަންތަން ކަމަށް، އިންޑަސްޓްރީގެ މީހުން ބުނެ އެވެ. އެހެންކަމުން އެމްއޭސީއެލުން ކުޑަ އަގެއްގައި ކުއްޔަށް ބިން ނަގައިގެން ޓީއެމްއޭއިން އެތަން އެހެން ރިސޯޓްތަކަށް ބޮޑު އަގުގައި ކުއްޔަށް ދީގެން، ބޮޑު ފައިދާއެއް ނަގަމުން އަންނަތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ 47 މިލިއަން ޑޮލަރުގެ ސަބަބުން، ޓީއެމްއޭގެ އޮޕަރޭޝަނަށް ބޭނުންވާ ޖާގަ ނުދީ، އެއްބަސްވުން އުވާލަން އާންމުންނާއި ސިޔާސީ ބައެއް ފަރާތްތަކުން ގޮވާލާތީ، ޓީއެމްއޭ އިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

އިތުބާރާ އެކު މިހާތަނަށް އެ ކުންފުނިން ދެމުން އަންނަ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދަން މިހާރުގެ އެއްބަސްވުން ދެމެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ޓީއެމްއޭ އިން ބުންޏެވެ.

އެއްބަސްވުން އުވާލައިފި ނަމަ "ޓީއެމްއޭގެ އޮޕަރޭޝަންސް އަށް ބުރޫއަރާ ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތަށް ނޭދެވޭ އަސަރުކުރުން އެކަށީގެންވެ އެވެ،" ޓީއެމްއޭގެ ބަޔާނުގައިވެ އެވެ.

ޗަމްޕާ އަފީފަކީ ހިއްސާދާރެއް ނޫން

އެމްއޭސީއެލްގެ އަގުބޮޑު މުދަލެއް، މާކެޓް ރޭޓަށް ވުރެ ކުޑަ އަގެއްގައި ޓީއެމްއޭއަށް ދޭން އުޅުމުން އުފެދިފައިވާ މައްސަލާގައި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފަށް ވެސް ފާޑުކިއުން އަމާޒުވެ އެވެ. ކުރިން އަފީފާއި އޭނާގެ ވިޔަފާރީގެ ބައިވެރިންގެ ކުންފުނި އެމެރިކާގެ އިންވެސްޓްމެންޓް ގްރޫޕް، ބްލެކްސްޓޯން އަށް ކުރިން އޮތީ ވިއްކާލައިފަ އެވެ. އަދި ބްލެކްސްޓޯނުން 2017 ގައި ޓީއެމްއޭގެ 80 ޕަސެންޓް ހިއްސާ ވިއްކާލީ އެމެރިކާގެ އެހެން ކުންފުންޏެއް ކަމަށް ވާ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެމްޕަސް ގްލޯބަލް ގުޅިގެން ހަދާފައިވާ ކޮންސޯޓިއަމަކަށެވެ.

މައުލޫމާތު ހުރި ބައެއް މީހުން ބުނާ ގޮތުގައި އަފީފް މިހާރު ވެސް ޓީއެމްއޭގެ ބޯޑުގައި އިންނަވަ އެވެ. އެކަމަކު މިއަދުގެ ބަޔާނުގައި ޓީއެމްއޭ އިން ބުނީ އަފީފަކީ އެ ކުންފުނީގެ ހިއްސާދާރެއް ނޫން ކަމަށެވެ.

ރާއްޖޭގައި އެއާލައިންތައް އޮޕަރޭޓްކުރަމުން އަންނަނީ އުފުލާ ދަތުރުވެރިންނަށް ބޭނުންވާ ލައުންޖްތަކާއި އެހެން ހިދުމަތްތައް އަމިއްލައަށް ފޯރުކޮށްދީގެންނެއް ނޫނެވެ. އެކަމަކު ކުރިންސުރެ ސީޕްލޭންތައް އޮޕަރޭޓްކުރަނީ އަމިއްލަ އަށް ޓާމިނަލް ހަދައިގެން، ހުރިހާ ހިދުމަތެއް އެ ކުންފުނިތަކުން ދޭ ގޮތަށެވެ.

އިންޑަސްޓްރީގެ ބައެއް ތަޖުރިބާކަރުން ބުނާ ގޮތުގައި ރިސޯޓްތަކަށް ލައުންޖްތައް ކުއްޔަށް ދޭން ޖެހޭނީ ސީދާ އެމްއޭސީއެލުންނެވެ. އެއީ އެހެން އެހެން އެއާލައިންތަކުގެ ވިޔަފާރިއަށް ވެސް ރަނގަޅު ގޮތް ކަމަށް، އެ ތަޖުރިބާކާރުން ބުނެ އެވެ.