Roadha Mihaaru
ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތް ނިމުމަކަށް

ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތް ނިމުމަކަށް

13 ފެބުރުއަރީ 2021

ވޮޝިންޓަން (ފެބްރުއަރީ 13) - ސެނެޓުގައި މިހާރު ފަށާފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތް ނިމުމަކަށް ގޮސް ވަރަށް އަވަހަށް ހުކުމަކާ ހަމައަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 13) - ސެނެޓުގައި މިހާރު ފަށާފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތް ނިމުމަކަށް ގޮސް ވަރަށް އަވަހަށް ހުކުމަކާ ހަމައަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޓްރަމްޕުގެ ދިފާއީ ވަކީލުންގެ ޓީމުގެ ބަޔާންތައް ނިންމާލާފައި ވަނީ ކެޕިޓަލް ހިލްގައި ޖެނުއަރީ 6 ވަނަ ދުވަހު ހިންގި ހަމަނުޖެހުމުގެ ޒިންމާ ޓްރަމްޕް އުފުއްލަވަން ނުޖެހޭކަން ސާބިތުކޮށްދިނުމަށް އެތައް ވާހަކައެއް ދެއްކުމަށް ފަހު އެވެ. ޓްރަމްޕުގެ ވަކީލުންގެ ޓީމުގެ ތިން ގަޑިއިރުގެ ޕްރެޒެންޓޭޝަން ނިންމާލީ އިމްޕީޗްމަންޓަކީ ޓްރަމްޕުގެ އަގުވައްޓާލަން ޑިމޮކްރެޓިކުން ރާވައިގެން ހިންގާ ކަމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

ޑިމޮކްރެޓިކް އިމްޕީޗްމަންޓް މެނޭޖަރުން ވަނީ ޖެނުއަރީ 6 ވަނަ ދުވަހު ޓްރަމްޕުގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުން ވީޑިއޯ ހެއްކާ އެކު ކުރިން ހުށަހަޅައިފަ އެވެ.

ސެނެޓުގެ މިއަދުގެ ބައްދަލުވުމުގައި ކުރިއަށްދާނީ މަންޒަރު ދުށް މީހުންގެ ހެކި ހުށަހެޅުމަށް ފުރުސަތު ދޭނީތޯ ބެލުމުގެ ބަހުސް އެވެ. އޭގެ ފަހުން ދެ ފަރާތުން ވެސް އެންމެ ފަހުގެ ބަޔާންތައް ހުށަހަޅާނެ އެވެ. ޓްރަމްޕް ކުށްވެރިވޭތޯ ބެލުމަށް ސެނެޓުގައި މިރޭ ވޯޓު ނެގުން ވެސް އެކަށީގެންވެ އެވެ. މިހާތަނަށް ބެލެވިފައިވާ ގޮތުން ޓްރަމްޕް ކުށްވެރި ކުރެވޭ ވަރަށް ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ތާއީދު ޑިމޮކްރެޓިކުންނަށް ހޯދިފައެއް ނުވެ އެވެ. ޓްރަމްޕް ކުށްވެރިވާ ކަމަށް ފާސްކުރެވޭނީ ސެނެޓުގެ 100 މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުންނެވެ. އެ އަދަދަށް ވޯޓު ހޯދަން ރިޕަބްލިކަން ޕާޓީގެ 17 މެންބަރުންގެ ތާއީދު ބޭނުންވާނެ އެވެ.

ޓްރަމްޕުގެ ވަކީލް ބްރޫސް ކާސްޓޯ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕުގެ ވަކީލް ބްރޫސް ކާސްޓޯ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ހުކުރު ދުވަހުގެ ބައްދަލުވުމުގައި ދިފާއީ ވަކީލު މައިކަލް ވެން ޑަ ވީން ވަނީ ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތް ކުރިއަށް ގެންދަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ސިޔާސީ ބަދަލު ހިފުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމާ ދެކޮޅު ހެދުމަށް ސެނެޓުން ވޯޓު ދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ދިފާއީ ވަކީލެއް ކަމަށްވާ ބްރޫސް ކާސްޓޯ ވިދާޅުވީ ސެނެޓުގެ އިމްޕީޗްމަންޓް ޝަރީއަތަކީ ޓްރަމްޕްްއާ ހަމައެކަނި ގުޅިފައިވާ މައްސަލައެއް ނޫން ކަމަށާއި އެއީ ޓްރަމްޕަށް ވޯޓުލީ 75 މިލިއަން މީހުންގެ ވޯޓު ކެންސަލް ކުރުން ކަމަށެވެ.

ޑިމޮކްރެޓިކް އިމްޕީޗްމަންޓް މެނޭޖަރުން ބުނެފައި ވަނީ ނޮވެމްބަރު 3 ވަނަ ދުވަހު ބޭއްވި އިންތިޚާބުން ޖޯ ބައިޑަން ކާމިޔާބު ހޯއްދެވި ނަމަވެސް ޓްރަމްޕް ގެންދެވީ ދޮގު ތުހުމަތުތައް ކުރައްވައި، އެތައް ބަޔަކު ރުޅިއަރުވަން މަސައްކަތް ކުރައްވަން ކަމަށެވެ. އެންމެ ފަހުން ޖެނުއަރީ 6 ވަނަ ދުވަހު ވައިޓް ހައުސްއާ ކައިރީގައި ބޮޑު ބައްދަލުވުމެއް ބާއްވައި، ކޮންގްރެސް އިމާރާތާ ދިމާލަށް ދިއުމަށް ހިތްވަރު ދެއްވާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ކޮންގްރެސްގެ އެ ދުވަހުގެ ބައްދަލުވުމުގައި އޮތީ ރައީސް ޖޯ ބައިޑަން ހޯއްދެވި ކާމިޔާބީ ރަސްމީކޮށް ފާސްކުރުމެވެ.