Roadha Mihaaru
"ލޯބިވެވިއްޖެ" ގެ ޝޫޓިން ތިނަދޫގައި ކުރިއަށް

ސީޒަންގެ "ލޯބިވެވިއްޖެ"ގެ ޝޫޓިން ތިނަދޫގައި ކުރިއަށް

25 ޑިސެމްބަރ 2019

އަލީ ސީޒަން ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅޭ ފިލްމު "ލޯބިވެވިއްޖެ"ގެ ޝޫޓިން ގދ. ތިނަދޫގައި އަންގާރަ ދުވަހު ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަލީ ސީޒަން ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅޭ ފިލްމު "ލޯބިވެވިއްޖެ"ގެ ޝޫޓިން ގދ. ތިނަދޫގައި އަންގާރަ ދުވަހު ފަށައިފި އެވެ.

މި މަހުގެ 12 ވަނަ ދުވަހު ލޯންޗްކުރި މި ފިލްމުގެ 50 ޕަސަންޓް މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ އެ ރަށުގަ އެވެ. ސީޒަން ބުނީ މި ދުވަސްކޮޅު ވަރަށް ވިއްސާރަ ނަމަވެސް ރާވާފައި އޮތީ 15 ދުވަހުގެ ތެރޭގައި ތިނަދޫގެ ޝޫޓިން ނިންމައިލަން ކަމަށެވެ.

"ވަރަށް އުންމީދުކުރެވޭ ރޭޗި ގޮތަށް މާ ބޮޑު ޑިލޭއެއް ނައިސް ފިލްމުގެ ޝޫޓިން ތިނަދޫގައި ނިންމާލެވޭނެ ކަމަށް،" ސީޒަން ބުންޏެވެ.

ތިނަދޫގައި މަންޒަރުތައް ނަގާ އިރު "ލޯބިވެވިއްޖެ" ކާސްޓުންގެ ތެރޭގައި އަލީ އާޒިމް (ދޮން އައްޔަ) އާއި އަހުމަދު އީސަ (އާނަންދު) ގެ އިތުރުން މަރިޔަމް އައްޒަ އާއި ނިޝާ ބައިވެރިވި އެވެ.

"އަދި ތިނަދޫގެ ވަރަށް ގިނަ ބަޔަކު ވެސް މި ރަށުގައި ނަގާ މަންޒަރުތަކުން ފެންނާނެ،" ސީޒަން ބުންޏެވެ.

މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އިރުފާނާ އިބްރާހީމާއި އަލީ ޝަމީލް ވެސް ހިމެނެ އެވެ.

ސީޒަން ބުނީ ތިނަދޫގައި ފިލްމުގެ މަންޒަރުތައް ނެގުމަށް ފަހު، ދެން ބާކީ ނަގަން ޖެހޭ މަންޒަރުތަކުގެ ބޮޑު ބައި ނަގަން ހަމަޖެހިފައި ވަނީ އަވަށްޓެރި ސްރީ ލަންކާގައި ކަމަށެވެ. އެ ގައުމަށް "ލޯބިވެވިއްޖެ" ގެ ކާސްޓާއި ކްރޫ ފުރާނީ އަންނަ މާޗް މަހުގެ ތެރޭގަ އެވެ.

"މާލޭގައި ނަގަން ޖެހޭ ދެ މަންޒަރެއް ވެސް ފިލްމުގައި އިންނާނެ،" ފަސް ލަވަ ހިމެނޭ ފިލްމާ ބެހޭ ގޮތުން ސީޒަން ބުންޏެވެ.

"ލޯވިވެޖިއްޖެ" އަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ. ސީޒަން ބުނީ މިއީ ލޯބީގެ ފިލްމަކަށް ވިޔަސް، ފިލްމުގެ ވާހަކަ ގެނެސްދީފައި އޮތީ މުޖުތަމައުގައި ހުރި ބައެއް މައްސަލަތަކަށް ވެސް އަލިއަޅުވާލައިގެން ކަމަށްވާތީ، ފިލްމުން ބޮޑު ވާހަކައެއް ކިޔައިދޭނެ ކަމަށެވެ.

ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ރޯދައިި ފަހުން ކަމަށް ވިޔަސް، އަޅުވާނެ ވަކި ދުވަހެއް އަދި ނުނިންމަ އެވެ.

"ލޯބިވެވިއްޖެ" ގެ ކުރިން ސީޒަން އެކްޓްކޮށް، ޑައިރެކްޓްކޮށްފައިވާ "އަނދިރިކަން" އަންނަ އަހަރު ސިނަމާ އަށް ގެންނާނެ އެވެ. ކުރިން މިދިޔަ އޮކްޓޯބަރު މަހު ރިލީޒްކުރަން އުޅުނު އެ ފިލްމުގެ ބަތަލާއިންނަކީ ޝީލާ ނަޖީބާއި އައިމިނަތު ރިޝްފާ އެވެ.

"އަނދިރިކަން" އަކީ ވެސް ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.