ފެން ބިލް ނުދައްކާ ގިނަ ދުވަސްވެފައިވާ މީހުންގެ ބިލްތަކަށް ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް އެމްޑަބްލިއުއެސްސީން ހަމަޖައްސައިދީފި އެވެ.
26 ޑިސެމްބަރ 2019
ފެން ބިލް ނުދައްކާ ގިނަ ދުވަސްވެފައިވާ މީހުންގެ ބިލްތަކަށް ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް އެމްޑަބްލިއުއެސްސީން ހަމަޖައްސައިދީފި އެވެ.
އެ އިދާރާ އިން ބޭއްވި ނިއުސް ބްރީފިންއެއްގައި ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ފެން ބިލަށް އަރާވަރު އެއްފަހަރާ ދެއްކުމުން އިންޓަރެސްޓަށް ނަގާ ބައި މާފު ކުރުމާއި އިންޓަރެސްޓުން ވަކި ޕަސެންޓެއް މާފު ކޮށްދިނުން އެ ލުއިތަކުގެ ތެރޭގައި ހިމެނެ އެވެ.
އަދި، އިންޓަރެސްޓް ރޭޓުން ދައްކަން ޖެހޭ ބާކީ ބައި އިންސްޓޯލްމެންޓުގެ އުސޫލުން ބައިބަޔަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ފެން ބިލް ނުދައްކާ މީހުންގެ އަދަދު 13،894 އަރާ ކަމަށެވެ. އެހެންވެ، ކުންފުނިން މި ދިން ލުއި ފުރުސަތުގެ ބޭނުން ހިފައި އެ ފަރާތްތަކުން ވީހާ ވެސް އަވަހަށް ބިލް ދެއްކުމަށް އޭނާ އެދިވަޑައިގަތެވެ.
އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނިން އިންޓަރެސްޓު ނަގާ އުސޫލަށް ވެސް މިހާރު ބަދަލު ގެނެސްފަ އެވެ. އެގޮތުން، ކުރިން ކޮމްޕައުންޑް އިންޓަރެސްޓް ނެގުމުން ކަސްޓަމަރުން ބޮޑު އަދަދެއް ދައްކަން ޖެހުނު ނަމަވެސް ސިމްޕަލް އިންޓަރެސްޓް ނަަގަން ފެށުމުން އެ އަދަދު ދަށް ވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
"ދެން ފައިސާ ނުދައްކާ ބިލްތަކަށް އިންޓަރެސްޓް އަރަމުން އަންނާނީ ބިލުގެ އަދަދަށް އަންނަ ބެލެންސަށް އެކަނި. އިންޓަރެސްޓް މައްޗަށް އިންޓަރެސްޓެއް ނާރާނެ ދެން. މި ވެސް ރައްޔިތުންނަށް ލިބޭ ލުޔެއް." އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި، މި ހިދުމަތް ހޯދުމުގައި އެއްވެސްް ކަސްޓަމަރަކަށް ދަތި ނުވާނެ އެވެ. ކުރިން އެކި ކަންތައްތަކަށް ސިޓީ ލާން ޖެހުނު ނަމަވެސް މިހާރު ޓްވިޓާ އާއި އެ ކުންފުނިގެ ކޯލް ސެންޓަރު މެދުވެރިކޮށް އެ ހިދުމަތްތައް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަންކަމުގައި ސިޓީ ލާން ބުނުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކަންތައްތައް ލަސްކުރުމަށް އޮންނަ އުޒުރެއް. މިހާރު ސިޓީ ލާކަށް ނުޖެހޭނެ. ހަމަ ކައުންޓަރަށް ވަޑައިގަތީމާ މިކަން ހަމަޖެހިގެން ދާނެ." އާޒިމް ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފެން ބިލް ދެއްކުމުގައި ފަސޭހަ ކޮށްދިނުމަށް މޯބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފު ކޮށްފަ އެވެ. މި އެޕްގެ ޒަރީއާ އިން ވަކި މީޓަރަކަަށް އަރާ މިންވަރު ބަލާލައި، އޮންލައިންކޮށް ފައިސާ ދެއްކޭނެ އެވެ.
ބިލްގެ މުއްދަތު ހަމަވުމުން އެކަން އަންގައިދޭ މެސެޖެއް ވެސް މި އެޕުން ފޮނުވާނެ އެވެ. އަދި ބިލް ނުދައްކާ 10 ދުވަސް ވުމުން ހަނދާން ކޮށްދޭ މެސެޖެއް ވެސް ފޮނުވަ އެވެ.
84 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހަވާލުކޮށްފި
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
ހުޅުމާލޭގައި 10،000 ޓަނުގެ ފެންރައްކާކުރެވޭ ތާނގީ
ފެން އުފައްދާ ނިޒާމެއް ކަނޑުއަޑީގައި ހަދަން ދިރާސާއެއް
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި
އައްޑޫ: އުފައްދާ ވަރަށްވުރެ ފެން ބޭނުން ކުރާލެއް ގިނަ
އައްޑޫ ފެނުގެ ނިޒާމް އަޕްގްރޭޑިން އެމްޑަބްލިއުއެސްސީއަށް
ފެނާއި ކަރަންޓު ބިލްގެ ޖޫރިމަނާ މާފު ކުރަން ނިންމައިފި
ފެންބޮޑުވުން ހައްލުކުރަން ހާއްސަ މަސައްކަތްތަކެއް!
"ތާޒާ އަހަރަކަށް": އަހަރު ދުވަހަށް ފެން ހިލޭ