Roadha Mihaaru
84 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހަވާލުކޮށްފި

84 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ދެ ކުންފުންޏަކާ ހަވާލުކޮށްފި

14 ނޮވެމްބަރ 2019

އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމްކުރާށާއި 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޑިޒައިންކުރަން ދެ ކުންފުންޏަކާ ނެޝަނަލް ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމްކުރާށާއި 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޑިޒައިންކުރަން ދެ ކުންފުންޏަކާ ނެޝަނަލް ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ހަންޏާމީދޫގައި ފެނުގެ ނިޒާމުގެ މަސައްކަތް ކުރަން ހަވާލުކުރީ އެމްޑަބްލިއުއެސްސީއާ އެވެ. އަދި 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޑިޒައިންކުރާށާއި ޕްރޮޖެކްޓް މެނޭޖްމެންޓް ކޮންސަލްޓަންސީގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ އިންޑިއާ ކުންފުންޏެއް ކަމަށްވާ ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސްއާ އެވެ.

ނެޝަނަލް ޕްލޭނިން މިނިސްޓްރީ އިން މިއަދު ކުރި ޓްވީޓެއް

މި ދެ މަޝްރޫއަށް ޖުމްލަ 84 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. ހަންޏާމީދުގައި ފެނުގެ ނިޒާމް ގާއިމްކުރަން ސަރުކާރުގެ ބަޖެޓުން 21 މިލިއަން ރުފިޔާ ހަމަޖައްސާފައިވާއި އިރު ޝާހު ޓެކްނިކަލް ކޮންސަލްޓަންސީއާ ހަވާލުކުރި މަޝްރޫއަށް ކަނޑައަޅާފައި ވަނީ 3.9 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 60 މިލިއަން ރުފިޔާ) އެވެ.

ރަށްރަށުގައި ފެނުގެ ނިޒާމް ޑިޒައިންކުރަން ޝާހު ކޮންސަލްޓަންސީ އަށް ހަވާލުކުރި މަޝްރޫއު ފުރިހަމަކުރަން އެ ކުންފުންޏަށް ދީފައި ވަނީ ތިން އަހަރާއި ހަތަރު މަސް ދުވަހުގެ މުއްދަތެކެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ނެޝަނަލް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މި މަސައްކަތް ކުރަން ކަނޑައަޅާފައި ވަނީ ހދ، ނ، ޅ، އަދި ތ. އަތޮޅުގެ އެއް ރަށެއްގަ އާއި ހއ، ށ، ކ، އއ، އދ، ފ. އަދި ދ. އަތޮޅުގެ ދެ ރަށެއްގެ އިތުރުން ވ، މ، ގއ، ގދ. ގެ ތިން ރަށެއްގަ އާއި ލ. އަތޮޅުގެ ހަތަރު ރަށެއްގަ އެވެ. މީގެ ތެރެއިން ނަރުދަމާ ޑިޒައިން ކުރުމުގެ މަސައްކަތް ކުރަން ކަނޑައަޅާފައި ވަނީ 17 ރަށެއްގަ އެވެ. އަދި ފެނުގެ ނިޒާމް ޑިޒައިން ކުރުމުގެ މަސައްކަތް ކުރާނީ 32 ރަށެއްގަ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން އެތަނުގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ސޮއިކުރެއްވި އިރު، ޝާހު ކޮންސަލްޓަންސީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަރު ގޯތަމް މަހާވީރު ޝާހު އެވެ.

ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމްކުރަން އެމްޑަބްލުއެސްސީއަށް ދީފައި ވަނީ އެއް އަހަރާއި 10 މަސް ދުވަހެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި ފެނުގެ ނިޒާމުގެ ވިޔުގަ އެޅުމާއި، ލޮނު ފެން ރީތި ފެނަށް ބަދަލްކުރާ ޕްލާންޓަކާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅުވައިދޭން ޖެހޭނެ އެވެ.

އެމްޑަބްލިއުއެސްސީއާ އެކު ވެވުނު އެއްބަސްވުމުގައި އެތަނުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމެވެ. މި އެއްބަސްވުމުގައި ވެސް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޝާނާ ފާރޫގެވެ.