Roadha Mihaaru
ޖަޕާނުން ޗައިނާ މީހަކަށް މަރުގެ އަދަބު ދީފި

ޖަޕާނުން ޗައިނާ މީހަކު ދަންޖައްސައިގެން މަރުގެ އަދަބު ދީފި

27 ޑިސެމްބަރ 2019

ޓޯކިއޯ (ޑިސެމްބަރު 26) - ޖަޕާނުން ޗައިނާ މީހަކު ދަންޖައްސައިގެން އިއްޔެ މަރުގެ އަދަބު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓޯކިއޯ (ޑިސެމްބަރު 26) - ޖަޕާނުން ޗައިނާ މީހަކު ދަންޖައްސައިގެން އިއްޔެ މަރުގެ އަދަބު ދީފި އެވެ.

ސީރިއަސް ކުށްތަކުގައި ދޭތެރެދޭތެރެއިން މަރުގެ އަދަބު ތަންފީޒު ކުރަމުން އަންނަ ޖަޕާނުގައި މިއީ މިދިޔަ 12 އަހަރުގެ ތެރޭގައި އެހެން ގައުމެއްގެ ރައްޔިތަކަށް މަރުގެ އަދަބެއް ތަންފީޒުކުރި ފުރަތަމަ ފަހަރެވެ. އެ ގައުމުން މަރުގެ އަދަބު ދޭ މީހުންގެ މައުލޫމާތު އާންމު ކުރަން ފެށީ 2007 ވަނަ އަހަރުން ފެށިގެންނެވެ.

ވެއި ވެއި ނަމަކަށް ކިޔާ އުމުރުން 40 އަހަރުގެ ޗައިނާ މީހާގެ މައްޗަށް މަރުގެ އަދަބު ދިނީ 2003 ވަނަ އަހަރު އިތުރު ބަޔަކާ ބައިވެރިވެގެން ޖަޕާނުގައި އެއް އާއިލާއެއްގެ ހަތަރު މީހުން މަރައިލި މައްސަލައިގަ އެވެ. ވިޔަފާރިވެރިއެއްގެ ގެއަކަށް ފޭރުމަށްޓަކައި ވަނުމަށް ފަހު، އެ ވިޔަފާރިވެރިޔާގެ އިތުރުން އަނިޔާވެރި ގޮތަކަށް މަރައިލި މީހުންގެ ތެރޭގައި އޭނާގެ އަށް އަހަރާއި 11 އަހަރުގެ ކުޑަކުދިން ވެސް ހިމެނުނެވެ.

ޖަޕާނުގެ ޖަސްޓިސް މިނިސްޓަރު މަސާކޯ މޯރީ ވިދާޅުވީ ވެއިގެ މައްޗަށް މަރުގެ އަދަބު ދިނުމަށް އޭނާ ހުއްދަ ދެއްވީ ކުށްކުރި ގޮތާއި އަނިޔާވެރި ކަމަށް "ވަރަށް ބޮޑަށް ބެއްލެވުމަށް" ފަހު ކަމަށެވެ. އަދި ސީރިއަސް ކުށްތަކުގައި މަރުގެ އަދަބު ނުދީ ދޫކޮށް ނުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެއިއާ އެކު، ދެން ބައިވެރިވި ދެ މީހުން ފިލައިގެން ޗައިނާ އަށް ދިއުމުން އޭގެ ތެރެއިން އެކަކަށް 2005 ވަނަ އަހަރު ޗައިނާ އިން ވަނީ މަރުގެ އަދަބު ދީފަ އެވެ. އަދި ދެވަނަ މީހާ ވަނީ އުމުރަށް ޖަލަށް ލައިފަ އެވެ.

އެންމެ ކުށް މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖަޕާނުގައި ދަންޖައްސައިގެން މަރުގެ އަދަބު ދޭއިރު، އެ އަދަބު ތަންފީޒު ކުރާނެ ތާރީޚެއް ކުށްވެރިޔާ އަށް ވެސް ދުރާލާ ނާންގަ އެވެ. އޭނާ އަށް ވެސް އެކަން އެނގޭނީ މަރުގެ އަދަބު ދޭ ދުވަހު އެވެ. މަރަން ހުކުމް ކޮށްފައި ތިބި 100 އަށް ވުރެ ގިނަ މީހުން އެ ގައުމުގެ ޖަލުތަކުގައި އެބަ ތިއްބެވެ. މިދިޔަ އޮގަސްޓް މަހު ވެސް ޖަޕާނުން މީހަކަށް މަރުގެ އަދަބު ދިނެވެ.