Roadha Mihaaru
އޭޝިޔާ، ޔޫރަޕްގައި ހަލުވިކަމާ އެކު ދޫނި ރޯގާ ފެތުރެނީ

އޭޝިޔާ އާއި ޔޫރަޕްގައި ހަލުވިކަމާ އެކު ދޫނި ރޯގާ ފެތުރެނީ

16 ނޮވެމްބަރ 2021

ޔޫރަޕާއި އޭޝިޔާގެ ބައެއް ގައުމުތަކުގައި ވަރަށް ހަލުވިކަމާ އެކު އަނެއްކާ ވެސް ދޫނި ރޯގާ ފެތުރެމުންދާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް، ވޯލްޑް އޯގަނައިޒޭޝަން ފޮ އެނިމަލް ހެލްތު (އޯއައިއީ) މިއަދު ބުނެފި އެވެ.

ޔޫރަޕާއި އޭޝިޔާގެ ބައެއް ގައުމުތަކުގައި ވަރަށް ހަލުވިކަމާ އެކު އަނެއްކާ ވެސް ދޫނި ރޯގާ ފެތުރެމުންދާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް، ވޯލްޑް އޯގަނައިޒޭޝަން ފޮ އެނިމަލް ހެލްތު (އޯއައިއީ) މިއަދު ބުނެފި އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި ޔޫރަޕާއި އޭޝިޔާގައި ދޫނި ރޯގާ ފެތުރެން ފެށުމާ ގުޅިގެން، ކުކުޅުގެ އުފެއްދުންތަކާ ބެހޭ ސިނާއަތަށް ވަނީ ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފަ އެވެ. އަދި ކުކުޅާއި، މަސް ކެއުމަށް ބޭނުންކުރާ އެހެން ބާވަތްތަކުގެ އެތައް މިލިއަން ދޫންޏެއް ކަތިލައި މަރާލަން ޖެހިފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

ކަމާ ބެހޭ ތަޖުރިބާކާރުން މިހާރު އެންމެ ކަންބޮޑުވަނީ، މި ރޯގާ ވެސް ކޮވިޑް-19 ފަދައިން އިންސާނުންގެ ގަޔަށް އަރައިފާނެތީ އެވެ. ދޫނި ރޯގާގެ ބާވަތްތަކުގެ ތެރެއިން، އެޗް5އެން6 ބާވަތުގެ ވައިރަސް، މި އަހަރުގެ މިހާތަނަށް ވަނީ ޗައިނާގެ 21 މީހެއްގެ ހަށިގަނޑުން ފެނިފަ އެވެ. މިއީ 2020 ވަނަ އަހަރުގެ ތެރޭގައި މިބާވަތުގެ ވައިރަސް އިންސާނުންގެ ހަށިގަނޑަށް އެރިކަމަށް ރެކޯޑް ކުރެވިފައިވާ އަދަދަށް ވުރެ ވެސް ގިނަ އަދަދެކެވެ.

ދެކުނު ކޮރެއާގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ އޯއައިއީ އިން ބުނި ގޮތުގައި އެ ގައުމުގައި ކުކުޅު ގެންގުޅޭ ދަނޑެއްގައި މިހާރު ދަނީ ވަރަށް ހަލުވިކަމާ އެކު ދޫނި ރޯގާ ފެތުރެމުންނެވެ. އެއީ ގާތްގަނޑަކަށް 770،000 ކުކުޅު ގެންގުޅޭ ދަނޑެކެވެ. އެ ހުރިހާ ކުކުޅުތަކެއް މިހާރުވަނީ ކަތިލައި ނައްތާލައިފަ އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި ޖަޕާނުގެ އިރުއުތުރު ސަރަހައްދުގައި ވެސް ކުކުޅު ގެންގުޅޭ ދަނޑެއްގައި ދޫނި ރޯގާ ފެތުރެމުންދާކަން އެ ގައުމުން ވަނީ ރިޕޯޓްކޮށްފަ އެވެ. ޖަޕާނުގައި ދޫނި ރޯގާ ފެތުރެމުން ދަނީ އެޗް5އެން8 ބާވަތުގެ ވައިރަހުންނެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ނޯވޭގެ ކުކުޅު ދަނޑެއްގައި ވެސް ހަލުވިކަމާ އެކު ދޫނި ރޯގާ ފެތުރެމުންދާ ކަމަށް އެ ގައުމުން ވަނީ ރިޕޯޓްކޮށްފަ އެވެ. ގާތްގަނޑަކަށް 7،000 ކުކުޅު ގެންގުޅޭ ދަނޑެއްގައި ދޫނިރޯގާ ފެތުރެމުން ދަނީ އެޗް5އެން1 ބާވަތުގެ ވައިރަހުންނެވެ.

ބެލްޖިއަމްގައި ވެސް މިހާރު ވަނީ، ދޫނި ރޯގާ ފެތުރިދާނެ ކަމުގެ ބިރަށްޓަކައި، އެ ގައުމުގެ ކުކުޅު ދަނޑުތަކުގައި ގެންގުޅޭ ކުކުޅުތައް ކޮށިތަކުން ބޭރަށް ނުނެރުމަށް އިލްތިމާސްކޮށްފަ އެވެ. އެއީ އެ ގައުމުގެ ބައެއް ސަރަހައްދުތަކުން ރޭރާއި އަސްދޫނި ފަދަ ހިޖްރަކުރާ ބައެއް ދޫނިތަކުން، ދޫނިރޯގާ ފެނިފައިވާތީ އެވެ.

އާންމު ގޮތެއްގައި ދޫނި ރޯގާ ފެތުރެން ފަށަނީ ކޮންމެ އަހަރެއްގެ ވެސް ޚަރީފު މޫސުމުގެ ތެރޭގަ އެވެ. އެއީ އެ ދުވަސްވަރު ދުނިޔޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ހިޖްރަކުރާ ދޫނިތަކުގެ ސަބަބުންނެވެ.