Roadha Mihaaru
ޗައިނާ ހުއްޓުވަން ޖަޕާން، އެމެރިކާ، އީޔޫ ގުޅެންޖެހޭ

ޗައިނާ ހުއްޓުވަން ޖަޕާނާއި އެމެރިކާ އަދި އީޔޫ ގުޅެންޖެހޭ: ޖަޕާންގެ ބޮޑުވަޒީރު

14 ޖެނުއަރީ 2023

ވޮޝިންޓަން (ޖެނުއަރީ 14) - ނުފޫޒު ގަދަވަމުންދާ ޗައިނާ ހުއްޓުވަން ޖަޕާނާއި އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަން (ޖެނުއަރީ 14) - ނުފޫޒު ގަދަވަމުންދާ ޗައިނާ ހުއްޓުވަން ޖަޕާނާއި އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވެއްޖެ އެވެ.

އެމެރިކާ އާއި ޖަޕާނުން ފުޅާކުރަން ބޭނުންވާ ނުފޫޒަށް އެންމެ ބޮޑު ހުރަހެއް ކުރިމަތި ކުރަނީ ޗައިނާގެ ފަރާތުންނެވެ. ދުނިޔޭގެ ބާރުވެރިކަން ހޯދުމަށް ޗައިނާ ކުރާ މަސައްކަތް ފިކުރީ ގޮތުން އެމެރިކާ އާއި ޖަޕާނުގެ ފިކުރާ ތަފާތެވެ.

އެމެރިކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ވޮޝިންޓަންގެ ޖޯންސް ހޯޕްކިން އެޑްވާންސް އިންޓަނޭޝަނަލް ސްޓަޑީޒް ސްކޫލްގައި އިއްޔެ ވާހަކަ ދައްކަވަމުން ކިޝިޑާ ވިދާޅުވީ ޗައިނާގެ ނުފޫޒާއި ބާރު ގަދަވުމުން ދާތަން ބަލަން ޖަޕާނާއި އެމެރިކާ އަދި އީޔޫ އަށް ފަސޭހަ ނުވާނެ ކަމަށެވެ.

“ބައިނަލްއަގްވާމީ މުޖުތަމައު މިއޮތީ ތާރީހީ ބަދަލެއް އައުމުގެ މަގުމަތީގައި. އަޅުގަނޑުމެން ދަމަހައްޓަން ބޭނުންވާ މިނިވަން، ހުޅުވާލެވިފައިވާ އަދި ހަމަޖެހުމުގެ މަތީގައި އޮންނަން ބޭނުންވާ ބައިނަލްއަގްވާމީ ނިޒާމު މިހާރު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި،” ކިޝިޑާ ވިދާޅުވި އެވެ.

"މިހާރު ދުނިޔޭގެ ބާރު ހިނގާ ގޮތް އަދި ސިޔާސީ ގޮތުން ތަރުތީބު ވެފައިވާ ގޮތް އެހެން ގޮތަކަށް ފުރޮޅިގެން ދާކަށް އަޅުގަނޑުމެން ދުވަހަކު ވެސް ފުރުސަތެއް ނުދޭނަން."

ޖަޕާނާއި ޗައިނާގެ ކަނޑުގެ ސަރަހައްދު ވަކިކުރާ އިރުމަތީ ޗައިނާގެ ކަނޑުގައި ޗައިނާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ޖަޕާނުން ފާޑުކިޔަ އެވެ. ޗައިނާއިން މިދިޔަ އަހަރު ވަނީ ޖަޕާންގެ އައްސޭރިއަށް ވާސިލުވާވަރުގެ މިސައިލެއް އުފައްދައި ޓެސްޓްކޮށްފަ އެވެ.

ޗައިނާ އާއި ރަޝިއާ ދަތުރުކުރަނީ އެއް ވިސްނުމެއްގަ އެވެ، ރަޝި އާއި ޔޫކްރޭން ހަނގުރާމައިިގައި ހުޅަނގުން ތާއީދު ކުރަނީ ޔޫކްރޭނަށެވެ. އެކަމަކު ޗައިނާއިން ތާއީދު ކުރަނީ ރަޝިއާ އަށެވެ.

ކިޝިޑާ ވިދާޅުވީ ރަޝިއާ ނުހުއްޓުވައިފި ނަމަ އެފަދަ އެހެން ހަނގުރާމައެއް އޭޝިއާގެ ސަރަހައްދުގައި ހިނގުމުގެ ބިރު އެބައޮތް ކަމަށެވެ.

އެމެރިކާގެ ދަތުރުގައި ކިޝިޑާ ވަނީ އިއްޔެ އެ ގައުމުގެ ރައީސް ޖޯ ބައިޑަން އާ ވެސް ބައްދަލު ކުރައްވައިފަ އެވެ. ބައްދަލުވުމުގައި ބައިޑަން ވަނީ ޖަޕާނާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖަޕާންގެ ޑިފެންސް އިންޑަސްޓްރީ ތަރައްގީ ކުރުމަށް އެ ގައުމުން ކޮށްފައިވާ މަސައްކަތްތަކަށް ބައިޑަން ތައުރީފް ކުރެއްވި އެވެ. ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޖަޕާނުން ޑިފެންސް އިންޑަސްޓްރީ އަށް ކުރި އެންމެ ބޮޑު ހޭދަ އެ ގައުމުން ކުރީ މިދިޔަ އަހަރު އެވެ.