Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

03 ޖެނުއަރީ 2020

ބޮލީވުޑްގެ މިދިޔަ އަހަރުގެ ފަހު ފިލްމުގެ ގޮތުގައި ގެނެސްދިން "ގުޑް ނިއުޒް" ގެ އާމްދަނީ 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) ފަހަނަޅައި ހިނގައްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މިދިޔަ އަހަރުގެ ފަހު ފިލްމުގެ ގޮތުގައި ގެނެސްދިން "ގުޑް ނިއުޒް" ގެ އާމްދަނީ 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) ފަހަނަޅައި ހިނގައްޖެ އެވެ.

ކުރިން ވެސް ވަރަށް ހިނގާނެ ކަމަށް ބެލެވެނު މި ފިލްމަށް އިންޑިއާ އިން އެކަނި ލިބުނު އާމްދަނީ 100 ކްރޯޑަށް އެރީ ރިލީޒްކުރިތާ ހަ ދުވަހުގެ ތެރޭގައި މިދިޔަ ބުދަ ދުވަހު އެވެ. އެ ދުވަހާ ހަމައަށް ފިލްމަށް އިންޑިއާ އިން އެކަނި 117.10 ކްރޯޑް ރުޕީސް (16 މިލިއަން ޑޮލަރު) ލިބުނެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ރާޖް މެހެތާ ޑައިރެކްޓްކުރި ފިލްމަށް އިންޑިއާ އާއި އެ ގައުމުން ބޭރުގެ މާކެޓްތަކުން ބުދަ ދުވަހާ ހަމައަށް ލިބުނު ޖުމްލަ އާމްދަނީ 169.19 ކްރޯޑް ރުޕީސް (24 މިލިއަން ޑޮލަރު) އަށް އަރަ އެވެ.

"ގުޑް ނިއުޒް" އަކީ އައިވީއެފްގެ އެހީގައި ދަރިން ހޯދަން އުޅޭ ދެމަފިރިއެއްގެ ދަރިފަނި އެހެން ދެމަފިރިއެއްގެ ދަރިފަންޏާ އޮޅުންބޮޅުން ވެގެން ހިނގާ ހާދިސާތަކެއް ދައްކުވައިދޭ ފެމިލީ ކޮމެޑީ އެކެވެ.

މީގެ ކާސްޓުންނަކީ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރާއި ކިއާރާ އަދުވާނީގެ އިތުރުން ދިލްޖީތު ދޮސަންޖެވެ.

"ދަ ބިގް ބުލް" ގެ ޕޯސްޓަރެއް

އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށް، އަބީޝެކް ބައްޗަން ލީޑް ރޯލް ކުޅޭ ފިލްމު "ދަ ބިގް ބުލް: އޭން އަންރިއަލް ސްޓޯރީ" ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.

ބައޮގްރަފިކަލް ފައިނޭންޝަލް ކްރައިމް-ޑްރާމާއެއްގެ ގޮތުގައި ކޫކީ ގްލާޓީ ޑައިރެކްޓް ކުރާ ފިލްމުގެ ބަތަލާ އަކީ އަބީޝެކާ އަލަށް މަސައްކަތް ކުރާ އިލިއާނާ ޑި ކްރޫޒެވެ. "ދަ ބިގް ބުލް" ގެ ކާސްޓުންގެ ތެރޭގައި ނިކިތާ ދައްތާ، ރާމް ކަޕޫރް އަދި ސޯހަމް ޝާހް ހިމެނެ އެވެ.

ޖުމްލަ 85 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ތޫފާން" ގެ ފަސްޓް ލުކް ދައްކާލައިފި

ފަރްހާން އަޚްތަރު ބޮކްސިން ތެޅުންތެރިއެއްގެ ރޯލް ކުޅޭ ފިލްމު "ތޫފާން" ގައި އޭނާ ފެންނާނެ ގޮތް ދައްކާލައިފި އެވެ.

އާންމުކޮށްފައިވާ ފޮޓޯގައި ފެންނަނީ ފަރްހާން ބޮކްސިން ރިންގްގެ ތެރޭގައި ހުއްޓަ އެވެ. "ތޫފާން" އަކީ 2013 ގައި ފަރްހާނަށް އެންމެ މޮޅު ބަތަލުގެ ނެޝަނަލް އެވޯޑް ލިބުނު ބައޮގްރަފިކަލް ޑްރާމާ "ބާގް މިލްކާ ބާގް" ގެ ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާ ހަދާ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި މުރުނާލް ތާކޫރު، ޕަރޭޝް ރާވަލް، އީޝާ ތަލްވާރު، ރިޝީ ކަޕޫރް، ސުޕްރިޔާ ޕަތަކް، ދަރުޝަން ކުމާރު، ވިޖޭ ރާޒް، ސޯނީ ރާޒްދާން އަދި ރާޖްޕަލް ޔާދަވް ހިމެނެ އެވެ.

ޖުމްލަ 50 ކްރޯޑް ރުޕީސް (7 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމުގެ ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 2 ގަ އެވެ.

"ލޫޑޯ" ގައި ރާޖް ތަފާތުވާނެ

ޑައިރެކްޓަރު އަނޫރާގް ބާސޫ ގެނެސްދޭ އެންތޮލޮޖީ ފިލްމު "ލޫޑޯ" ގައި ރާޖްކުމާރު ރާއޯ ފެންނާނެ ގޮތް ދައްކާލައިފި އެވެ.

އާންމުކޮށްފައިވާ ފޮޓޯތަކަށް ބަލާ އިރު އޭނާ ފިލްމުގައި ފެންނާނީ ވަރަށް ތަފާތު ލުކްތަކެއްގަ އެވެ. "ލޫޑޯ" ގައި ރާޖްގެ ބަތަލާ އަކީ ފާތިމާ ސަނާ ޝެއިހެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަބީޝެކް، ސާނިއާ މަލްއުތުރާ، އަދިތިޔާ ރޯއި ކަޕޫރް، ޕަންކަޖް ތުރިޕަތީ، ރޯނިތު ރޯއި، ޖިމް ސަރްބް، އިޝާން ބިޝްޓް އަދި ޕާލް މާނޭ ހިމެނެ އެވެ. މީގެ އިތުރުން އަނޫރާގް އެންމެ ފަހުން 2016 ގައި ގެނެސްދިން ފިލްމު "ޖައްގާ ޖާސޫސް" ގެ ބަތަލު ރަންބީރު ކަޕޫރްގެ ހާއްސަ ފެނިލުމެއް ހިމެނޭނެ އެވެ.

"ލޫޑޯ" ރިލީޒް ކުރާނީ އޭޕްރީލް 24 ގަ އެވެ.