Roadha Mihaaru
ހަރުކަށި ވިސްނުމުގެ މީހަކު މާޅޮހުން ހައްޔަރުކޮށްފި

ހަރުކަށި ވިސްނުމުގެ މީހަކު މާޅޮހުން ހައްޔަރުކޮށްފި

28 ޑިސެމްބަރ 2019

ހަރުކަށި ފިކުރަށް ތާއީދުކޮށް ކޯޓުން ބޭރުން ކުޑަ ކުދިން މީހުންނާ ކައިވެނި ކުރުވި މީހަކު އއ. މާޅޮހުން މިއަދު ހައްޔަރުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހަރުކަށި ފިކުރަށް ތާއީދުކޮށް ކޯޓުން ބޭރުން ކުޑަ ކުދިން މީހުންނާ ކައިވެނި ކުރުވި މީހަކު އއ. މާޅޮހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ރަށުން ހައްޔަރު ކުރީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

އޭނާއަށް ކުރާ އެހެން ތުހުމަތުތަކުގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރުމާއި ދަރިން ބެލުމުގައި އިހުމާލުވުން ހިމެނެ އެވެ.

"އެ ކުދިންނަށް ލިބެންޖެހޭ އަސާސީ ހައްގުން މަހުރޫމްކޮށް، ބައެއް ދަރިން 18 އަހަރު ނުފުރެނީސް ކޯޓުން ބޭރުގައި ކައިވެނި ކުރުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ،" ފުލުހުން ބުންޏެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ފުލުހުން މިދިޔަ ހަފުތާގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ގައި ވެސް ކުރިން ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ތިން ފިރިހެނަކު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން މިއަދު ވަނީ އިތުރު 10 ދުވަސް ދީފަ އެވެ.

ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުޅޭ ކަމަށާއި އެ ފިކުރަށް ފުރުސަތު ނުދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެ، އެ މީހުންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް ފަށައިފަ އެވެ.