Roadha Mihaaru
ބްރިޖުގެ ދަގަނޑުތަކުން ދަބަރު ފިލުވަން އާ މެޓީރިއަލެއް

ބްރިޖުގެ ދަގަނޑުތަކުގައި ދަބަރު ޖަހާ މައްސަލަ ހައްްލު ކުރަން އާ މެޓީރިއަލެއް ބޭނުން ކުރަން ފަށައިފި

28 ޑިސެމްބަރ 2019

ސިނަމާލެ ބްރިޖުގެ ދެފަރާތާއި މެދުގައި ޖަހާފައިވާ ދަގަނޑުތަކުގައި ދަބަރު ޖަހާތީ އޭގެ ބަދަލުގައި އާ މެޓީރިއަލެއް ބޭނުންކޮށްގެން އެ މައްސަލަ ހައްލު ކުރަން ފަށާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒޭންގް ލިޒޯންގް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސިނަމާލެ ބްރިޖުގެ ދެފަރާތާއި މެދުގައި ޖަހާފައިވާ ދަގަނޑުތަކުގައި ދަބަރު ޖަހާތީ އޭގެ ބަދަލުގައި އާ މެޓީރިއަލެއް ބޭނުންކޮށްގެން އެ މައްސަލަ ހައްލު ކުރަން ފަށާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒޭންގް ލިޒޯންގް މިއަދު ވިދާޅުވެއްޖެ އެވެ.

ބޭނުން ކުރަން ފަށާފައިވާތާ އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ ބްރިޖުގެ ދަގަނޑުތަކުގައި ވަރަށް ބޮޑަށް ދަބަރު ޖަހާފައި ހުރެ އެވެ. ލޮނުގެ އަސަރު ގަދަ އަށް ކުރާ އެ ދަގަނޑުތަކުގައި ޖަހާފައި ހުންނަ ދަބަރުތައް ދޭތެރެދޭތެރެއިން އަންނަނީ ފިލުވަމުންނެވެ. ބްރިޖު ބޭނުންކުރަން ފެށިތާ ކުރީކޮޅު، ދަގަނޑުތަކުން ދަބަރު ފިލުވުމުގައި ޗައިނާގެ މަސައްކަތު މީހުން 24 ގަޑިއިރު ކަހަލަ ގޮތަކަށް ހަރަކާތްތެރިވި އެވެ.

މިކަމާ ގުޅޭ ގޮތުން ސަފީރު ޒޭންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަގަނޑުތަކުގައި ދަބަރުޖަހާ މައްސަލަ ހައްލު ކުރަނީ ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭ މެޓީރިއަލްއެއް ބޭނުންކޮށްގެން ކަމަށެވެ. އެކަން ކުރަނީ ޗައިނާގެ ޒިއޭމަން ޔުނިވާސިޓީ އާއި ބްރިޖު ހެދި އެ ގައުމުގެ ސީސީސސީ އިންޖިނިއަރިންގެ ޓީމުން އެކި ފަހަރު މަތިން ކުރި ދިރާސާތަކަކަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަފީރު ކުރެއްވި ޓްވީޓް

"ބްރިޖުގައި އަޅުގަނޑުމެން ކުރަން އެއްބަސް ވެފައިވާ ކަންކަން މަތިން ހަނދާނެއް ނުނެތޭ،" ސަފީރުގެ ޓުވީޓުގައި ވެ އެވެ.

ދަގަނޑު ތަކުގައި އަޅިކުލައިގެ އެ މެޓީރިއަލް ލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ސިނަމާލެ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ޚަރަދުވި އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރި އެވެ.