Roadha Mihaaru
ބްރިޖްގައި ލަނީ ދަބަރު ނުޖަހާނެކަން ކަށަވަރު ކޯޓިންއެއް

ދަބަރު ޖެހުން ހުއްޓުވަން ލަނީ ސިނަމާލެ ބްރިޖަށް ޚާއްސަ ކޯޓިންއެއް

05 ޖެނުއަރީ 2020

ސިނަމާލެ ބްރިޖުގެ ރެއިލިންތަކުގައި ދަބަރުޖެހުން ހުއްޓުވަންޓަކައި މިހާރު ލަމުން އަންްނަ އާ ކޯޓިން އަކީ ސީދާ އެކަމަށް ޚާއްސަކޮށް ޗައިނާގެ ޔުނިވާސިޓީއަކުން އުފެއްދި ކޯޓިންއެއް ކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިނަމާލެ ބްރިޖުގެ ރެއިލިންތަކުގައި ދަބަރުޖެހުން ހުއްޓުވަންޓަކައި މިހާރު ލަމުން އަންްނަ އާ ކޯޓިން އަކީ ސީދާ އެކަމަށް ޚާއްސަކޮށް ޗައިނާގެ ޔުނިވާސިޓީއަކުން އުފެއްދި ކޯޓިންއެއް ކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެ އެވެ.

ސަފީރު ޒާން ލިއޮން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖްގެ ގާޑް ރެއިލްްތަކުގައި ދަބަރު ޖެހިޔަ ނުދޭ ޓްރީޓްމެންޓާއި ކޯޓިން އުފެއްދުމަށް ތިން މަސް ދުވަސް ހޭދަވި ކަމަށެވެ. އަދި އެއަށް ފަހު 24 ގަޑިއިރު ލޮނު ޖަހާ ގޮތަށް ސާމްޕަލް ބަހައްޓައިގެން ނުވަ މަސް ދުވަސްވަންދެން ޗެކް ކުރުމަށް ފަހު ލެބޯޓްރީ އަށް ގެންގޮސް ޓެސްޓް ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތް ކުރީ ޗައިނާގެ ޝިއޭމަން ޔުނިވާސިޓީ އާއި ބްރިޖު ހެދި ސީސީސީސީ އިންޖިނިއަރިންގެ ޓީމުން ގުޅިގެންނެވެ. ސަފީރު ވިދާޅުވީ ބްރިޖުގެ ރެއިލިންގައި ދަބަރު ނުޖަހާ ގޮތް ހެދުމަށް އަހަރު ދުވަސް ހޭދަވީ ދިރާސާކޮށް ޓެސްޓް ކުރަން ވަގުތު ހޭދަވުމުން ކަމަށެވެ.

ބްރިޖްގެ ގާޑް ރެއިލްގައި ދަބަރު ޖެހިޔަ ނުދޭން ލަމުން އަންނަ ޓްރީޓްމެންޓާއި ކޯޓިން އުފެއްދުމުގައި އިސްކޮށް އުޅުއްވި ޕްރޮފެސަރު ލިން ޗާންޖިއާން މިހާރު ހުންނެވީ ރާއްޖޭގަ އެވެ. ސަފީރު ޒާން ކުރެއްވި ޓްވީޓެއްގައި ޕްރޮފެސަރުުގެ ވީޑިއޯ މެސެޖެއް ހިމެނުއްވި އެވެ.

"މި ދާއިރާގައި އަޅުގަނޑު ގިިނަ އަހަރުތަކެއް ވަންދެން މަަސައްކަތް ކޮށްފިން. އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑުގެ ޓެކްނޮލޮޖީ އާއި އުފެއްދުމުން ބްރިޖަށް ފައިދާ ކުރާނެ ކަމަށް،" މެސެޖްގައި އޭނާ ވިދާޅުވި އެވެ.

ބްރިޖްގެ ދަނގަނޑު ރެއިލިންތަކަށް ޓްރީޓްމެންޓް ދިނުމާއި ކޯޓިން ލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ކޯޓިިން ލުމަށް ފަހު ހިކެންދެން ބަހައްޓަނީ ހިޔާ ކޮށްފަ އެވެ.

ސިނަމާލެ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ޚަރަދުވި އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރި އެވެ.