Roadha Mihaaru
ސަފީރުގެ ރައްދު: ޗައިނާއަކީ މާލީގޮތުން އެހީވާ ގައުމެއް

ޗައިނާ ސަފީރުގެ ރައްދު: ދަންތުރައެއް ނޫން، މިއީ މާލީގޮތުން އެހީވާ ގައުމެއް

14 ޑިސެމްބަރ 2019

ޗައިނާއަކީ މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްކަމަށް ވިދާޅުވެ، ރާއްޖޭގައި ހުންނަވާ ސަފީރު ޒޭންގް ލިޒޯންގް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، މިރޭ ރައްދު ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޗައިނާއަކީ މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްކަމަށް ވިދާޅުވެ، ރާއްޖޭގައި ހުންނަވާ ސަފީރު ޒޭންގް ލިޒޯންގް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، މިރޭ ރައްދު ދެއްވައިފި އެވެ.

މަޖިލީހުގެ ވަފުދަކާ އެކު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުގައި، އެ ގައުމުގެ "ލޮކް ސަބާ ޓީވީ" ގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ޗައިނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު އޮތް ގުޅުން ބަދަހި ނުވެ ރާއްޖެ ވެއްޓުނީ ބޮޑު ދަރަންޏެއްގެ ތެރެއަށް ކަމަށެވެ.

އޭގެ ފަހުން އިންޑިއާގެ މީޑިއާތަކާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެ އާއި ޗައިނާ ދެމެދު ގާއިމްކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް ކުރިއަށް ނުގެންދާނެ ކަމަށެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ސަފީރު ކުރެއްވި ފުރަތަމަ ޓްވީޓުގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބޭފުޅަކު އަނެއްކާ ވެސް، ނާޒުކު އަދި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކައިފި ކަމަށެވެ. އޭނާ ދެން އެއްސެވީ، ޗައިނާ އިން ރާއްޖޭގެ ބިން ޖަހައިގަނޭތޯ އެވެ. އެކަމުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި އެހެން ގައުމަކުން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓާއި ޗައިނާއާ އެއްވެސް ތަފާތެއް ނެތް ކަމަށް ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ ދަންތުރައެއްގެ ބަދަލުގައި ޗައިނާއަކީ އެކި ކަންކަމުގައި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ. އަދި ޓޫރިޒަމް އިސްތިހާރުކުރުމުގައި ޗައިނާއަކީ ރާއްޖެ އަށް އޮތް އެންމެ ބޮޑު ވަސީލަތްކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މިހާތަނަށް އިންވެސްޓްކޮށްފައިވަނީ ޗައިނާގެ ވަރަށް މަދު އަމިއްލަ ކުންފުނިތަކެއް ކަމަށާއި އެ ތަންތަން އަދި ނުހުޅުވާ ކަމަށް ވިދާޅުވި އެވެ.

"ޗައިނާ އަށް ދަރާފައިވާ ދަރަނި ދައްކަންޖެހޭގޮތް ބަދަލުކުރުން؟ އަހަރެންގެ ޖަވާބަކީ އެއްބަސްވުމަށް އިހުތިރާމް ކުރާށޭ. މިނިވަން މުސްތަގިއްލު ގައުމެއްގެ ގަދަރު ހިފެހެއްޓުމަކީ ރަނގަޅު ކަމެއް،" ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޓެގްކުރައްވައި ސަފީރު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

ފްރީ ޓްރޭޑް އެގްރިމެންޓާ ގުޅޭގޮތުން ސަފީރު ވިދާޅުވީ ރާއްޖޭގެ ސަރުކާރުން އިހުތިޔާރުކުރާނީ އެންމެ ރަނގަަޅު ގޮތަށް ކަމަށް ގަބޫލްކުރާ ކަމަށެވެ. އެ އެއްބަސްވުން ގާއިމްކުރީ އެތައް އަހަރެއްވަންދެން ދެ ގައުމުން ކުރި މަޝްވަރާތަކަށްފަހު ކަމަށް ވިދާޅުވި އެވެ.

ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން ރާއްޖޭގެ ސިޔާސީ ބޭފުޅުން ޒިންމާދާރުކަމާއެކު އަމަލުތައް ބަހައްޓާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި މި މުހިއްމު ގުޅުން ރަނގަޅު ފާލެއްގައި ދެމެހެއްޓުމަށް ހާސިލްކުރެވިފައިވާ ކަންކަމާމެދު އުފާކުރެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

މީގެ ކުރިން ވެސް ޗައިނާއާ ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން އެ ދެ ބޭފުޅުން ސޯޝަލް މީޑިއާގައި ހޫނު ޒުވާބަކަށް ދިޔަ އެވެ.