Roadha Mihaaru
ތިމާވެށީގެ އެކްޓިވިސްޓާ މެދު ބައްޕަ ކަންބޮޑުވޭ

ތިމާވެށީގެ އެކްޓިވިސްޓުގެ ކުރިމަގާ މެދު ބައްޕަ ކަންބޮޑުވޭ

31 ޑިސެމްބަރ 2019

އެންމެ އިސް ސަފަށް ނުކުމެ ގްރެޓާ ތަންބާގް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ތާއިދު ނުކުރާ ކަމަށާއި ދަރިފުޅުގެ ކުރިމަގާ ދޭތެރޭ ވެސް ކަންބޮޑުވާ ކަމަށް އޭނާގެ ބައްޕެ އެސްވަންޓޭ ތަމްބާގް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ އިސް ސަފަށް ނުކުމެ ގްރެޓާ ތަންބާގް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ތާއިދު ނުކުރާ ކަމަށާއި ދަރިފުޅުގެ ކުރިމަގާ ދޭތެރޭ ވެސް ކަންބޮޑުވާ ކަމަށް އޭނާގެ ބައްޕެ އެސްވަންޓޭ ތަމްބާގް ބުނެފި އެވެ.

މިޝަލް ހުސައިން ޕްރެޒެންޓްކުރާ ބީބީސީގެ ރޭޑިއޯ 4 ގެ "ޓުޑޭ ޕްރޮގްރާމް" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ސްވިޑްން އަށް އުފަން އުމުރުން 16 އަހަރުގެ ދަރިފުޅު ކިޔެވުން އެއްފަރާތް ކޮށްފައި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔެ ހޭލުންތެރިކުރަން ކުރިއަށް ނުކުތުމަކީ އެހާ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ.

"އެކަމަކު ދަރިފުޅު ބޮޑަށް ގަޔާވަނީ ކިޔެވުމަށް ވުރެ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަން ކަމަށް އަހަރެންނަށް ގަބޫލު ކުރެވެނީ،" ގްރެޓާ ވެސް ބައިވެރިވި އިންޓަވިއުގައި އެސްވަންޓޭ ބުންޏެވެ.

"އަދި އަހަރެން އެންމެ ކަންބޮޑު ވަނީ ދަރިފުޅު ކުރާ މަސައްކަތްތަކާ ގުޅިގެން އޭނާ އަށް އަމާޒުވާ ފާޑުކިޔުންތަކާއި ނަފުރަތާއި ރުޅިވެރިކަމާ ހެދި."

އޭނާ ބުނިގޮތުގައި ދަރިފުޅު ކިޔެވުމާ ދުރުވެ، ބައެއް މީހުންގެ ނަފުރަތާ ކުރިމަތިލާން ޖެހޭ ކަހަލަ ކަމެއްގެ ތެރެއަށް ނުކުތުމުން މުސްތަގަބަލަށް ވެދާނެ ގޮތަކާ ދޭތެރޭ ފިކުރުބޮޑުވެ އެވެ. ދަރިފުޅުގެ ބައެއް ވާހަކަތައް ހިއްސާ ކުރަމުން އެސްވަންޓޭ ބުނީ، ތިނެއް ނުވަތަ ހަތަރު ވަރަކަށް އަހަރު ވަދެންދެން ޑިޕްރެޝަންގެ ތެރޭގައި ވެސް ގްރެޓާ އުޅެފައިވާ ކަމަށެވެ.

"އެ ހިސާބުން އޭނާ ސްކޫލަށް ދާން ދެކޮޅު ހެދުމާއި ވާހަކަ ދެއްކުން މަދުވުމާއި ކެއުން ހުއްޓައިލުން ފަދަ ކަންކަން ކުރިމަތިވެ، އަހަރެމެންގެ އާއިލާ އަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވި،" އެސްވަންޓޭ ބުންޏެވެ.

"މިކަމާ ގުޅިގެން ގްރެޓާގެ މަންމަ [އޮޕެރާ ލަވަކިޔުންތެރިޔާ މެލެނާ އާމަން] ގެ މަސައްކަތްތައް ވެސް ހުއްޓާލައި ހުންނަން ޖެހުނީ ގޭގައި."

އޭނާ ބުނިގޮތުގައި، ފަހުން ގްރެޓާގެ ފަރާތުން ފެންނަން ފެށީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ވާހަކަ ދައްކައި، ދިރާސާ ހެދުން ކަހަލަ ކަންކަމަށް ޝައުގުވެރި ވާން ފެށި ތަނެވެ. އަދި އޭގެ ތެރެއިން އައި އެންމެ ބޮޑު ބަދަލަކީ ވައިގެ މަގުން ދަތުރުކުރަން ވެސް ދަރިފުޅު ދެކޮޅުން ހަދަން ފެށުން ކަމަށް ބުންޏެވެ.

"އޭގެ ފަހުން އަހަރެން ގްރެޓާ ގޮވައިގެން ޒީރޯ ކާބަން ޔޮޓެއްގައި ސެއިލް ކުރަން ފެށީ. މިއީ ހަގީގަތުގައި އަހަރެން ކްލައިމެޓް ޗޭންޖާ ދެކޮޅަށް ފެށި ކަމެއް ނޫން،" އެސްވަންޓޭ ބުންޏެވެ.

"އެ މަންޒަރު ބަދަލުކުރި މީހަކީ ގްރެޓާ. ދަރިފުޅުގެ ހައްގުގައި ފެށުނު ކަމެއް މިއީ."

ގްރެޓާ ބައްޕައާ އެކު.

ގްރެޓާ ބައްޕައާ އެކު.

އޭނާ ބުނީ އާއިލާގައި ތިބީ ދެ އަންހެން ކުދިން ކަމަށާއި އެންމެ ބޮޑަށް ބޭނުންވަނީ އެ ކުދިން އުފަލުގައި އުޅޭ ތަން ފެނުން ކަމަށެވެ.

"އަހަރެން ގަބޫލު ވެސް ކުރަން މިހާރު ގްރެޓާ އަކީ އާދައިގެ ކުއްޖެއް ނޫން ކަމަކަށް. އަދި އޭނާ ކުރި މަސައްކަތުން ބޮޑު ބަދަލެއް ވެސް ވަނީ ފެންނަން ފަށާފައި. އެކަމަކު އަހަރެން ބޭނުންވޭ ދަރިފުޅު އުފާވެރި ހަމަޖެހޭ އާންމު ދިރިއުޅުމެއް އުޅޭ ތަން ވެސް ދެކެން،" މި އަހަރުގެ ނޮބެލް ސުލްހައިގެ އިނާމަށް ވެސް ނޮމިނޭޓްވި ގްރެޓާއާ ބެހޭ ގޮތުން ބައްޕަ ބުންޏެވެ.

އެސްވަންޓޭ ބުނީ އަންނަ ޖެނުއަރީ މަހުގެ ތިނެއްގައި ގްރެޓާ އަށް 17 އަހަރު ވެސް ފުރޭތީ ކުރިއަށް އޮތް ތަނުގައި ދަރިފުޅަށް އެކަނި ދަރުތު ވެސް ކުރެވޭނެ ކަމަށެވެ.

"އެކަމަކު އޭނާ އަށް އެކަމުގައި އަހަރެންގެ އެހީ ބޭނުންވާ ނަމަ އެކަން ކޮށްދެވޭތޯ ބަލާނަން،" އޭނާ ބުންޏެވެ.

ބީބީސީގެ އިންޓަވިއުގައި، ތިމާވެއްޓާ ބެހޭ ތާރީޚު ދިރާސާކުރާ އިނގިރޭސި ވިލާތުގެ މަޝްހޫރު ޑޭވިޑް އެޓެންބަރާ ސްކައިޕް މެދުވެރިކޮށް ގްރެޓާއާ ވާހަކަ ދައްކައި، އޭނާ ކުރަމުން އަންނަ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށް ހިތްވަރު ދެއްވާފައި ވެ އެވެ. އަދި މިދިޔަ 20 އަހަރު ދުނިޔެ އަށް ނުކުރެވި އޮތް މަސައްކަތެއް ގްރެޓާ ނުކުމެ ކޮށް، އެތައް ބައެއްގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.