Roadha Mihaaru
ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފަށައިފި

އެފްއޭއެމުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފަށައިފި

31 ޑިސެމްބަރ 2019

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކުގެ ނޫސްވެރިންގެ ބައްދަލުވުންތައް އެފްއޭއެމުން އަލުން އިއްޔެ ފަށައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކުގެ ނޫސްވެރިންގެ ބައްދަލުވުންތައް އެފްއޭއެމުން އަލުން އިއްޔެ ފަށައިފި އެވެ.

މެޗުތަކުގެ ކުރިންނާއި ފަހުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތައް އެފްއޭއެމުން މި ހަފުތާގައި ކުއްލި ގޮތަކަށް ކެންސަލްކުރީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފަހަކަށް އައިސް ފުރަތަމަ ޑިވިޝަނުގެ ކޯޗުން އެފްއޭއެމަށް ފާޑުކިޔަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. އެފްއޭއެމުން މިގޮތަށް ނިންމި ސަބަބު ސާފުކުރަން އިއްޔެ ހަވީރުން ފެށިގެން އެފްއޭއެމްގެ މީޑިއާ ވަޓްސްއަޕް ގްރޫޕުގައި ނޫސްވެރިން ސުވާލުކުރުމުން އޭރު އެއްވެސް ޖަވާބެއް ނުލިބުނެވެ.

އެކަމަކު އެ ވާހަކަ މީޑިއާތަކުގައި ރިޕޯޓްކުރަން ފެށުމުން އިއްޔެ އެ އެސޯސިއޭޝަނުން ބުނީ އާދީއްތަ ދުވަހު އީގަލްސް އާއި ފ. ނިލަންދޫގެ މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރެވުނީ އޮޅުމަކުން ކަމަށެވެ. އަދި މެޗުގެ ކުރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރީ އެފްއޭއެމްގެ މީޑިއާ ރޫމުގައި ކުޑަ މަރާމާތެއް ކުރަމުންދާތީ އާއި އެފްއޭއެމްގެ އާ ޓެކްނިކަލް ޑިރެކްޓަރު އެފްއޭއެމްގެ ޓެކްނިކަލް ސްޓާފުންނަށް ހަތް ދުވަހުގެ ސެމިނާ އެއް ކުރިއަށްދާތީ ކަމަށެވެ. މެޗުތަކުގެ ކުރިން އިންޓަވިއު ނަގަން ޓީމުތަކުގެ ޕްރެކްޓިސްތަކަށް ފަހު ޓާފް ދަނޑުގައި ފުރުސަތު އޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެފްއޭއެމުން ވަނީ އިއްޔެ ހަވީރު ޓީސީ އާއި ފޯކައިދޫ އަދި ރޭ ދަ ގްރާންޑޭ އާއި ޔުނައިޓެޑް ވިކްޓްރީ ކުޅުނު މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުން އިންތިޒާމްކޮށްފަ އެވެ. އެކަމަކު ފެށުމުގެ ކުރިން އެފްއޭއެމްގެ އޮފިޝަލަކު ވަނީ، ސުވާލުކުރެވޭނީ ހަމައެކަނި މެޗާ ގުޅޭ ގޮތުން ކަމަށް ނޫސްވެރިންނަށް އަންގައިފަ އެވެ.

ލީގުގައި އާދީއްތަ ދުވަހާއި އިއްޔެ ކުޅެން ޝެޑިއުލް ކޮށްފައިވާ މެޗުތަކުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ނޫސްވެރިންނަށް ދައުވަތު ދިނީ ހޮނިހިރު ދުވަހު މެންދުރު ފަހު 2:30 އަށެވެ. ކެންސަލްކޮށްލީ 1:30 ގަ އެވެ.

ބަދަލުތައް ގެނެސްގެން މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފަށައި، ގައުމީ ޓީމަށް ފުރުސަތު ދިނުމުގެ ގޮތުން ލީގު ވަނީ ހަތަރު ފަހަރެއްގެ މަތިން މެދުކަނޑާލައިފަ އެވެ. ކޮންމެ ބްރޭކަކަށް ފަހު އަލުން ލީގު ފަށާއިރު ޓީމުތަކަށް ދިމާވާ މައްސަލަތަކާ ބެހޭގޮތުން ކްލަބްތަކުގެ ކޯޗުން އައިސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޝަކުވާތަށް އޮއްސާލަ އެވެ. ޓީމުތަކަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ މާލީ ގޮތުން ދިމާވެފައިވާ ދަތިތަކުގެ ސަބަބުންނެވެ. އެ ގޮތުން މެޖޯރިޓީ ކްލަބްތަށް މި އަހަރު ބަރޯސާވެފައި އޮތީ އެފްއޭއެމުން ދޭ ފައިސާ އަށެވެ. މިދިޔަ ދެ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދެމުން އައި ފައިސާ މި އަހަރު ލިބޭނެ ގޮތް ނުވުމުން އެ ފައިސާ ދޭން ނިންމީ އެފްއޭއެމުން އަމިއްލަ އަށެވެ.ޔެ