Roadha Mihaaru
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ޑިސެމްބަރަށް؟

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ޑިސެމްބަރަށް؟

04 ޖުލައި 2020

އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓުގެ މިހާރުގެ މަސައްކަތްތަކަށް ބަލާއިރު މި އަހަރުގެ ފުޓްބޯޅަ ސީޒަން ފެށޭނެ ކަމަށް ލަފާކުރެވެނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓުގެ މިހާރުގެ މަސައްކަތްތަކަށް ބަލާއިރު މި އަހަރުގެ ފުޓްބޯޅަ ސީޒަން ފެށޭނެ ކަމަށް ލަފާކުރެވެނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މި އަަހަރު ޖޫން މަހު ފުޓްބޯޅަ ސީޒަން ފަށަން ރޭވިފައި އޮތް ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެ ތާރީހުގައި ފެށޭގޮތެއްނުވި އެވެ. ފަހުން މަސައްކަތްކުރީ ސެޕްޓެމްބަރު ނޫނީ އޮކްޓޫބަރުގައި ފުޓްބޯޅަ ސީޒަން ފެށުމަށެވެ. އެކަމަކު އެ މުއްދަތުގައި ސީޒަން ފެށެން ނެތީ އޮކްޓޫބަރާއި ނޮވެމްބަރުގައި ގައުމީ ޓީމަށް ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކެއް ހުރުމުންނާއި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ގައުމުން ބޭރަށް ދާން ޖެހޭތީ އެވެ.

މިހާރު އޮތްގޮތުން ސީޒަން ހުޅުވާ މެޗު ކުޅުމަށް ވަގުތީ ގޮތުން ވިސްނާފައިވާ ތާރީހަކީ ޑިސެމްބަރު މަހު އަށް ވަނަ ދުވަހެވެ.

އޮކްޓޫބަރު މަހު ކުޅޭ ކޮލިފައިން ދެ މެޗުގައި އަށް ވަނަ ދުވަހު ރަށުންބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅުމަށް ފަހު 17 ވަނަ ދުވަހު މާލޭގައި ސީރިއާއާ ބައްދަލުކުރާނެ އެވެ. އެ އަށް ފަހު އޮކްޓޫބަރު 23 ގައި އޭއެފްސީ ކަޕް މެޗުތަކަށް މާޒިޔާ އާއި ޓީސީ ފުރާނެ އެވެ. މިހާރު އޮތް ގޮތުން ހުރިހާ މެޗުތައް ކުރިއަށްދާނީ އެއް ދަނޑެއްގަ އެވެ. އެ މެޗުތަކަށް ފަހު ޓީސީ އާއި މާޒިޔާ އެނބުރި މާލެ އަންނާނީ ނޮވެމްބަރު މަހު ފުރަތަމަ ހަފްތާ ތެރޭގަ އެވެ. އެ އަށް ފަހު ގައުމީ ޓީމުން ތައްޔާރުވާނީ ނޮވެމްބަރު 17 ގައި ރަށުންބޭރުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ ކޮލިފައިން މެޗަށެވެ.

އޭއެފްސީ ކަޕާއި ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ނުވިސްނައި އަވަސް އަރުވާލައިގެން ސީޒަން ފަށައިފިނަމަ އަނެއްކާ ވެސް ލީގުގައި ބޮޑު ބްރޭކްތަކެއް އަންނާނެ އެވެ. އެ ގޮތަށް ބޭނުންނުވާތީ އެފްއޭއެމްގެ ވިސްނުން ހުރީ ސީޒަން ފެށުން ޑިސެމްބަރަށް ހެދުމަށެވެ. އެއީ ކޮލިފައިން ފަހު މެޗު ނިންމުމަށް ފަހު ކްލަބްތަކަށް ފަރިތަކުރަން 20 ވަރަކަށް ދުވަސް ވެސް ދިނުމަށް ފަހު އެވެ.

"މި ފަހަރުގެ ކަލަންޑަރު އެކުލެވިގެންދާނީ އެއްވެސް ވަރަކަށް ބޭނުންނުވާ ބްރޭކްތައް ނުނަގާނެ. ކޮލިފައިން އަށް ފީފާ ޑޭސްގައި އެ އޮންނަ ބްރޭކްތައް ނަގާނީ. ބޮޑު ބްރޭކެއް އެންމެ ގިނަ ދުވަސްވެގެން ވެސް ނަގާނީ އެއް މަސް ދުވަސް. އެއީ ސާފް ޗެމްޕިއަންޝިޕް ކަހަލަ މުބާރާތެއް އޮވެއްޖިއްޔާ އެ މުބާރާތަކާ ދިމާކޮށް،" ބައްސާމް ވިދާޅުވި އެވެ. "ވަރަށް އަވަހަށް ކްލަބްތަކާ ބައްދަލުކުރުމަށް ފަހު ގޮތްތަކެއް ނިންމުމަށް ފަހު މި ފައިނަލް ކުރެވިގެންދާނެ."

އެފްއޭއެމުން ކުރިން ބުނެފައިވަނީ އަންނަ ސީޒަނުގެ މެޗުތައް ދެ ދަނޑެއްގައި ކުޅެން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ގަލޮޅު ދަނޑުގެ އިތުރުން ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އޮތް ވިނަގަނޑު ތަރައްގީކޮށް އެ ދަނޑުގައި މެޗުތައް ކުޅެން ރޭވި އެވެ. އެކަމަކު މިހާރު ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ވިސްނުން ގެންގުޅޭއިރު ހުޅުމާލޭ އެ ދަނޑުގެ މަސައްކަތް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ ހަރަދުތައް ބައްޓަންކުރަންވާނީ އެެންމެ މަދުން ހަރަދުކޮށްގެން ކުރެވޭގޮތަށް. ހުޅުމާލޭ އޮންނަ ދަނޑު ތައްޔާރުކުރުން މަޖުބޫރެއް ނޫން މިހާރަކު އަވަސް އަރުވާލައިގެން. އެހެން ނަމަވެސް ޑިސެމްބަރު ވާންވާއިރަށް އަޅުގަނޑުމެންގެ ވިސްނުން ހުރީ ވިލިމާލޭ ދަނޑު ނިމިފައި ކަމަށް ހުންނާނީ. ސްޕެކްޓޭޓާ (ސަޕޯޓަރުންގެ) ސްޓޭންޑް ވެސް ނިމިފައި ކަމަށް މި ބަލަނީ. ފަހަރުގައި ބައެއް މެޗުތައް އަޅުގަނޑުމެން ވިލިމާލޭ ދަނޑުގައި ކުޅުމަކީ އެކަށީގެންވާ ކަމެއް. އިރާދަކުރެއްވިއްޔާ ދެ ވެނިއުއެއް އޮންނާނީ،" ބައްސާމް ވިދާޅުވި އެވެ.

މިދިޔަ ދެ ސީޒަނުގައި އެފްއޭއެމް ކަލަންޑަރު ފުރިހަމައެއް ނުކުރެވުނެވެ. ފުރަތަމަ ޑިވިޝަން ޓީމުތަކަށް ހަމައެކަނި އޮތް މުބާރާތަކީ ޕްރިމިއާ ލީގެވެ. އެކި ސަބަބުތަކާ ހުރެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕެއް ނެތެވެ. މަދު މުބާރާތްތަކެއް އޮތުމަކީ ކުޅުންތެރިންގެ ޝަކުވާ އެކެވެ. ބައްސާމް ވިދާޅުވީ ކުރިއަށް އޮތް ސީޒަނުގައި ކަލަންޑަރު ފުރިހަމަ ކުރާނެ ކަމަށާއި ހުރިހާ މުބާރާތެއް ބޭއްވުމަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.