Roadha Mihaaru
ދިވެހި ލީގު ފަށަން ހުއްދަ އެބައޮތް: އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގު ފަށަން ހުއްދަ އެބައޮތް: އެފްއޭއެމް

08 ނޮވެމްބަރ 2020

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ އެކު މަޝްވަރާކުރެވިފައިވާ ކަންތައްތަކާއި ގައިޑްލައިނުގެ ތެރެއިން އަންނަ މަހު ދިވެހި ޕްރިމިއާ ލީގު ފަށަން ހުއްދަ ލިބިފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ އެކު މަޝްވަރާކުރެވިފައިވާ ކަންތައްތަކާއި ގައިޑްލައިނުގެ ތެރެއިން އަންނަ މަހު ދިވެހި ޕްރިމިއާ ލީގު ފަށަން ހުއްދަ ލިބިފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ކޮވިޑް-19އާ ގުޅިގެން ބަދަލުވަމުން އަންނަ ހާލަތަށް ބަލާފައި އެޗްޕީއޭ އިން ރޭ ދިން ލުއިތަކުގެ ތެރޭގައި ވަނީ އެ އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މުބާރާތްތައް ފިޔަަވައި ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓް ޑޯ ކުޅިވަރުތައް ކުޅުމަށް ހުއްދަދީފަ އެވެ. މިއާ އެކު މިނިސްޓްރީ އާއި ކުޅިވަރު އެސޯސިއޭޝަންތަކުން އެޗްޕީއޭއާ އެކު ގައިޑްލައިންތައް މަޝްވަރާ ކުރުމަށް ފަހު މުބާރާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ވަނީ މިދިޔަ މަހުގެ ތެރޭގައި ޕްރެކްޓިސްތައް ފަށައިފަ އެވެ. ޕްރެކްޓިސް ފެށުމާ އެކު އެފްއޭއެމުން ވަނީ ކްލަބްތަކަށް ފަސޭހަ އަށް ޝެޑިއުލެއް އާންމުކޮށްފަ އެވެ. އޭގައި ވާގޮތުން އަންނަ މަހު އަށް ވަނަ ދުވަހު ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އާއި އީގަލްސް ކުޅޭނެ އެވެ. އަދި ލީގު ފަށަން ތާވަލުކޮށްފައި އޮތީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ އެޗްޕީއޭއާ އެކު ކުރިއަށް ގެންދެވުނު މަޝްވަރާތަކަށް ފަހު ކޮވިޑް-19ގެ ހާލަތަށް ބަދަލެއް ނާންނަނަމަ ލީގު ފަށަން ހުއްދަ ލިބިފައިވާ ކަމަށެވެ.

"އެފްއޭއެމަށް އޮތީ ވަކިން ހުއްދައެއް ދީފައި ލީގު ކުރިއަށް ގެންދަން. މިއީ ހަމައެކަނި ލީގަށް ދީފައިވާ ހުއްދައެއް. އެހެން އިތުރު މުބާރާތަކަށް ދީފައިވާ ހުއްދައެއް ނޫން. ކޮވިޑް-19އާ ހެދި ހާލަތަށް ބަދަލެއް އައިސްގެން އެޗްޕީއޭ އިން ނާންގާ ހިނދަކު މިހާރު މި އޮތް ޝެޑިއުލަށް ލީގު ކުރިއަށް ގެންދެވޭނެ،" ޖަވާ ވިދާޅުވި އެވެ.

މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަށް ޓީމަކީ މާޒިޔާގެ އިތުރުން ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ގައިޑްލައިންގައި ހިމެނޭ ކަންތައްތަކަށް ބަލާއިރު ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް ވަންނަން ޖެހޭނީ މާސްކް އަޅައިގެންނެވެ. ދަނޑަށް ވަންނައިރު ފިނިހޫނުމިން ޗެކްކުރަން ޖެހޭނެ އެވެ. އަދި ކަނޑައެޅިފައިވާ ފިނިހޫނުމިނަށް ވުރެން މަތި ވެއްޖެނަމަ ދަނޑަށް ނުވައްދާ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރަން ޖެހޭނެ އެވެ. މީގެ އިތުރުން ޓްރެއިނިން ދަނޑަށް އަންނައިރު އެއް ކްލަބް އަނެއް ކްލަބާއި މަސްހުނިނުވާ ގޮތަށް ހެދުމާއި ޓްރެއިން ކުރާއިރު ކޮންމެ ޓީމަކުން ވެސް ބައިވެރިވެވޭނީ 30 ކުޅުންތެރިންނާއި 10 އޮފިޝަލުން ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުންނަށް ސެނިޓައިޒާ އާއި ފެނުގެ އިންތިޒާމު ހަމަޖައްސާފައި ހުންނަން ޖެހެ އެވެ.