Roadha Mihaaru
ވީމީޑިއާގެ ސީއޯއޯގެ މަގާމުން މޮންދު ވަކިވެއްޖެ

ވީމީޑިއާގެ ސީއޯއޯގެ މަގާމުން މޮންދު އިސްތިއުފާ ދެއްވައިފި

30 ޑިސެމްބަރ 2019

ވީމީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުން، މީޑިއާގެ ދާއިރާގެ ތަޖުރިބާކާރު މުހައްމަދު އާސިފް (މޮންދު) މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވީމީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުން، މީޑިއާގެ ދާއިރާގެ ތަޖުރިބާކާރު މުހައްމަދު އާސިފް (މޮންދު) މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ދައުލަތުގެ މީޑިއާގައި ބްރޯކާސްޓިން ދާއިރާ އިން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު، އޭނާ ވީމީޑިއާގެ ސީއޯއޯގެ މަގާމާ ހަވާލުވެ ވަޑައިގަތީ އޭޕްރީލް، 2013 ގަ އެވެ.

އޭގެ ހަ އަހަރު ފަހުން، މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވުމަށް ވީމީޑިއާގެ މުވައްޒަފުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި މޮންދު ވިދާޅުވީ، އޭނާ އެ ފިޔަވަޅު އެޅުއްވީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށެވެ. އަދި ވީމީޑިއާއާ ދޫކުރެއްވީ އެއްވެސް ހިތްހަމަނުޖެހުމެއް އޮވެގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ވީމީޑިއާ އިން މޮންދު ވަކިވެވަޑައިގަތުމާ ގުޅިގެން، އެ ތަނުގެ ނޫސްވެރިޔާ އަމީނާ ކުރި ޓުވީޓު

މީޑިއާގެ އެކި މަގާމުތަކުގައި 29 އަހަރު އުޅުއްވާފައިވާ މޮންދު ވިދާޅުވި ގޮތުގައި، ވީމީޑިއާ އިން ވަކިވެވަޑައިގަތަސް އޭނާ ބްރޯޑްކާސްޓިން ދާއިރާ ދޫކޮށެއް ނުލައްވާނެ އެވެ. އެހެންވެ، ކުޑަ ބްރޭކަކަށް ފަހު ބްރޯކާސްޓް ދާއިރާގެ ޚިދުމަތުގައި އަދިވެސް ހުންނަވާނެ ކަމަށް މޮންދު ވިދާޅުވި އެވެ.

ވީމީޑިއާގެ ސީއޯއޯގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާގައި 23 އަހަރު ވަންދެން މޮންދު މަސައްކަތް ކުރެއްވި އެވެ.

ދައުލަތުގެ މީޑިއާ ޓީވީއެމްގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރެއްވި މޮންދު އެތަނުގައި އެންމެ ފަހުން އަދާކުރެއްވީ، އޭރު ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑު ހިންގި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ ސީއޯއޯގެ މަގާމެވެ. އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިިލް (އެމްއެމްސީ) ގެ ރައީސްކަން ވެސް ދެ އަހަރު ވަންދެން ކުރައްވައިފަ އެވެ.