Roadha Mihaaru
މުސާރަނުދެވި ވީމީޑިއާ ހުއްޓާލަން ޖެހިދާނެކަން އަންގައިފި

ވީމީޑިއާގައި މުސާރައެއް ނުދޭ، މިހާރު ބުނަނީ ކުންފުނި ހުއްޓާލަންޖެހިދާނެ ކަމަށް

12 މެއި 2020

އާމްދަނީ ލިބޭނެ ގޮތެއް ޖޫން މަހުގެ ނިޔަލަށް ނުފެނިއްޖެ ނަމަ، ވީޓީވީ ހިންގާ އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީގެ ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިދާނެކަން އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު އަންގައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އާމްދަނީ ލިބޭނެ ގޮތެއް ޖޫން މަހުގެ ނިޔަލަށް ނުފެނިއްޖެ ނަމަ، ވީޓީވީ ހިންގާ އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީގެ ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިދާނެކަން އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު އަންގައިފި އެވެ.

ވީމީޑިއާގެ ހިންގުން ހުއްޓާލަން ޖެހިދާނެކަން އަންގައި އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވަނީ މައި ކުންފުނި ވިލާ ގްރޫޕަށް ޓޫރިޒަމް ސިނާއަތުން ލިބެމުންދިޔަ އާމްދަނީ ކޮވިޑް-19ގެ ސަބަބުން އެއްކޮށް ހުއްޓިފައިވާ ކަމަށެވެ. އެހެންވެ ކުންފުންޏަށް ވަރަށް ބޮޑު އަޑިގަނޑަކާ ކުރިމަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އެހެންވެ މިހާލަތުގައި ކުންފުނީގެ ހުރިހާ ހިންގުމެއް ވަގުތީ ގޮތުން ހުއްޓާލަން ޖެހިދާނެ ކަމަށާއި ޖޫން މަހާ ހަމައަށް މި ހާލަތުން އަރައި ނުގަނެވޭ ނަމަ މުވައްޒަފުންނާ މެދު ގޮތެއް ނިންމައި އަންގާނެ ކަމަށް ބުނެފައިވެ އެވެ.

"މިހާލަތުގައި ކުންފުނި ދެމެހެއްޓުމަށް ކުރެވުނު މަސައްކަތުން، އާމްދަނީ އިތުރުކުރެވޭނެ އެއްވެސް އަލި މަގެއް މިހާތަނަށް ފެނިފައި ނުވާތީވެ، ކުންފުނީގެ އޮޕަރޭޝަންސް ވަގުތީގޮތުން ހުއްޓާލަން ޖެހޭ ދަރަޖައަށް ކަންކަން ގޮސްފައިވާކަން ހިތާމައާއެކު ދަންނަވަމެވެ." ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕްގެ ދަށުން ހިންގަމުން އަންނަ ކުންފުނިން ފޮނުވި ސާކިއުލާގައިވެ އެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ މި ހާލަތުގައި މުވައްޒަފުންނަށް މުސާރަ ވެސް ހަމައަށް ދެވެން ނެތުމުން އޭޕްރިލް މެއި އަދި ޖޫން މަހު ހުރިހާ މުވައްޒަފުންނަށް ވެސް ދެވެން އޮތީ 2،222ރ. ކަމަށެވެ. އަދި ކުންފުނީގެ ހިންގުން މެދުކަނޑާލިޔަސް ތިން މަހުގެ މުސާރަ އާއި ރޯދަ އެލަވަންސް ހުރިހާ މުވައްޒަފުންނަށް ވެސް ދޭނެ ކަމަށް ބުނެފައިވެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ވީމީޑިއާގެ މުވައްޒަފަކު ކިޔައިދިން ގޮތުގައި، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިކަމަކަށް ފަހު މެނޭޖްމަންޓުން ވަނީ ދެ ފަހަރަކު މުވައްޒަފުންނާ ވަކި ވަކިން ބައްދަލުކޮށް ހާލަތު އަންގައިދީފައިވާ ކަމަށެވެ. ބަދަލުތައް އަންނާނެ ކަމަށް ބުނެފައިވަނީ އޭޕްރިލް މަހުން ފެށިގެން ކަމަށާއި ނަމަވެސް މާޗް މަހުގެ ފުރިހަމަ މުސާރަ ވެސް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"މާޗް މަހުގެ މުސާރަ ލިބުނީ މަހުގެ ފަހުކޮޅު 6000ރ. ހުރިހާ މުވައްޒަފުންނަށް، ރޯދަ އެލަވަންސް އަދިވެސް ނުލިބޭ، އޭޕްރިލް މަހުގެ މުސާރަ ވެސް އަދިވެސް ނުލިބޭ އެ ހުރިހާ އެއްޗެއް ދޭނެ ކަމަށް ބުނި، އެކަމު ލިބޭނެ ދުވަހެއް ނޭނގި ތިބެން ޖެހުނީމަ ވަރަށް އުނދަގޫ،" އޭނާ ކިޔައިދިނެވެ.

އެ މުވައްޒަފު ކިޔައިދިން ގޮތުގައި ކޮންމެ މަހެއްގެ ވެސް 10 ވަނަ ދުވަހުގެ ކުރިން މުސާރަ ދޭނެ ކަމަށް އެގްރީމަންޓުގައި އޮންނައިރު ވެސް މަހުގެ ފަހުކޮޅަށް ދާއިރު ވެސް މުސާރަ އެއްކޮށް ނުލިބޭ ކަމަށެވެ. އަދި މުސާރަ ދޭނެ ކަމަށް ބުނާ ދުވަހަށް ނުދޭތީ ވަރަށް ބޮޑަށް ދަތިވާ ކަމަށް ބުންޏެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ އެކު ދަތުރުފަތުރު ހުއްޓުމަކަށް އައިސް، ޓޫރިސްޓުން އައުން ހުއްޓުމުން ރިސޯޓްތައް ވަނީ ބަންދުކުރަން ޖެހިފަ އެވެ. ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ ޓޫރިޒަމަށް މި އައި ހީނަރުކަމާ އެކު ރާއްޖޭގެ މުޅި އިގްތިސާދު ވަނީ ވަރަށް ބޮޑު ހީނަރުކަމެއްގެ ތެރޭގަ އެވެ.