Roadha Mihaaru
"ހިތްގައިމު ތަނަކަށް މާލެ ހަދަން މަސައްކަތް ކުރާނަން"

ގޮންޖެހުން ބޮޑު، އެކަމަކު ހިތްގައިމު ތަނަށް މާލެ ހަދަން މަސައްކަތް ކުރާނަން: އާ މޭޔަރު

04 ޖޫން 2017

މާލޭގެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެ ކަންކަމާއެކު ވެސް މާލެ އަކީ ހިތްގައިމު ތަނަކަށް ހަދަން މަސައްކަތް ކުރައްވާނެ ކަމަށް މާލޭގެ އާ މޭޔަރު، ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެ ކަންކަމާއެކު ވެސް މާލެ އަކީ ހިތްގައިމު ތަނަކަށް ހަދަން މަސައްކަތް ކުރައްވާނެ ކަމަށް މާލޭގެ އާ މޭޔަރު، ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން މޭޔަރު ޝިފާ "މިހާރު" އަށް ވިދާޅުވީ ކުރީގެ ކައުންސިލްގައި މަސައްކަތް ކުރައްވާފައިވާތީ، ރައްޔިތުންނަށް ހިދުމަތް ދޭން ހުރި ގޮންޖެހުންތައް ވަރަށް ރަނގަޅަށް ސާފުވެވަޑައިގަންނަވާ ކަމަށެވެ. އެކަން އެނގިވަޑައިގަންނަވާއިރު ވެސް އަލުން ކައުންސިލްގައި މަސައްކަތް ކުރައްވަން ބޭނުންވީ، ރައްޔިތުން އެދޭ ގޮތަށް ހިދުމަތްތައް ފޯރުކޮށްދެއްވަން ހައްލުތަކެއް ފެނޭތޯ ކަމަށް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުން ބޮޑެތި ބާރުތަކެއް ކައުންސިލަށް ދީފައިވީ ނަމަވެސް އެ ބާރުތައް ތަންފީޒުކުރާނެ ހުރިހާ މަސައްކަތްތަކަކާއި ބަޖެޓު ވެސް މާލޭ ސިޓީ ކައުންސިލުގެ އަތުން ވަނީ އަތުލައިފަ އެވެ. މިއީ، މިފަހަރު އިންތިހާބުވެވަޑައިގެންނެވި ކައުންސިލަރުންނަށް ވެސް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކައުންސިލްގެ ހުރިހާ ކަމެއް ނިގުޅައިގަނެގެން ދިޔައީ. ކުރީގެ މޭޔަރު ޝިހާބު ވެސް ވަރަށް ބޮޑު ހިތްވަރަކާ އެކުގައި މަސައްކަތްތައް ކުރެއްވީ. އަޅުގަނޑަށް އެނގޭ ހިންގުމުގައި ހުރި ދަތިތަކަކީ ކޮބައިކަން. އެކަމަކު ވެސް އަޅުގަނޑުމެން [ކައުންސިލް މެމްބަރުން] ވިސްނާފައި ހައްލުތަކެއް ނެރެވޭތޯ ގޮތްތަކެއް ރާވާނަން،" މާލޭގެ މޭޔަރުގެ މަގާމާ ރޭ ހަވާލުވެވަޑައިގެންނެވި ޝިފާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ މެމްބަރުން ހުވާ ކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލޭ ސިޓީ ކައުންސިލްގެ އާ މެމްބަރުން ހުވާ ކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޭނާ ފާހަގަކުރެއްވި ގޮތުގައި އެކި ދާއިރާތަކުން ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވީ އެ ދާއިރާގެ ރައްޔިތުންގެ އިހްސާސްތައް ދަންނަ ބޭފުޅުންތަކެކެވެ. އެހެންވެ، ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިންމަން ކައުންސިލަށް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

ޝިފާ ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލަކީ މާލޭގެ ރައްޔިތުންގެ ގިނަ މައުލޫމާތުތަކާއި މުދާ ހުރި ތަނަކަށް ވިއަސް އެ ހުރިހާ ތަކެއްޗެއް ވެސް ވަނީ ކައުންސިލްގެ އަތުން ނަގައިފަ އެވެ. އެއީ ވެސް ވަރަށް ދެރަކޮށް ހިންގި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވި ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމުގައި މާލޭ ރައްޔިތުން އެދޭ ގޮތަށް ސަރުކާރުން ދޫ ދޭން ޖެހެ އެވެ. އިސްލާހުގެ މަގަށް ކަންކަން ކުރާ ނަމަ ރަނގަޅު ކުރެވޭނެ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އޭގެ މަންފާ ސަރުކާރާއި ކައުންސިލަށް ވެސް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭގެ ކުރިއެރުމާއި ތަރައްގީ އަށް ރާވައި ކައުންސިލުން ހިންގާ މަސައްކަތްތަކުގައި މާލޭގެ ރައްޔިތުން ވެސް އެއްބާރުލުން ދޭން ޝިފާ އެދިވަޑައިގެންނެވި އެވެ.

"އެތަކެއް މައްސަލަތަކެއް މިހާރު އެބަހުރި. އަޅުގަނޑަށް މެސެޖުތަކުން ވެސް ލިބިފައި އެބަހުރި އެތައް ބައިވަރު ޝަކުވާތަކެއް. އަދި ރައްޔިތުން ބޭނުންވާ އެތައް ކަމެއް ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނަން ތިޔަ ރައްޔިތުންނާ އެކުގައި މާލެ އަކީ މީހުން ދިރިއުޅޭ ހިތްވާ ކަހަލަ ތަނަކަށް ހެދުމަށް."

އެކަންކަމަށް ހައްލު ހޯދަން، ޝިފާ ވިދާޅުވި ގޮތުގައި، ސަރުކާރާ އެކު އިށީނދެވޭނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ. އެކި މުއައްސަސާތަކާ އެކު މަޝްވަރާ ކޮށްގެން މައްސަލަތައް ހައްލުކުރަން ކައުންސިލުން ބޭނުންވާއިރު، އެ ކަންކަމަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ވެސް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ މެމްބަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު ޝިފާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ހުވާލައިދެއްވި އާދަމް މުހައްމަދާ ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލޭ ސިޓީ ކައުންސިލްގެ އާ މެމްބަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު ޝިފާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ހުވާލައިދެއްވި އާދަމް މުހައްމަދާ ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"އެ ފުރުސަތު އަޅުގަނޑުމެންނަށް ނުދެއްވައިފި ނަމަ އޭގެ ނަތީޖާ ސަރުކާރަށް އަނެއްކާ ވެސް ރައްޔިތުން ދައްކާނީ ވަރަށް ގޯސްކޮށް. އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ. ސަރުކާރު ހިންގުމުގައި އެބަތިއްބެވި ވިސްނުން ތޫނު، ކަންކަމާ ކަންބޮޑުވެ ރައްޔިތުންގެ ކަންކަން ހައްލުކުރަން ބޭނުންވާ ބޭފުޅުން، މުއައްސަސާތަކުގައި، ސިވިލް ސާވިސްގައި އެބަތިއްބެވި،" ޝިފާ ވިދާޅުވި އެވެ.

ސަރުކާރާ އެކު ކުރަން ޖެހޭ މަސައްކަތްތަކުގައި ކައުންސިލުން އެއްބާރުލުން ދިން ނަމަވެސް ރައްޔިތުންގެ ހައްގުގައި ބަސް ބުނަން ޖެހޭ ތަންތަނުގައި އެކަން ވެސް ކައުންސިލުން ކުރާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ، ޑިމޮކްރެޓިކް ވެއްޓެއް. ރައްޔިތުންގެ ހައްގުގައި ބަސް ބުނީމާ އެކަމަމާ ކޯފާވެގެން ހިތްހަމަނުޖެހިގެން ކަންކަން ކުރުން ހުއްޓާލަން ޖެހޭ. ރައްޔިތުންގެ ހައްގުގައި ބަސް ބުނީމާ އެކަން ސަރުކާރުން ގަބޫލުކުރައްވަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލާމަޒުކަރީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ވަރަށް މުހިއްމު ކަމެކެވެ. އެހެންވެ ކައުންސިލަށް ބަޖެޓު ހަމަޖައްސައިދީ، ވަސީލަތްތައް އަނބުރާ ދިނުމަށް ޝިފާ ގޮވާލެއްވި އެވެ.