Roadha Mihaaru
ހައްގުތައް ފޯރުކޮށްދިނުމުގައި ބޭއިންސާފު ނުވާނަން:އަނަސް

ބޭއިންސާފު ނުވެ، ހައްގުވެރިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ: އަނަސް

02 މާޗް 2020

ބޯހިޔާވަހިކަމުގައި ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ބޭއިންސާފާއި ހައްގު ނިގުޅައިގަތުމުގެ އުސޫލު އެމްޑީޕީގެ ވެރިކަމުގައި ތަންފީޒުނުކުރާނެ ކަމަށާއި ހައްގުވެރިންނަށް އިންސާފުވެރިކަމާ އެކު ބޯހިޔާވަހިކަން ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް މާލޭގެ މޭޔަރަކަށް ވާދަ ކުރައްވާ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޯހިޔާވަހިކަމުގައި ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ބޭއިންސާފާއި ހައްގު ނިގުޅައިގަތުމުގެ އުސޫލު އެމްޑީޕީގެ ވެރިކަމުގައި ތަންފީޒުނުކުރާނެ ކަމަށާއި ހައްގުވެރިންނަށް އިންސާފުވެރިކަމާ އެކު ބޯހިޔާވަހިކަން ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް މާލޭގެ މޭޔަރަކަށް ވާދަ ކުރައްވާ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މާލޭގެ ބައެއް ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލެ އަށް މިހާތަނަށް ހޯދުނު އެންމެ ރަނގަޅު ހައްލަކީ އަދި އެންމެ ކާމިޔާބު ސިޔާސަތަކީ ވެސް އެމްޑީޕީން 2008 ގައި ކުރިއަށް ގެންދިޔަ "ވެށިފަހި މާލެ" ޕްރޮގްރާމް ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގެ ވިސްނުމަކީ އެ މަޝްރޫއު އަލުން އިޔާދަކޮށް، ހައްގުވެރިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

އަނަސް ވިދާޅުވި ގޮތުގައި އާ ގާނޫނުއަސާސީން ލާމަރުކަޒުކޮށް ހިންގުން ފަދަ ރައްޔިތުންގެ ބާރުތައް ދޫކޮށްލުމާއި އަސާސީ ހައްގުތައް ކަށަވަރުކޮށްދީ އެމްޑީޕީން 2008 ގައި ވެރިކަމަށް އައިއިރު ރައްޔިތުންނަށް ވީ އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަމާ އެކު ތާހިރު ދިރިއުޅުމެއް ހޯދައިދިނުމެވެ. އެ ވައުދު ލިޔެ ތަންފީޒުކުރުމާ ހަމައަށް ދިޔައީ އެމްޑީޕީން ދޮރުން ދޮރަށް ހިނގައި، ވާހަކަތައް އަޑުއަހައި ދަތިވާ ކަންކަމާއި ހިޔާލު ހޯދައިގެން ކަން ފާހަގަކުރެއްވި އެވެ.

މާލޭ ރައްޔިތުންގެ ކަންބޮޑުވުންތައް އަނަސް އަޑުއައްސަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

މާލޭ ރައްޔިތުންގެ ކަންބޮޑުވުންތައް އަނަސް އަޑުއައްސަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

ވެރިކަމުގައި ހޭދަކުރަން އެމްޑީޕީ އަށް އެ ފަހަރު ލިބުނު ކުރު މުއްދަތުގައި ވެސް އެ ސިޔާސަތު ރައްޔިތުން އެދޭގޮތަށް، ތަންފީޒުކުރަން ފެށުނު ކަމަށް ވިދާޅުވި އެވެ.

އެ ޕްރޮގްރާމުން ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބުނު ނަމަވެސް ލިޔުން ލިބި ފްލެޓާއި ގޯތި ކަށަވަރު ނުވެ ރައްޔިތުންތަކެއް ދަތި ހާލުގައި އުޅެން މަޖުބޫރުވީ، އަނަސް ވިދާޅުވި ގޮތުގައި، ބަޣާވާތަކުން އެމްޑީޕީގެ ވެރިކަން ވައްޓާލުމެވެ. އޭގެ ފަހުން 2018 އާ ހަމައަށް ރާއްޖޭގައި އުފެދުނު ދެ ސަރުކާރުން ވެސް ބޯހިޔާވަހިކަމުގައި އިސްކުރީ ބޭއިންސާފާއި ހައްގުތައް ނިގުޅައިގަތުން ކަމަށް ވިދާޅުވި އެވެ.

"ހައްގުވެރިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން [ފަހުން އައި ދެ ސަރުކާރުން] ވެސް ވަނީ ނުކުޅެދިފައި،" އަނަސް ވިދާޅުވި އެވެ.

އަންނަ މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި އޭނާއާ ވާދަކުރައްވަން ނިންމެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަކީ ބޯހިޔާވަހިކަމުގެ ހައްގު އެތައް ބައެއްގެ އަތުން ނިގުޅައިގަނެ ބޭއިންސާފު އިސްކުރެއްވުމުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅާ ކަމަށް ވިދާޅުވި އެވެ. ކުރީގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުޅުވާލައި މުއިއްޒުގެ އަމިއްލަ ލިސްޓަކަށް، ޕީޕީއެމްގެ އިސް ބޭފުޅުންނާއި ރަހުމަތްތެރިންނަށް ފްލެޓްތައް ބައްސަވާލެއްވި ކަމަށް އަނަސް ވިދާޅުވި އެވެ.

"ހައްގުވެރިންނަށް އެއްކައިރިކޮށްފައި އެތައް ތަނަވަސް ބޭފުޅުންތަކަކަށް ފްލެޓްތައް ނުވަތަ ބޯހިޔާވަހިކަން ބައްސަވާލެއްވި،" އަނަސް ވިދާޅުވި އެވެ.

މިރޭގެ ބައްދަލުވުމުގައި، މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ދަތިތައް ނަޝީދާއި އަނަސްގެ އިތުރުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މާލޭގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން އެއްސެވި އެވެ. ނަޝީދު ދެއްވި ޔަގީންކަމަކީ، މާލޭގެ ހާލު މިހާރު އޮތް ގޮތަށް ގޯސްވާން ދޫކޮށްނުލައްވާނެ ކަމެވެ. ހައްލުތައް ހުރީ މާކުރީއްސުރެން ފެށިގެން ވެސް ކަރުދާހުގައި ލިއެފައި ކަމަށާއި ސަރުކާރުން އެކަންކަން ތަންފީޒުކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ބައްދަލުވުމުގެ ބައިވެރިންނާ އެކު ނަޝީދު: ފޮޓޯ/ސޯޝަލްމީޑިއާ

ބައްދަލުވުމުގެ ބައިވެރިންނާ އެކު ނަޝީދު: ފޮޓޯ/ސޯޝަލްމީޑިއާ

އެ ސިޔާސަތުތައް، ލާމަރުކަޒީ ނިޒާމުގެ ފިކުރާ އިދިކޮޅު ޕީޕީއެމަށް ކުރިއަށް ގެންދަން ނޭނގޭނެ ކަަމަށް ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ތަކުރާރު ކުރައްވައި މާލެ އަށް އެމްޑީޕީން ނެރުނީ ގާބިލް، މާލޭގެ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވޭނެ ކެންޑިޑޭޓެއް ކަމަށް ވދިާޅުވި އެވެ.

އަނަސް އަކީ އެމްޑީޕީގެ ހަރަކާތްތަކުގައި އުޅުއްވި، ރައްޔިތުންގެ އިހްސާސްތައް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް. --ނަޝީދު

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަ ކުރައްވަނީ ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ހަރަކާތްތަކުގައި އުޅުއްވި، ރައްޔިތުންގެ އިހްސާސްތައް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެކެވެ. މާލޭގެ ރައްޔިތުންގެ ބޭނުންތަކާއި ދަތިވެފައި ހުރި މައްސަލަތަކާ އެކު އެމްޑީޕީގެ ސިޔާސަތުތައް ވެސް އަނަސް އަށް މާބޮޑަށް ސާފުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

މާލޭ ރައްޔިތުންގެ ކަންބޮޑުވުންތައް އަނަސް އަޑުއައްސަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

މާލޭ ރައްޔިތުންގެ ކަންބޮޑުވުންތައް އަނަސް އަޑުއައްސަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

އެމްޑީޕީއާ ވާދަކުރަން ޕީޕީއެމް ނުކުމެ ފާޑުކިޔާއިރު ޕީޕީއެމްގެ ލީޑަޝިޕުން ލާމަރުކަޒީ ނިޒާމާ މެދު ވިސްނުން ގެންގުޅެނީ ކޮން ގޮތަކަށް ކަން އެ ބޭފުޅުންގެ ވާހަކަތަކާއި ކަންކުރެއްވި އުސޫލާއި މަންޒަރުތަކުން ލިއެވިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.