Roadha Mihaaru
އަނަސް، މޭޔަރު ކަމަށް ވާދަކުރަން ފޯމު ހުށަހަޅުއްވައިފި

އަނަސް، މޭޔަރު ކަމަށް ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފި

17 ފެބުރުއަރީ 2020

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީން މިދިޔަ މަހު 31 ގައި ބޭއްވި ޕްރައިމަރީގައި މާލޭގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ބަލިކުރައްވައި، މާލޭގެ މޭޔަރުކަމުގެ އެ ޕާޓީގެ ޓިކެޓް، ގާނޫނީ ވަކީލް އަނަސް ކަށަވަރު ކުރެއްވީ 200 ވޯޓުގެ ތަފާތުންނެވެ.

އަންނަ އެޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވުމަށް އަނަސްއާ އެކު، އެމްޑީޕީން މާލޭގެ 19 ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓުން ވެސް މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފަ އެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމު އަނަސް ކާމިޔާބު ކުރައްވާނީ 12،000 ވޯޓާ އެކު ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި މަހު 11 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރައްވާ އަނަސް ވަނީ އެ ރޭގެ 12 ޖެހުމަށް ފަހު މަގާމުން ވަކިވެވަޑައިގެންފަ އެވެ.

އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ލޯންޗު ކުރުން އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މާލޭގައި ބާއްވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މާލޭގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވެސް ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފަ އެވެ.