Roadha Mihaaru
އީލޮން މަސްކްގެ ބިމުއަޑީގެ މަގު މި އަހަރު ހުޅުވަނީ

އީލޮން މަސްކްގެ ބިމުއަޑީގެ މަގު މި އަހަރު ހުޅުވަނީ

01 ޖެނުއަރީ 2020

އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކްގެ "ދަ ބޯރިން ކޮމްޕެނީ" އިން އެމެރިކާގެ ލަސް ވެގަސް ސިޓީގެ ކާރޫބާރޫ ބޮޑު މަގުތަކުގެ ޓްރެފިކް މައްސަލަ އަށް ހައްލެއް ހޯދައިދޭން ތަރައްގީ ކުރަމުން އަންނަ ފުރަތަމަ ކޮމާޝަން ޓަނަލް ނުވަތަ ބިމުގެ އަޑީގެ މަގު މި އަހަރުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމުގެ އުންމީދު އޮތް ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކްގެ "ދަ ބޯރިން ކޮމްޕެނީ" އިން އެމެރިކާގެ ލަސް ވެގަސް ސިޓީގެ ކާރޫބާރޫ ބޮޑު މަގުތަކުގެ ޓްރެފިކް މައްސަލަ އަށް ހައްލެއް ހޯދައިދޭން ތަރައްގީ ކުރަމުން އަންނަ ފުރަތަމަ ކޮމާޝަން ޓަނަލް ނުވަތަ ބިމުގެ އަޑީގެ މަގު މި އަހަރުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމުގެ އުންމީދު އޮތް ކަމަށް ބުނެފި އެވެ.

ޓެސްލާ އާއި ސްޕޭސް އެކްސް ކުންފުނީގެ ވެސް ވެރިޔާ ބުނީ، ލަސް ވެގަސްގެ ކޮންވެންޝަން ސެންޓަރާ ގުޅުވައިދޭ ބިމުގެ އަޑީގެ މަގު ރަސްމީކޮށް އަންނަ އަހަރު ބޭނުންކުރަން ފަށާ އިރު، މި މަގު ހާއްސަ ވާނީ އިލެކްޓްރިކް ވެހިކަލްތަކަށް ކަމަށެވެ.

އެގޮތަށް ނިންމި މައިގަނޑު ސަބަބަކީ އޭނާ ބުނިގޮތުގައި، ތިމާވެއްޓާ ރައްޓެހި ނޫން ހަކަތަ ބޭނުންކުރާ އުޅަނދުތަކުން ބޭރުވާ ކެމިކަލްގެ މާއްދާތަކުން ބިމު އަޑީގެ މަގު ތާހިރުކޮށް، ބޭނުންކުރާ މީހުންނަށް އިތުރު ރައްކާތެރިކަން ހޯދައި ދިނުމަށެވެ.

"މި ބާވަތުގެ އާ ކަންކަން އަހަރެމެން މިހާރު ނުކުރާ ނަމަ ޓްރެފިކްގެ މައްސަލަތައް ދާނީ އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުން،" އީލޮންގެ ޓްވީޓެއްގައި ބުންޏެވެ.

"ލަސް ވެގަސްގައި މި ހަދާ ޓަނަލަކީ މި މަސައްކަތުގެ ފެށުން."

ލަސް ވެގަސްގެ ޓްރެފިކް މައްސަލާގައި 2017 ވަނަ އަހަރު ކަންބޮޑުވުން ފާޅުކޮށް، އެ ސީޓިގައި ބިމުގެ އަޑީގެ މަގެއް ހަދާކަން ރަސްމީކޮށް އީލޮން އިއުލާން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ބޯރިން ކޮމްޕެނީ ބުނިގޮތުގައި އާ މަގު ބޭނުންކުރަން ފަށާ އިރު ބިމު އަޑީގެ އެ މަގަކީ އެމެރިކާގައި މިހާރު ގާއިމުކޮށްފައި މި ބާވަތުގެ އެހެން މަގުތަކަށް ވުރެ ފެންވަރު ރަނގަޅު ވަސީލަތަކަށް ވާނެ އެވެ. އަދި އެ މަގުގައި ގަޑިއަކު 155 މޭލަށް ދުއްވައި ލެވޭނެ އެވެ.

ޓަނަލްތަކާއި އެކި ބާވަތުގެ އިންފްރާސްޓްރަކްޗާތަކަށް ހާއްސަ ކުންފުންޏެއްގެ ގޮތުގައި އީލޮންގެ ދަ ބޯރިން ކޮމްޕެނީ ވުޖޫދަށް އައީ 2016 ގަ އެވެ.