Roadha Mihaaru
ތެލުން ދުއްވާ ވެހިކަލް ކެލިފޯނިއާގައި މަނާކުރަނީ

ތެލުން ދުއްވާ ވެހިކަލް ކެލިފޯނިއާގައި މަނާކުރަނީ

25 ސެޕްޓެމްބަރ 2020

ތިމާވެއްޓަށް ގެއްލުންދޭ ވިހަ ގޭސްތައް ޖައްވަށް ދޫކުރާ އިންޖީނުލީ އުޅަނދުފަހަރު 2035 އިން ފެށިގެން އެމެރިކާގެ ކެލިފޯނިއާގައި ވިއްކުން މަނާކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތިމާވެއްޓަށް ގެއްލުންދޭ ވިހަ ގޭސްތައް ޖައްވަށް ދޫކުރާ އިންޖީނުލީ އުޅަނދުފަހަރު 2035 އިން ފެށިގެން އެމެރިކާގެ ކެލިފޯނިއާގައި ވިއްކުން މަނާކުރަން ނިންމައިފި އެވެ.

އެ ސްޓޭޓްގެ ގަވަރުނަރު ގެވިން ނިއުސަމް ވިދާޅުވީ މިހާރު ވެސް މި ތިބީ މޫސުމީ ބަދަލުތަކުގެ ކާރިސާގެ ތެރޭގައި ކަމަށާއި އެކަމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. ގަވަރުނަރު ވިދާޅުވި ގޮތުގައި މިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 2035 އިން ފެށިގެން، ކެލިފޯނިއާގައި ވިއްކޭނީ އެމިޝަން ފްރީ އުޅަނދު ކަމަށެވެ. އަދި މިކަމަކީ ޖަންގަލިތަކުގައި ރޯވުމާއި ދުނިޔޭގެ ގަނޑުފެންތައް ވިރުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ މައްސަލަތަކާ ދެކޮޅަށް އަޅާ ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

ތިމާވެއްޓަށް އިސްކަންދޭ ވަރަށް ގިނަ ގައުމުތަކުން މިހާރު އަންނަނީ ޑީސަލާއި ޕެޓްރޯލް ފަދަ ހަކަތަ ބޭނުންކުރާ އުޅަނދުފަހަރު ދޫކޮށްލައި ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުފެއްދުންތަކަށް އިސްކަން ވެސް ދެމުންނެވެ.

ކެލިފޯނިއާ އަކީ މިހާރު ވެސް ތިމާވެށީގެ ގިނަ މައްސަލަތަކެއް ތަޖުރިބާކުރަން ޖެހިފައިވާ ސްޓޭޓެކެވެ. އެގޮތުން އެ ތަނުގެ ޖަންގަލިތައް އެނދުމަކީ ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ.

މިފަދަ މައްސަލަތަކާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުން ތިމާވެއްޓަށް ގެއްލުން ހަކަތަ ބޭނުންވާ އުޅަނދު ފަހަރު 2035 އިން ފެށިގެން ކެލިފޯނިއާގައި ވިއްކުން މަނާކުރަން ނިންމީ ބުދަ ދުވަހު ނެރުނު އެގްކެޒެޓިވް އަމުރެއްގެ ދަށުންނެވެ.

މި އަހަރުގެ ކުރީކޮޅު ކެލިފޯނިއާ އިން ވަނީ އެ ސްޓޭޓްގައި ވިއްކާ ބަރު އުޅަނދު ފަހަރު ވެސް 2045 ގެ ފަހުން ވާން ޖެހޭނީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ކަމަށް ނިންމައިފަ އެވެ.